ކަރީނާ ކަޕޫރު ޚާނާއި އާމިރު ޚާންގެ ފިލުމު ''ލާލް ސިންގް ޗައްޑާ'' އަށް ތައުރީފުކޮށް ރިތިކް ޓުވީޓެއް ކުރުމުން އޭނާގެ ކުރިއަށް އޮތް ފިލުމު ''ވިކްރަމް ވޭދާ'' ބޮއިކޮޓް ކުރަން ގޮވާލާނެ ކަމުގެ އިންޒާރު ދީފިއެވެ.

''ބޮއިކޮޓް ލާލް ސިންގް ޗައްޑާ''، ''ބޮއިކޮޓް ރަކްޝާ ބަންދަން''، ''ބޮއިކޮޓް ބޮލީވުޑް'' އަކީ މިހާރު ޓުވިޓާގައި އެންމެ އާއްމު ބުނުން ތަކެވެ.

ބޮލީވުޑުގެ ފިލުމުތައް ބޮއިކޮޓް ކުރުމަށް ގިނަ ބަޔަކު ބުނަމުންދާތީ އެކަމުގެ އަސަރު ފިލުމުތަކަށް ދަނީ ކުރަމުންނެވެ. އެގޮތުން އަކްޝޭގެ ''ރަކްޝާ ބަންދަން'' އާއި އާމިރުގެ ''ލާލް ސިންގް ޗައްޑާ'' ސިނަމާތަކުގައި އެޅުވުމަށް ފަހު ވެސް ބެލުންތެރިންގެ ފަރާތުން މާބޮޑު ސަޕޯޓެއް ނުލިބެއެވެ.

ފިލުމުތައް ނާކާމިޔާބުވުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރަނީ ''ބޮއިކޮޓް ބޮލީވުޑް'' ގެ ނަމުގައި ހިނގާ ޓްރެންޑްގެ ސަބަބުންނެވެ. މި ޓްރެންޑްގެ ޝިކާރައަކަށް ރިތިކް ރޯޝަންއާއި ސައިފް ޢަލީ ޚާންގެ ކުރިއަށް އޮތް ފިލުމު ''ވިކްރަމް ވޭޑާ'' ވެދާނެ ކަމުގެ އިންޒާރުތައް ރިތިކްއަށް ލިބިއްޖެއެވެ.

އާމިރު ޚާންގެ ފިލުމު ބެލުމަށް ފަހު އެއީ ވަރަށް ރީތި ފިލުމެއް ކަމަށާއި ރީތި ފިލުމެއް ބަލާލުމަށް ލިބޭ އެ ފުރުސަތު ގެއްލުވާނުލާ އަވަހަށް ގޮސް ފިލުމު ބެލުމަށް ބުނެ ރިތިކް ޓުވީޓެއް ކުރުމުން އެ ޓުވީޓަށް ކޮމެންޓް ކޮށްފައިވާ ފަރާތްތަކުން ''ވިކްރަމް ވޭޑާ'' ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

އަމިއްލަ ފިލުމު ކާމިޔާބު ކުރަން ބޭނުން ނަމަ އާމިރުގެ އެ ފިލުމު ބެލުމަށް ދާން މީހުން ކައިރި ނުބުނުމަށާއި އެ ޓުވީޓްގެ ސަބަބުން ރިތިކްގެ ފިލުމު ބޮއިކޮޓް ކުރަން ގޮވާލަން ޖެހިދާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.