ދެކުނު ކޮރެޔާގެ މަގުބޫލު ޑުރާމާ "ޑރ. ރޮމޭންޓިކް" ގެ ތިންވަނަ ސީޒަނެއް ބެލުންތެރިނާއި ހަމައަށް އަންނާނެ ކަމުގެ ޔަގީންކަން ދީފިއެވެ.

އެސްބީއެސްގެ ފަރާތުން ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ''ޑރ. ރޮމޭންޓިކް'' ގެ ތިންވަނަ ސީޒަން ޕްރޮޑިއުސް ކުރާނެ ބަޔަކާއި ތިންވަނަ ސީޒަންގައި ފެންނާނެ ކާސްޓުން ވެސް ވަނީ ހާމަކޮށްފައެވެ.

މި ޑުރާމާގެ ތިންވަނަ ސީޒަންގެ ސްކްރިޕްޓް ލިޔަނީ ކަންގް އުން ޔަންގްއާއި ލިމް ހައެ މިންއެވެ. މި ޑުރާމާ ޑައިރެކްޓް ކުރާނީ ޔޫ އިން ސުކްއެވެ.

މި ޑުރާމާގެ ލީސް ރޯލުން ފެނިގެންދާނީ ހަން ސުކް ކިޔުއެވެ. އަދި މީގެއިތުރުން އާން ހައެ ސިއޯޕްއާއި ލީ ސަންގް ޔަންގް ވެސް ފެނިގެންދާނެއެވެ.

އާން ހައެ ސިއޯޕްއާއި ލީ ސަންގް ޔަންގްއަކީ ''ޑރ. ރޮމޭންޓިކް'' ގެ ދެވަނަ ސީޒަން އިން ވެސް ފެނިގެން ދިޔަ ފަންނާނުންނެވެ.

ހިތްހެޔޮ ޑޮކްޓަރުން ތަކެއް ވަސީލަތެއް ނެތް ރަށެއްގައި ބަލި މީހުންނަށް ފަރުވާދޭ ގޮތްތައް ދައްކުވައިދޭ މި ޑުރާމާގެ ފުރަތަމަ ސީޒަން ދައްކާފައިވަނީ 2016 ވަނަ އަހަރުއެވެ. އެ އަހަރު އެންމެ ގިނަ މީހުން ބެލި ޑުރާމާއަށް މި ޑުރާމާވިއެވެ.

މި ޑުރާމާގެ ދެވަނަ ސީޒަން ދައްކާފައިވަނީ 2020 ވަނަ އަހަރުއެވެ. މި ޑުރާމާއަކީ ވެސް ޑުރާމާ ބެލި މީހުންގެ ރޭޓް ވަރަށް މަތި ޑުރާމާއެކެވެ.

މި ޑުރާމާގެ ފުރަތަމަ ދެ ސީޒަނަށް ލިބުނު މަގުބޫލު ކަމާއި ކާމިޔާބީގެ ސަބަބުން ތިންވަނަ ސީޒަނެއް ނެރެނީ ކަމަށާއި ފުރަތަމަ ދެ ސީޒަނަށް ވުރެ ތިންވަނަ ސީޒަން ފުރިހަމަ ވާނެ ކަމަށް ވެސް ޓީމުން ބުނެފައިވެއެވެ.

މި ޑުރާމާގެ ޝޫޓިންތައް ފެށުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުއެވެ.