ސްމާޓް ފޯނަކީ މިހާރު ހަށިގަނޑުގެ އެއްބައި ފަދައިން ބައެއް މީހުން ގެންގުޅޭ އެއްޗެކެވެ. ފޯނާއި ނުލާ ދިރިއުޅެން ނޭގޭ އެތައް ބަޔަކު އެބަތިއްބެވެ. ހުރިހާ ކަމެއްވެސް ކުރަނީ ފޯނުންނެވެ. ޒަމާނަށް އައި ބަދަލާއި އެކު ފޯނު ވެފައި ވަނީ އެހައިވެސް މުޙިންމު އެއްޗަކަށެވެ. އެހެން ނަމަވެސް ފޯނުން ނުކުރަންވީ ގިނަ ކަންތައްތަކެއް ހުންނަކަން ދަންނަން ވާނެއެވެ.

އޭގެ ތެރެއިން ބައެއް ކަންތައްތަކަށް ބަލާލަމާ ހިނގާށެވެ.

ފޯނު ޗާޖު ފުލްވިނަމަވެސް ޗާޖަށް ޖަހައިގެން އިނުން:

ސްމާޓްފޯންތައް މާގިނަ އިރުވަންދެން ޗާޖަށް ޖަހާފައި ނުބަހައްޓާށެވެ. ފޯނު މާބޮޑަށް ހުނުވުމުގެ ސަބަބުން ތިމާއަށް ބޮޑު ގެއްލުމެއްވުންވެސް އެކަމުގެ ސަބަބުން ލިބުން އެކަށީގެންވެއެވެ. ނުވަތަ އެގޮތަށް ކަންތައް ކުރުމުން ފޯނަށްވެސް ގެއްލުމެއް ލިބުނަކީ އެކަށީގެންވާ ކަމަށެވެ.

ގަމީހުގެ މަތީ ޖީބަށް ފޯނު ލުން:

އާއްްމުކޮށް ގިނަ ބަޔަކު ގަމީހުގެ މަތީ ޖީބަށް ފޯނު ލައިގެންވެސް އުޅެއެވެ. އެހެން ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫނެވެ. ސިއްހަތާއި ބެހޭ މާހިރުން ބުނީ، އެކަމުގެ ސަބަބުން ތިމާގެ ސިއްހަތަށް ގެއްލުންވެދާނެ ކަަމަށެވެ.

ފޯން ޗާޖަށް ޖަހައިގެން އިނދެ ހެޑްސައިޓް ޖަހައިގެން އިނުން:

މިއީ އާއްމުކޮށް ގިނަ ބަޔަކު ކުރާ ކަމެކެވެ. އެހެން ނަމަވެސް މިއީ ކުރަންވާނެ ކަމެއް ނޫނެވެ. ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި، އެގޮތަށް ފޯނު ޗާޖަށް ޖަހައިގެން އިނދެ ހެޑްސެޓް ޖަހައިގެން އިންނަ ނަމަ އިލެކްޓްރިކް ޝޮކެއް ޖެހުމަކީ ގާތް ކަމެއް ކަމަށެވެ.

ފޯން ކައިރީގައި ބާއްވައިގެން ނުނިދުން:

ފޯން ބާލިސް ދަށަށް ލައިިގެން ނުވަތަ ކައިރީ ބާއްވައިގެން ނުނިދާށެވެ. ޑޮކްޓަރުން ބުނާގޮތުގައި، ފޯން އެގޮތަށް ބާއްވައިގެން ނިދާނަމަ ސިކުނޑިއަށް އަސަރު ކުރެއެވެ. އަދި ނިދިން މީހާ ހޭލައްވާލައި ހަމަނިދި ލިބުމަށް އެކަމުން ހުރަސްއެޅެއެވެ.

ފޯން ޗާޖަށް ޖަހާފައި އަވީގައި ނުބޭއްވުން:

ފޯން ޗާޖަށް ޖަހާފައި އަވި ދޭ ހިސާބެއްގައި ނުބާއްވާށެވެ. އޭގެ ސަބަބުން ފޯނު ވަރަށް އަވަހަށް ހޫނުވުމަށް މަގުފަހިވެއެވެ.