ކޮވިޑާ ގުޅިގެން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ގިނަ ކުންފުނިތަކުން ހެދި އެވެ. ކޮވިޑްގެ ހާލަތު ނިމުމަކަށް އައިއިރު އަދިވެސް އެގޮތަށް ގިނަ ބަޔަކު މަސައްކަތް ކުރެއެވެ.

ނަމަވެސް މަޝްހޫރު ބިލިއަނަރު އީލޮން މަސްކުގެ ކުންފުނި ޓެސްލާއިން މިހާރު ވަނީ އެކަން ނިމުމަކަށް ގެންނަން ނިންމައި ގޭގައި ތިބެގެން މަސައްކަތްކުރުން މަނާކުރަން ނިންމައިފަ އެވެ.

ޓެސްލާއިން މިހާރު މުވައްޒަފުންނަށް ފޮނުވާފައިވާ ސާކިއުލާގައި ބުނެފައިވާ ގޮތުން ކުންފުނީގައި މަސައްކަތް ކުރާ ކޮންމެ މުވައްޒަފަކު ވެސް ހަފްތާއަކު 40 ގަޑިއިރު އޮފީހުގައި މަސައްކަތް ކުރަން ޖެހޭނެ އެވެ.

އަދި ގޭގައި ތިބެގެން މަސައްކަތް ކުރާނަމަ ވަޒީފާއިން ވަކިވީ ކަމަށް ބަލާނެކަމަށް ބުނެފައި ވެއެވެ.

އެކަމާ ގުޅޭ ގޮތުން އީލޮން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓެސްލާގެ އާ ޕޮލިސީއާ ނުރުހޭ މުވައްޒަފުން އެހެން ކުންފުންޏަކަށް ދާންވީ ކަމަށެވެ.

އެެހެން ނަމަވެސް ހާއްސަ ހާލަތުގައި ގޭގައި ތިބެގެން މަސައްކަތް ކުރަން ބޭނުންވާ މީހުންނާ ގުޅޭ ގޮތުން ސީދާ އީލޮން ވަކި ގޮތެއް ނިންމަވާނެކަމަށް އޭނާ ވިދާޅުވި އެވެ.

އީލޮން ވިދާޅުވެފައިވާ ގޮތުގައި ޓެސްލާގެ ކާމިޔާބީގެ ފަހަތުގައި ވަނީ އޮފީހުގައި ތިބެގެން ކުރާ މަސައްކަތް ތަކެވެ.

"ބައިވަރު ކުންފުނިތައް ހުރޭ ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ކަހަލަ. އެކަމަކު އޭގެ ތެރެއިން މޮޅު ޕްރޮޑަކްޓެއް ލޯންޗުކުރީ ކޮން ބައެއް. ޓެސްލާއިން އުފައްދާނީ ކަސްޓަމަރުންނަށް ވަރަށް ކަމުދާނެ ޕްރޮޑަކްޓް. އެކަމަކު ގޭގައި ތިބެގެން މިކަމެއް ނުވާނެ" އީލޮން ވިދާޅުވެފައި ވެއެވެ.