ވިކްޓޯރިއާ ބެކަމްގެ ނަމުން ނަން ދީފައިވާ ފެޝަން ބްރޭންޑުގެ ދަރަނި 53.9 މިލިއަން ޕައުންޑް(އެއް ބިލިއަން ރުފިޔާ) އަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެންމެ ޖިންސެއް 400 ޕައުންޑަށް އަދި ’ޖަމްޕަރ‘ އެއް 500 ޕައުންޑަށް ވިއްކާ މި ފެޝަން ބްރޭންޑުގެ ދަރަނި 2020 ވަނަ އަހަރު 6.6 މިލިއަން ޕައުންޑު(127 މިލިއަން ރުފިޔާ) ގައި ހުރި އިރު އޭގެ ކުރީ އަހަރު، 2019 ވަނަ އަހަރު އެ ބްރޭންޑް ވަނީ 15.6 މިލިއަން ޕައުންޑް(299 މިލިއަން ރުފިޔާ) އާ ހަމައަށް ދަރަނިވެފައިވާ ކަމަށް ބޭރުގެ ނޫހެއް ކަމަށްވާ ދަ މިރާގައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ.

މި ބްރޭންޑްގެ ތަރުޖަމާނަކު މި އަދަދުތައް "ދަ މިރަރ" އަށް ކަށަވަރުކޮށްދީފައިވާ ކަމަށްވެސް އެ ނޫހުން ވަނީ ބުނެފައެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ "ވިކްޓޯރިއާ ބެކަމް ހޯލްޑިންގްސް ގްރޫޕަށް ލިބުނު ޖުމްލަ އާމްދަނީ ހަ އިންސައްތަ ދަށަށް ގޮސް 36.1 މިލިއަން ޕައުންޑް (2019 - 38.3 މިލިއަން ޕައުންޑް) އަށް ވެއްޓުނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން ކަމަށެވެ.

"މި ގްރޫޕުން ވަނީ މި ބަލިމަޑުކަމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް އަވަސް އިޖާބައެއް ދީ، ކުންފުނީގެ ނަގުދު ފައިސާ އާއި ހަރަދުތައް ކޮންޓްރޯލްކޮށް، ކުންފުނީގެ ހިންގުމުގެ ހަރަދަށް ލިބުނު ގެއްލުން 57 އިންސައްތަ އަށް ކުޑަކޮށްފަ އެވެ." އެ ނޫހުން ނެރުނު ރިޕޯޓުގައި ބުނެފައި ވެއެވެ.

ދަރަނިތައް އަދާކުރުމަށް ވިކްޓޯރިއާ ބެކަމް ބިއުޓީ އިން ދަނީ "ލަގްޒަރީ ބިއުޓީ" އަދި "ސްކިންކެއާގެ" އާ ބާވަތްތައް ތައާރަފްކޮށް ކުންފުނީގެ ހަރަދުތައް ކުޑަ ކުރުމުގެ މަސައްކަތް ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު