ކެރިއަރު ދޫކޮށްލުމަށް ފަހު، މީހަކާ ކައިވެނިކޮށް މަންމައަކަށް ވާން ތައްޔާރަށް ހުރި ކަމަށް މަޝްހޫރު ލަވަ ކިޔުންތެރިޔާ އަދި އެކްޓަރު ސެލީނާ ގޮމޭޒް ބުނެފިއެވެ.

އުމުރުން 30 އަހަރުގެ އެކްޓަރު ވަނީ ޓާޓާޓޫގެ ވީޑިއޯ ޕޮޑްކާސްޓް، ގިވިން ބެކް ޖެނެރޭޝަންގެ ހުކުރު ދުވަހުގެ އެޕިސޯޑްގައި ދަރިން ބޭނުންވާ ވާހަކަ ބުނެފައެވެ.

އޭނާގެ މުސްތަގުބަލުގެ ހުވަފެންތަކަކީ ކޮބައިތޯ ސުވާލު ކުރުމުން ގޯމޭޒް ޖަވާބުގައި ބުނީ "ކައިވެނިކޮށް މަންމައަކަށް ވާނެ ކަމަށް އުންމީދު ކުރަން" ކަމަށެވެ.

ހޮލީވުޑްގައި އޭނާ ކުރި މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ގޮމޭޒް ބުނީ އޭނާ ހުންނަނީ ހުރިހާ ކަމެއް ކޮށްފައި ވަރުބަލި ވެފައި ކަމަށާއި އޭނާއަށް އެހާބޮޑު ހިތްހަމަޖެހުމެއް މިކަމުން ނުލިބޭ ކަމަށެވެ.

"ރެއަރ ބިއުޓީ" ގެ ފައުންޑަރ ގޮމޭޒަ ބުނީ އޭނާގެ އަށް އަހަރުގެ ކޮއްކޮއަކީ ބައެއް ފަހަރު އޭނާގެ އަމިއްލަ ދަރިއެއް ކަމަށް އިހުސާސް ކުރެވޭ ކަމަށާއި ކޮއްކޮ ބޮޑުވަމުން އަންނަތަން ބަލަން އޭނާ ވަރަށް ޝައުގުވެރިވާ ކަމަށެެ.

"އަސްލު އަޅުގަނޑު ބަލަން ޖެހޭނީ މި ކުޑަކުޑަ ކުއްޖާ (ގޮމޭޒްގެ ކޮއްކޮ) އިންސާނެއްގެ ގޮތުގައި ބޮޑުވާ ތަން. ދުނިޔޭގައި މިއަށްވުރެ ރަނގަޅު އިހްސާސެއް ނެތް. ކޮންމެވެސް ގޮތަކުން މަންމައެއް ފަދައިން އަހަރެން ވެސް އިހްސާސްކުރަން." ގޮމޭޒް ދަރިއަކު ބޭނުންވެފައިވާ މިންވަރު ހާމަކުރަމުން ކިޔައިދިނެވެ.

މިއީ ގޮމޭޒް ދަރިއަކު ބޭނުންވާ ވާހަކަ މިވަރަށް ހާމަކޮށް ބޮޑު ގޮތަކަށް ހިއްސާކުރި ފުރަތަމަ ފަހަރެއްވެސް ނޫނެވެ. މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އޭނާ ވަނީ ދަރިން ބޭނުންވާކަމަށް ބުނެފައެވެ.