ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކިއާރާ އޭނާގެ އުފަން ދުވަސް ފާހަގަ ކުރުމަށް ލޯބިވެރިޔާ ސިދާތް މަނޯތްރާއާއިއެކު ދުބާއީއަށް ގޮސްފި އެވެ.

އެ ދެތަރިން ވަނީ ދުބާއީގައި އެކި ތަންތަނުން އެކުގައި ފެނިފަ އެވެ. އަދި ސަޕޯޓަރުން ވަނީ ކިއާރާ އާއި ސިދާތް އާއިއެކުގައި ފޮޓޯ ނަގައި މީސް މީޑިއާގައި އެފޮޓޯތައް ހިއްސާ ކޮށްފަ އެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކިއާރާގެ އުފަން ދުވަސް ފާހަގަކުރުމަށް އޭނާގެ އާއިލާ ވެސް ތިބީ ދުބާއީގަ އެވެ.

ކިއާރާގެ އުފަން ދުވަހަކީ މި މަހު 31 ވަނަ ދުވަހެވެ. އޭނާއަށް މި އަހަރު ފުރެނީ 30 އަހަރެވެ.

ބޮލީވުޑްގެ މަޝްހޫރުގެ ދެ ތަރިން ކަމަށްވާ ކިއާރާއި ސިދާތުގެ ގުޅުން ކެނޑުނު ޚަބަރު މިއޭޕްރީލް މަހުގެ ކުރީކޮޅު އިވިގެން ދިޔަ އެވެ. ނަމަވެސް ސަލްމާންގެ ފިތުރު އީދު ޕާޓީއިން ދެތަރިން އެކުގައި ފެނުނެވެ. އެއާއިއެކު ދެތަރިންގެ ގުޅުން ކެނޑުނު ކަމަށް ކުރިން ދެކެވުނު ވާހަކައިގައި ހަގީގަތެއް ނެތްކަން އެނގުނެވެ.

ސިދާތު އާއި ކިއާރާ ރައްޓެހިވެގެން އުޅޭ ކަމަށް ދެ ތަރިން ވެސް އެއްބަހެއް ނުވެއެވެ. ނަމަވެސް ދެ މީހުން އެކުގައި ވަރަށް ގިނައިން ފެނުމާއި އެކަކު އަނެކަކުގެ ގެއަށް ގޮސް އުޅުމުން އެ މީހުންގެ ގުޅުން މީޑިއާ އަށް ފަޅާ އެރީއެވެ.

އެ ދެ ތަރިން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޝޭރްޝާ ފިލްމުންނެވެ. އެ ފިލްމުގައި އެމީހުންގެ ޖޯޑަށް ގިނަ ބައެއްގެ މަގްބޫލްކަން ވަނީ ލިބިފައެވެ.