އެއާބަސް އިން އުފެއްދި ދެ ސެޓްލައިޓް ޖައްވަށް ގެންދިއުމަށް އުދުއްސާލި ރޮކެޓެއް، ދުނިޔެ އާއި ގުޅުން ކެނޑި ގެއްލިއްޖެއެވެ.

ފްރާންސްގެ ގްރިއާނާ ނަމަކަށް ކިޔާ ސިޓީގައި ހުރި ރޮކެޓް ޖައްވަށް ފޮނުވާ ސެންޓަރުން ޖައްވަށް ފޮނުވާލި ރޮކެޓަކީ ވެގާ-ސީ ނަމަކަށް ކިޔާ ކުންފުންޏަކުން އުފެއްދި ރޮކެޓެކެވެ.

މި ރޮކެޓްގައި ޖައްވަށް ފޮނުވަން މަސައްކަތް ކުރި އެއާބަސްގެ އޮބްޒަވޭޝަން ސެޓްލައިޓްތަކަކީ ހައި ކޮލެޓީ ފޮޓޯ ނެގުމަށް ޖައްވަން ފޮނުވަން މަސައްކަތް ކުރި ސެޓްލައިޓްތަކެކެވެ. ސައިންސްވެރިން ރާވާފައި އޮތީ މި ސެޓްލައިޓްތައް ބޭނުން ކޮށްގެން ކޮންމެ ދުވަހަކު ވެސް ދުނިޔޭގެ އެތައް ސަތޭކަ ފޮޓޯއެއް ނަގާށެވެ.

ރޮކެޓް ޖައްވަށް ފޮނުވުމުގެ މިޝަންގައި އިސްކޮށް ހުރި ސައިންސްވެރިޔާ ކަމަށްވާ ސްޓެފަން ވިދާޅުވީ މިޝަން ފެއިލް ވެފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރޮކެޓް އުދުއްސާލިތާ ދިހަ މިނެޓް ފަހުން ރޮކެޓް ދަތުރުކުރަން ޕްރޮގްރާމް ކޮށްފައިވާ މަގުން ރޮކެޓް ކައްސާލިއެވެ. އަދި އޭގެ ފަހުން ރޮކެޓާއި ގުޅުން ކެނޑި ރޮކެޓް ގެއްލުނެވެ.

ސްޓެފަން ވިދާޅުވި ގޮތުގައި ރޮކެޓަށް ދިމާވި މައްސަލަ ދެނެގަތުމަށް ޑޭޓާ އެލައިސިސްތައް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ރޮކެޓް ގެއްލުނު ނަމަވެސް ރޮކެޓްގެ އެއްވެސް އެއްޗެއް ބިމަށް ވެއްޓިފައި ނުވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި ރޮކެޓް އުދުއްސާލަން ފުރަތަމަ ތާވަލް ކުރީ ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހު އެވެ. ނަމަވެސް ރޮކެޓް ލޯންޗް ކުރުމަށް ބޭނުންކުރާ ސިސްޓަމްގައި މައްސަލައެއް ޖެހުމުން ރޮކެޓް އުދުއްސާލުން ފަސް ކުރީއެވެ.