ކުޑަކުއްޖެއްހެން ހީވާތީ އުމުރުން 27 އަހަރުގެ މީހަކަށް ވަޒީފާއެއް ހޯދަން އުނދަގޫވެއްޖެއެވެ.

ޗައިނާއަށް ނިސްބަތްވާ މައޯ ޝެންގް ނަމަކަށް ކިޔާ މި މީހާއަށް ވަޒީފާއެއް ހޯދަން އުނދަގޫވެފައި ވަނީ ފެންނަ ފެނުމުގައި 12 އަހަރުގެ ކުޑަކުއްޖަކާ ވައްތަރުވާތީއެވެ.

މައޯ ވަޒީފާއެއް ނުލިބިގެން އޭނާގެ އިހުސާސްތައް ކިޔައިދީފައިވާ ވީޑިއޯއެއް ޗައިނާގެ ނޫހެއް ކަމަށްވާ ޑޮންގުއަން އިން ވަނީ ދައުރުކޮށްފައެވެ. މި ވީޑިއޯގައި އޭނާ ބުނާގޮތުން އޭނާގެ ބައްޕައަށް ދާދި ފަހުން ޖެހުނު ސްޓްރޯކާއެކު އާމްދަނީ ހޯދަން މިހާރު ވަނީ މަޖުބޫރުވެފައި ކަމަށެވެ.

"އަހަރެން އެއްފަހަރު ފެކްޓަރީއެއްގެ ޖޮބް އިންޓަވިއުއަކަށް ދިޔައިން. އެމީހުންވެސް އަހަރެން ކުޑަކޮށް ހުރުމުން ކަމަކު ނުދިޔަ" މައޯ ބުންޏެވެ.

މި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ޗައިނާގެ ނޫސްތަކުން ބުނާގޮތުން އޭނާއަށް ގިނަ ފަޒީފާގެ ހުށަހެޅުންތައް މިހާރު އަންނަނީ ލިބެމުންނެވެ. އަދި އެތަނުން އެއް ވަޒީފާގެ ހުށަހެޅުން މައޯ ގަބޫލުކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މައޯ ވަނީ އޭނާގެ ހާލަތު ބަޔާންކޮށް ޓިކްޓޮކްގައި ވެސް ވީޑިއޯތަކެއް އާއްމުކޮށްފައެވެ. އެއިން އެއް ވީޑިއޯގައި އޭނާ ވަނީ އޭނާގެ އުމުރު ކަށަވަރު ކޮށްދިނުމުގެ ގޮތުން އައިޑީ ކާޑު ވެސް ދައްކާފައެވެ. އައިޑީކާޑުން ކަށަވަރު ކުރެވޭ ގޮތުގައި މައޯ އުފަންވެފައި ވަނީ 1995 ވަނަ އަހަރު އެވެ.

މައޯ ބުނާ ގޮތުގައި ވަޒީފާއެއް ލިބުމާއިއެކު އޭނާ އެންމެ ބޮޑު އިސްކަމެއް ދޭނީ ބައްޕަގެ ބަލި ހާލަތު ރަނގަޅު ކުރުމަށް ބައްޕައަށް ފަރުވާ ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު