ބޮލީވުޑްގައި މި އަހަރު ނެރުނު ފިލްމު "ކަޝްމީރު ފައިލްސް"ގެ ޑައިރެކްޓަރު އޮކްސްފޯޑް ވިވެކް އަގްނީހޮޓްރީ އޮކްސްފޯޑް ޔުނިވާސިޓީއާ ދެކޮޅަށް ދައުވާކުރަން ނިންމައިފި އެވެ.

ވިވެކް އޮކްސްފޯޑާ ދެކޮޅަށް ދައުވާކުރަން ނިންމީ އޭނާ އޮކްސްފޯޑު ޔުނިވާސިޓީގައި ދޭން އުޅުނު "ސްޕީޗް" އެންމެ ފަހު ވަގުތު ކެންސަލް ކުރުމާ ގުޅިގެން ނެވެ. އެނާ ވާހަކަ ދައްކަން ހަމަޖެހިފައި އޮތީ "ކަޝްމީރު ފައިލްސް" ފިލްމާ ގުޅޭ ގޮތުން ނެވެ.

ކަޝްމީރުގެ މުސްލިމުން ހިންދޫން މެރިކަމަށް ބުނެ 1990 ގެ އަހަރުތަކުގެ ތެރޭގައި ހިނގި ހާދިސާތަކުގެ މައްޗަށް ހެދި ފިލްމަކީ މުސްލިމުންނާ ދެކޮޅަށް އުފައްދާފައިވާ ފިލްމެއް ކަމަށް ކަޝްމީރުގެ މުސްލިމުން ބުނެ އެވެ. އަދި އެ ފިލްމަކީ އިންޑިއާގެ ސިފައިން ކަޝްމީރުގައި ހިންގާ އަނިޔާވެރި އަމަލުތައް މަތިޖަހަން އުފައްދާފައިވާ ފިލްމެއް ކަމަށް ވެސް ބުނެ އެވެ.

ވިވެކް ބުނީ އޭނާގެ "ސްޕީޗް" އޮކްސްފޯޑުން ކެންސަލްކުރީ އެ ޔުނިވާސިޓީގައި އުޅޭ ކަޝްމީރު އަދި ޕާކިސްތާނުގެ މުސްލިމް ދަރިވަރުންގެ ޝަކުވާތަކާ ގުޅިގެން ކަމަށެވެ. އަދި އޭނާގެ އިވެންޓް ކެންސަލް ކުރީ ވެސް އެ ޔުނިވާސިޓީއަށް ދިއުމުން އެންމެ ފަހު ވަގުތު ކަމަށެވެ.

"މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުން. މިއީ ހަމައެކަނި އަހަރެން ކެންސަލްކުރުމެއް ނޫން. މިއީ ހިންދޫން ކެންސަލް ކުރުން. ކަޝްމީރުގެ ހިންދޫ ގަތުލް އާންމަކީ ގަތުލް އާންމެއް ނޫން ކަމަށް ދެކުން" ވިވެކް ބުނެފައި ވެއެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ބަހުސްގެ ކަންކަމާ ގުޅޭ އޮކްސްފޯޑް ޔުނިވާސިޓީ ޔޫނިއަންގެ ރައީސްގެ ގޮތުގައި މި ވަގުތު ހުންނެވީ އަހުމަދު ނަވާޒް އެވެ.