ފުރައްސާރަ ކުރުމާއި މަލާމާތް ކުރުމަކީ މިއަދުގެ ދުނިޔޭގައި އާއްމު ކަމަކަށް ވެފައިވާ މައްސަލައެކެވެ. ވަކީން ހާއްސަކޮށް އަންހެނުންނަށް ކުރާ ފުރައްސާރައާއި މަލާމާތުގެ މައްސަލަތައް ދަނީ އިންތިހާއަށެވެ.

މިފަދައިން މީހުންނަށް ފުރައްސާރަކޮށް އުދަނގޫ ކުރާ މީހުން ހައްޔަރުކޮށް އަދަބު ވެސް ދެވެއެވެ. އިންޑިޔާގެ އުއްތަރު ޕްރަދޭޝްއިން ވެސް ހައްޔަރު ކޮށްފައިވަނީ މިފަދައިން އަންހެނުންނަށް ފުރައްސާރަކޮށް އުޅުނު ފިރިހެނެކެވެ.

އުމުރުން 45 އަހަރުގެ ރަވިންދުރަ ކުމާރު މަޔުރިއާއަކީ ފެން ޕަންޕު މަރާމާތު ކުރުމުގެ މަސައްކަތް ކުރާ މީހެކެވެ. މި މީހާއަކީ އެކި އަންހެނުންނަށް ފޯނުން ގުޅައިގެން އެމީހުންނަށް ފުރައްސާރަކޮށް އުދަނގޫ ކުރާ މީހެކެވެ.

އުއްތަރު ޕްރަދޭޝްގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ރަވިންދުރައާއި ހިލާފަށް މިފަދަ 113 މައްސަލައެއް ހުށަހެޅިފައިވެއެވެ. އެއީ އުއްތަރު ޕްރަދޭޝްގެ 36 ސަރަހައްދަކުންނެވެ. އެންމެ ގިނަ މައްސަލައެއް ހުށަހަޅާފައިވަނީ ލަކްނަވްއިންނެވެ. އެއީ 19 މައްސަލައެކެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ރަވިންދުރަ ހިތަށް އައި ނަންބަރެއް ފޯނުގައި ޖަހައިލުމަށް ފަހު އެ ނަންބަރަކަށް ގުޅަނީއެވެ. އަދި އެއީ އަންހެނެއް ނުވަތަ އަންހެން ކުއްޖެއް ނަމަ ހަޑިހުތުރު ބަހުން ވާހަކަ ދައްކައި އެމީހަކަށް ފުރައްސާރަކޮށް އުދަނގޫ ކުރެއެވެ.

އަދި ބައެއް ފަހަރަށް ވީޑިއޯ ކޯލުތައް ކޮށްގެން ވެސް މީހުންނަށް އުދަނގޫ ކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ އެއްފަހަރާ ދެ އަންހެނަކު ރަވިންދުރަގެ މައްސަލަ ހުށަހެޅުމުންނެވެ. އެއަށްފަހު އޭނާގެ ކޯލުތައް ޓްރެސްކޮށް ހުށަހަޅާފައިވާ ހުރިހާ މައްސަލަތަކެއް ތަހުގީގު ކުރެވުނެވެ.

ރަވިންދުރަގެ ލޮކޭޝަން ގިނަގިނައިން ބަދަލުކުރާތީ އޭނާ ހައްޔަރު ކުރަން ފުލުހުންނަށް ދަތިވި ނަމަވެސް މި މަހުގެ 3 ވަނަ ދުވަހު ރަވިންދުރަ ހައްޔަރު ކޮށްފައިވަނީ ޖަންގައްޔެއްގައި ފިލައި އޮއްވައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޯ

    އިންޑިއާ އައުޓަށް ވަރަށް ތާޢީދުކުރާނެ .. އެކަމަކު އަބަދާ އަބަދު އިންޑިއާގެ ކޮންމެސް ހަބަރެއް ޖަހާލަ ޖަހާލަ ތިބޭނީ..

  2. ބޭޓާ

    މި ރާއްޖޭގެ ކަމެއްތަ.ފޮޓޯއިން ހުންނަ ގޮތަށް ތިބޭ ބައެއް ފުލުހުންނަކީ ރާއްޖޭގެ ފުލހުންކަމަށް ބުނާތީ އަހާލީ

    3
    1