މަޝްހޫރު ބޮޑުބެރު ގްރޫޕް ހޭވައްލާއިން މިފަހަރު އަޟްހާ އީދާއި ދިމާކޮށް ނެރެމަށް ނިންމި ފޯރިގަދަ ލަވަ މިއަދު ނެރެފިއެވެ.

ހޭވައްލާ ބޮޑުބެރު ގްރޫޕްގެ ޔީޓިއުބްގައި އާއްމުކުރި ފޯރިގަދަ މި ލަވައިގެ ނަމަކީ "އީދު ކުލަވަރު" އެވެ. ރާއްޖޭގެ ރީތި ގޮނޑުދޮށުގެ މަންޒަރުތަކުން ފަށާފައިވާ މި ލަވައިން އެންމެ ފުރަތަމަ ފެނިގެން ދަނީ މޯލްޑިވިއަން އައިޑޮލްއިން ގިނަބައެއްގެ މަގްބޫލުކަން ހޯދި ނައުޝާދު ލަތީފް (ޒަރޭ)އެވެ.

ރައިވަރަކުން ލަވަ ފަށައިގަންނައިރު، ލަވައިގެ ފޯރި ނަގަން ފަށައެވެ. ބޮޑުބެރުގައި ކުޅަދާނަ އަހްމަދު ވަލީދު (ފިއްޓޭ) އާއި އައިޑޮލްއިން ސަމާލުކަން ހޯދި އަބްދުﷲ މުރުޝިދު (ލާރާ) އާއި ޒާރޭގެ އިތުރުން އިބްރާހިމް ހުސައިން (އިހުސާންޓޭ)ގެ އަޑުން ކިޔާދީފައިވާ މި ލަވައަށް އިތުރު ފޯރިއެއް ގެނުވަނީ ބޮޑު ބެރެވެ.

މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) ޅެން ހަދާފައިވާ މި ލަވައިގެ މެލޯޑީ ތައްޔާރުކޮށްފައި ވަނީ ހޭވައްލާ ބޮޑުބެރު ގްރޫޕުންނެވެ.

ލަވަ ފަށައިގެން ކުރިއަށްދާއިރު، ފޯރި ދަނީ ގަދަވަމުންނެވެ. ނެށުމުގައި އާއި ބޮޑުބެރުގައިވެސް އުޅެނީ ހޭވައްލާ ބޮޑުބެރު ގްރޫޕްގެ މެންބަރުންނެވެ.

ހޭވައްލާ ބޮޑުބެރު ގްރޫޕްގެ މި ލަވަ ވެގެން ދާނީ މިފަހަރުގެ އީދަށް ހާއްސަކޮށް ނެރުނު އެންމެ ތަފާތު އަދި އެންމެ ފޯރިގަދަ ލަވައަށެވެ. މި ލަވަ ބަލަމުންދާ މީހުންނަށްވެސް، ފޯރީގައި ނަށާލެވޭ ވަރު ވާނެއެވެ.

މި ލަވައިގެ އެސޯސިއޭޓް ސްޕޮންސަރަކީ "ވަގުތު" އެވެ.

މީގެ ކުރިން ވެސް އީދާ ދިމާކޮށް ހޭވައްލާ ބޮޑު ބޮރު ގްރޫޕުން ލަވަތައް ނެރެފައި ވެއެވެ. އަދި އީދުތަކުގައި ކުލަ ގަދަ ޝޯތައް ވެސް އެ ބޮޑުބެރު ގްރޫޕުން ދީފައި ވެއެވެ.

މިފަހަރު އީދަށް ހާއްސަކޮށްވެސް މި ގްރޫޕްގެ ހުށަހެޅުންތައް އެކި ރަށްރަށުން ފެނިގެންދާނެ ކަން ފާހަގަކޮށްލަން ޖެހެއެވެ.