ދެކުނު ކޮރެޔާގެ އެކްޓަރ ނަމް ޖޫ ހުއަކް ސުކޫލު ދުވަސްވަރު އެހެން ކުދިންނަށް ބުލީ ކުރިކަމަށް ބުނެ ނެރެފައިވާ ރިޕޯޓްތައް ނަމް ޖޫގެ އެޖެންސީ ''މެނޭޖުމަންޓް ސޫޕް'' އިން ދޮގުކޮށްފިއެވެ.

''މެނޭޖުމަންޓް ސޫޕް'' އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނަމް ޖޫ ހުއަކްއާއި ބެހޭޣޮތުން ނެރެފައިވާ ރިޕޯޓަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ގެނެސްދީފައިވާ ރިޕޯޓެއް ކަމަށާއި އެ ރިޕޯޓް ނެރެފައިވާ ފަރާތަށް ގާނޫނީ ގޮތުން އަދަބު ދޭނެ ކަމަށެވެ.

އެޖެންސީގެ މި ބަޔާން ފަށަމުން މި ރިޕޯޓާއި ބެހޭގޮތުން އެޖެންސީގެ ބަޔާން ލަސްވުމުން މަޢާފަށް އެދިފައިވެއެވެ. އަދި އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް، ނަމް ޖޫއާއި އޭނާގެ އާއިލާ އަދި އެޖެންސީގެ ބަހެއް ނެތި މީޑިޔާގައި އާއްމުކޮށްފައިވާތީ އެކަން ކުށްވެރި ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

މި ރިޕޯޓްގެ ސަބަބުން ނަމް ޖޫއާއި އޭނާގެ އާއިލާއަށް ލިބުނު ހިތްދަތިކަމާއި ބަދުނާމުގެ ޒިންމާ ރިޕޯޓް ލިޔުނު ފަރާތުން ނަގަން ޖެހޭނެ ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

މި ރިޕޯޓް ލިޔުނު މީހާގެ މައްސަލަ އެޖެންސީގެ ލީގަލް ޓީމާއި ވާހަކަ ދައްކައިގެން އެކަމަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ.

މީގެއިތުރުން އެކްޓަރުންނާއި އެޖެންސީގެ ބަހެއް ނެތި މިފަދަ ހަގީގަތެއް ނެތް ވާހަކަތައް ފަތުރާ ފަރާތްތަކާއި ބެހޭގޮތުން މީގެފަހުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެޖެންސީއިން ބުނެފައިވެއެވެ.

''ޓުވެންޓީ ފައިވް ޓްވެންޓީ ވަން''، ''ވެއިޓް ލިފްޓިން ފެއަރީ ކިމް ބޮކް ޖޫ''، ''ސްޓާޓް އަޕް'' ފަދަ ޑުރާމާތަކުގައި މަސައްކަތް ކޮށްފައިވާ އެކްޓަރ ނަމް ޖޫ ހުއަކްއަށް މިކަމުގެ ސަބަބުން ވަނީ ފުން އަސަރުތަކެއް ކޮށްފައި ކަމަށް ވެސް އެޖެންސީއިން ބުނެފައިވެއެވެ.