ނެޓްފްލިކްސް އިން ދާދި ފަހުން ނެރުނު ފިލްމު "ޕާޕަލް ހާޓްސް" އަކީ "އަސްކަރީ ޕްރޮޕެގެންޑާ" އެއް ކަމަށް ބެލުންތެރިން ތުހުމަތުކޮށްފިއެވެ.

ޕާޕަލް ހާޓްސް އިން ފެނިގެން ދަނީ ހެލްތު އިންޝުއަރެންސް ހޯދުމުގެ ބޭނުމުގައި އެމެރިކާގެ އަސްކަރިއްޔާގެ ’މެރިންއަކާ‘ ކައިވެނިކުރާ އަންހެނެކަށް ދިމާވާ ކަންކަމެވެ. މި ފިލްމުގައި ދެމީހުން ކައިވެނި ކޮށްގެން އުޅޭއިރު ދިމާވާ އެކި ކަހަލަ ކަންކަން ދައްކުވައިދެއެވެ.

މީގެ ސަބަބުން ބެލުންތެރިންވެސް ފިލްމަށް ޝައުގުވެރިކަން އުފެދެއެވެ.

މިހާތަނަށް އެތައް ހާސް ބަޔަކު މި ފިލްމު ބަލާފައިވާއިރު ގިނަ ބަޔަކު ބުނަމުން ދަނީ މިއީ ނަސްލީ ތަފާތުކުރުމާއި، އަންހެނުންނާ މެދު ނަފްރަތު ކުރުމާއި، އަސްކަރީ ޕްރޮޕެގެންޑާ ވެސް ހިމެނޭ ފިލްމެއް ކަމަށެވެ. މި ރުޅިވެރިކަމާ ގުޅިގެން ޕާޕަލް ހާޓްސްގެ ޑައިރެކްޓަރު އެލިޒަބަތު އެލެން ރޮސެންބައުމް އާއި އޭގެ އެއް ތަރި ސޯފިއާ ކާސަން ވަނީ ރޮމޭންސްގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.

ފޭނުން ކޮށްފައިވާ ބައެއް ކޮމެންޓުތަކަށް ބަލާއިރު ފިލްމުގައި އަރަބިން މަރަން ގޮވާފައިވާއިރު މިއީ މިހާރުވެސް އެމެރިކާއިން ކުރާ ކަމެއް ކަމަށާއި އޭގެ ސަބަބުން ކުށެއް ނެތް އެތައް ހާސް ބަޔަކު މަރުވަމުންދާ ކަމަށް ވަނީ ބުނެފައެވެ.

ޖުލައި މަހުގެ 29 ވަނަ ދުވަހު ރިލީޒްކުރި ޕާޕަލް ހާޓްސް އަކީ ލިބަރަލް މިއުޒީޝަނެއް ކަމަށްވާ ކެސީ (ކާރސަން) ގެ ވާހަކަ ކިޔައިދޭ، ލޫކް (ނިކޮލަސް ގަލިޓްޒިން) ނަމަކަށް ކިޔާ ކޮންޒަވޭޓިވް މެރިން އަކާ އެއް އަހަރު ވަންދެން ކައިވެނި ކުރަން އެއްބަސްވާ ވާހަކަ އެކެވެ.

ފިލްމުގައި ފެނިގެންދާ އަންހެން ކުއްޖާއަކީ ޓައިޕް 1 ޑައިބެޓީސް ހުންނަ ކުއްޖަކަށްވާއިރު، އޭނާގެ ފަރުވާއަށް ފައިސާ ދެއްކުމަށް ހެލްތު އިންޝުއަރެންސް ވަރަށް ބޮޑަށް ބޭނުންވެއެވެ. އެގޮތުން ލޫކް(ފިލްމުގައި ފެނިގެންދާ މައިގަނޑު ތަރި ފިރިހެން) އަސްކަރިއްޔާއާ ގުޅެނީ މަސްތުގެ ހާލުގައި އުޅުމަށްފަހު ދަރަންޏެއް އަނބުރާ ދެއްކެމުގެ ބޭނުމުގައެވެ. ވަގުތު ފާއިތުވަމުން ގޮސް ކެސީ އާއި ލޫކް ހަޤީޤަތުގައި ދެމީހުން އެކަކު އަނެކަކަށް ލޯބި ޖެހެއެވެ.