ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް "ހަބޭސް" ގެ އޮންލައިން މީޑީއާ ޕާޓްނަރަކަށް "ވަގުތު" ހަމަޖައްސައިފިއެވެ.

މި އެއްބަސްވުމުގައި "ވަގުތު" ގެ ފަރާތުން ސޮއިކުރީ މެނޭޖިން އެޑިޓަރު މުހައްމަދު އަޒްހީމް އަޒީޒްއެވެ. ހަބޭސްގެ ފަރާތުން ސޮއި ކުރެއްވީ ފައުންޑަރު އަލީ ޝިފާއު (ހަބޭސް އައްޔަ)އެވެ.

ހަބޭސް ބޮޑުބެރު ގްރޫޕް ދިވެހިންގެ ތެރެއަށް ތައާރަފްވެގެން ދިޔައީ އޮގަސްޓް 11، 2011 ގައެވެ. ހަތް މެމްބަރުންނާ އެކުގައި ފެށި ބޮޑުބެރު ގްރޫޕްގައި މިހާރު 27 މެމްބަރުން ތިބެއެވެ. ހަބޭސް ބޮޑުބެރު ގްރޫޕަކީ ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑު ފޭން ބޭސް އެއް އޮތް ބޮޑުބެރު ގްރޫޕެވެ.

މި ގްރޫޕަކީ ރާއްޖޭގެ ބޮޑުބެރަށް ހަބޭސް އިންގިލާބެއް ގެނުވި ގްރޫޕެކެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބޭއްވި ފެސްޓިވަލްތަކުގައި ވެސް ބައިވެރިވެފައިވާ ހަބޭސް އަންނަނީ އެކިއެކި މުނާސަބަތާ ގުޅުވައި ލަވަތައް ނެރެމުންނެވެ. އަދި އީދު ފަދަ މުނާސަބަތުތަކުގައި މާލޭގައި އާއި ރަށްރަށުގައި ޝޯ ވެސް ދެއެވެ.

ހަބޭސް ބޮޑުބެރު ގްރޫޕަކީ، ބޮޑުބެރުގެ މިއުޒިކު ބޮޑު ވިޔަފާރިއަކަށް ބަދަލުކޮށް އެހެން ހުރިހާ ގްރޫޕްތަކަށް ނަމޫނާ ދެއްކި ބައެކެވެ. އެއީ ބޮޑުބެރުގައި މިހާރު އެންމެ ވަރުގަދަ އެއް ބްރޭންޑެވެ.

ރާއްޖޭގެ އެހެން ބޮޑުބެރު ގްރޫޕްތަކާ އަޅާ ބަލާއިރު، ހަބޭސްއަކީ ހިންގުންތެރި ޓީމެއް އޮތް ގްރޫޕެކެވެ. ހަބޭސްގެ ހުނަރު ދައްކާލި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ސިންގަޕޫރު، މެލޭޝިއާ، މިސްރު، ސްރީލަންކާ ފަދަ ގައުމުތައް ހިމެނެއެވެ.

ހަބޭސް ބޮޑުބެރު ގްރޫޕުން އެންމެ ފުރަތަމަ އަލްބަމެއްގެ ގޮތުގައި ނެރެފައި ވަނީ "ޖިންނި" އަލްބަމެވެ. އެ އަލްބަމަށް ދިވެހިންގެ ބޮޑު ތަރުހީބެއް ވެސް ލިބިގެން ގޮސްފައިވެއެވެ. އޭގެ ފަހުން، "ކަނބުލޮ" ނަމަކަށް ކިޔާ އަލްބަމެއް ނެރުނު އިރު، ކޮންމެ އަހަރަކު އަންނަނީ މަދަހަ އަލްބަމެއް ވެސް ނެރެމުންނެވެ.

ހަބޭސް ބޮޑުބެރު ގްރޫޕްގެ އިތުރުން ގްރެވިޓީ "ބައި ހަބޭސް"، "ހަބޭސް ޕޮޕް ބޭންޑް"، އަދި "ހަބޭސް ފިއުޝަން"އަކީ ހަބޭސްގެ ދަށުން ހިނގަމުން އަންނަ ތަފާތު ބޭންޑްތަކެވެ. ހަބޭސް އިން ނެރެމުން އަންނަނީ ހަމައެކަނި ބޮޑުބެރު ލަވަތަކެއް ނޫނެވެ. އާންމުން ޝައުގުވެރިވާ ފަދަ މަދަހަ އާއި އެހެނިހެން ތަފާތު ލަވަތަކެއް މިހާތަނަށް އައިއިރު ނެރެފައިވެއެވެ.