އިރު "ހިނިތުންވެފައިހުރި" ފޮޓޯއެއް ނާސާއިން އާންމުކޮށްފިއެވެ.

ނާސާގެ ޖައްވީ އިދާރާއަކުން ނަގާފައިފައިވާ އިރުގެ މި ފޮޓޯއިން ފެންނަނީ ދެލޮލާއި ހިނިތުންވެފައިވާ އަނގައެއްހެން އިރުގައި ކަޅު ލައްތަކެއް ހުންނަތަނެވެ.

އިރުގެ މި "ހިނިތުންވެފައިވާ މޫނު" ނާސާއިން މީސްމީޑިއާގައި އާންމުކުރުމުން މި ފޮޓޯއިން އިރު ސިފަވާ ގޮތާއިމެދު މެދު ވަރަށް ގިނަ ފަރާތްތަކުން ވަނީ ތަފާތު އެކި ހިޔާލުތައް ފާޅުކޮށްފައެވެ.

އެގޮތުން ނާސާގެ ހީލިއޯފިޒިކްސް ޑިޕާޓްމެންޓުން މި ފޮޓޯ އާންމުކުރިއިރު ސިފަކޮށްފައިވަނީ “ހިނިތުންވެފައިވާ” އިރެއްގެ ގޮތުގައެވެ. އަދި އިނގިރޭސިވިލާތުގެ ސައިންސާއި ޓެކްނޮލޮޖީ ކައުންސިލުން ވަނީ މި ފޮޓޯއަށް ބަރަބޮލެއް ފޮޓޯޝޮޕްކޮށް އެމީހުން ހެލޮވީން ފާހަގަކުރާއިރު ހަދާ އުޅޭ "ފާނޫޒަކަށް" ބަދަލުކޮށްލާފައެވެ.

ބައެއްމީހުންނަށް މި އިރުން "ގޯސްޓްބަސްޓާސް" ފިލްމުގައި އުޅޭ "ސްޓޭ ޕަފް މާޝްމެލޯ މޭން" ސިފަވިއިރު، އަނެއްބައިމީހުންނަށް ސިފަވީ ސިންގާއެއް އަދި ވައްތަރެއްގެ މަހެކެވެ. އަދި އެކި ތައްޔާރީ ކާނާ ޕެކެޓްތަކުގައި ކުރަހާފައި ހުންނަ ހިނިތުންވެފައިވާ މޫނުތައް ސިފަވި މީހުންވެސް އުޅެއެވެ.

ދުނިޔޭގެ މަސްރަހު ވަރަށް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި މި ފޮޓޯއިން އުފާވެރިކަން އިހުސާސްވިކަމަށް ވެސް ބައެއްމީހުން ބުނެފައިވެއެވެ.

ނާސާއިން މައުލޫމާތު ދޭ ގޮތުގައި އިރުގައި މޫނެއްގެ ސިފަ ޖެހުމަށް މެދުވެރިވެފައިވާ މި ކަޅު ލައްތަކަށް ކިޔަނީ ކޮރޯނަލް ހޯލްސްއެވެ. އެއީ އިރުގެ އެހެންސަރައްދުތަކަށް ވުރެ ތަންކޮޅެއް ހޫނުމިން ދަށް ތަންތަނެވެ. ބައެއް ވައްތަރުގެ އަލީގައި ބެލުމުން ނުވަތަ ފޮޓޯ ނެގުމުން މި ތަންތަން ފެންނަނީ އިރުގެ އެހެން ބައިތަކަށްވުރެ އަނދިރި ކޮށެވެ. މި ކޮރޯނަލް ހޯލްސް އިރުގެ އެކިހިސާބުތަކުގައި ކޮންމެ ވަގުތަކު ވެސް އުފެދިދާނެއެވެ.

މިތަންތަނުން ވަރަށް ބާރު ސްޕީޑްގައި ސޯލާ ވައި ބޭރުކުރެއެވެ. މި ސޯލާ ވައި ބޭރުކުރަނީ ގަޑިއަކު އެއްމިލިއަން މޭލު ބާރުމިނުގައެވެ. މިބާރު ސްޕީޑްގެ ސަބަބުން މި ވައި ދުނިޔެއާއި ހަމައަށް ފޯރުންވެސް އެކަށީގެންވެއެވެ. ދުނިޔޭގެ "މެގްނެޓިކް ފީލްޑް" އިން މީގެ ނުރައްކާތަކުން ދުނިޔެ ރައްކާތެރިކޮށްދިން ނަމަވެސް ދުނިޔޭގެ ޖައްވަށް މީގެން އަސަރުކުރުން އެކަށީގެންވެއެވެ.