އިންޑިޔާގެ ލަވަކިއުންތެރިޔާ އަރްޖުން ކަންނަންގޯ އާއި އޭނާގެ ލޯބިވެރިޔާ ކާލާ ޑެނިސް ކައިވެނި ކުރަން ތައްޔާރުވެއްޖެއެވެ.

އަރްޖުން އާއި ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އަންނަ ކާލާ ޑެނިސްއާގެ ކައިވެނި އޮތީ މި އޮގަސްޓް މަހުގައިއެވެ. ބެލެވޭ ގޮތުގައި މި ކައިވެނި ކުރަނީ ހިންދޫންގެ އާދަކާދަތަކާ އެއްގޮތަށެވެ. ކާލާ މިހާރުވެސް ކައިވެންޏަށް ވަރަށް ތައްޔާރުވަމުންދާއިރު އޭނާގެ ކައިވެނީގެ ހެދުން ތައްޔާރުކުރުމުގެ މަސައްކަތްތައްވެސް ވަރަށް ފޯރީގައި ކުރަމުންދާކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.

އަރްޖުން ބުނަނީ ކާލާއަށް އިންޑިއާގެ ކައިވެނިތައްވެސް އިނގޭ ކަމަށާއި އޭނާ މިކަމަށް ވަރަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ކައިވެނި ހަފްލާ ބާއްވާނޭ ތަންވެސް ހޯދީ ކާލާ ކަމަށް އަރްޖުން ބުންޏެވެ.

"ވެޑިންއަށް އަޅުގަނޑުގެ އައުޓްފިޓްތައް ވެސް ހިޔާރުކުރީ ކާލާ. ކާލާގެ އާއިލާއަކީ އިންޑިއާއަށް ނިސްބަތްވާ އާއިލާއެއް ނޫން ކަމުގައި ވިޔަސް، އެ އާއިލާއިންވެއް އަންނަނީ ކައިވެންޏަށް ވަރަށް ބޮޑަށް ތައްޔާރީތައް ވަމުން" އަރްޖުން ބުންޏެވެ.

އަރްޖުން ބުނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު އިނގިރޭސި ވިލާތުގައި ކާލާގެ އާއިލާގެ ސަގާފަތާއި އެއްގޮތަށް ކައިވެނި ހަފްލާއެއް ބާއްވާނެ ކަމަށެވެ. އަދި އެ ކައިވެނި ހަފްލާގައި ކާލާގެ އާއިލާ އާއި ރައްޓެހިންނަށްވެސް ދައުވަތު ދޭނެ ކަމަށް އޭނާ ބުންޏެވެ.

ވަރަށް ހަގު އުމުރުގައި ކައިވެނި ކުރަން ޖެހިދާނެ ކަމަށް ކުރިން ގަބޫލުވެސް ނުކުރެވޭ ކަމަށް އަރްޖުން ބުންޏެވެ. ނަމަވެސް ކައިވެނި ކުރަން އަވަސްކުރަން ބޭނުންވީ އަވަހަށް އޭނާގެ ހަޔާތަށް ކާލާ ގެންނަން ބޭނުންވާތީ ކަމަށް އޭނާ ބުންޏެވެ.