ޓައިވާނުގެ ޝިޕިންގް ކުންފުންޏަކުން، އެ ކުންފުނީގެ އަހަރީ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ބައެއް މުވަޒަފުންނަށް ބޮޑެތި ބޯނަސްތަކެއް ދޭން ފަށައިފިއެވެ.

ޓެއިޕޭގައި ހުންނަ އެވަގްރީން މެރިން ކޯޕް އިން އެވްރެޖްކޮށް އަހަރީ ބޯނަސްގެ ގޮތުގައި، 50 މަހުގެ މުސާރަ ނުވަތަ ހަތަރު އަހަރަށްވުރެ ގިނަ ދުވަހުގެ މުސާރައާ އެއްވަރުގެ ބޯނަހެއް ދެމުން ގެންދާ ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން ވަނީ ބުނެފައެވެ. އެކި މުވައްޒަފުންނަށް ލިބޭ ބޯނަސްގެ އަދަދު އެމީހެއްގެ ވަޒީފާގެ ދަރަޖަ، އަދި ބާވަތުގެ ގޮތުން ތަފާތުވާނެ ކަމަށާއި، އަދި މި ބޮޑެތި ބޯނަސްތައް ލިބޭނީ ހަމައެކަނި ޓައިވާން ގެ ކޮންޓްރެކްޓް ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.

އަހަރު ނިމޭ އިރު ދޭ ބޯނަސްތައް ބިނާވާނީ އެ ކުންފުނީގެ އެ އަހަރުގެ މަސައްކަތަށް ކަމަށާއި، ވަކި ވަކި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް ކަމަށް އެވަގްރީން މެރިން އިން ބުނެފައިވެއެވެ.

އެވަގްރީން މެރިން ގެ މި ބޮޑު ހަދިޔާ އަކީ ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން އިތުރުވެފައިވާ މުދަލުގެ ޑިމާންޑާއި ފްރެއިޓް ރޭޓް ތަކާއި އެކު، މިދިޔަ ދެ އަހަރު ޝިޕިންގެ ދާއިރާ ފުޅާވެގެން ދިއުމުގެ ނަތީޖާއެވެ. އެ ކުންފުނީގެ 2022 ވަނަ އަހަރުގެ ފައިދާ 634.6 ބިލިއަން ނިއު ޓައިވާން ޑޮލަރު، ނުވަތަ 20.7 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އެއީ 2020 ގެ ފައިދާއާއި އަޅާބަލާއިރު 3 ގުނައިގެ އިތުރު ވުމެކެވެ.

މިދިޔަ އަހަރު، އެވަގްރީން މެރިންގެ ބޯޓެއް ސުއޭޒް ކެނެލްގައި ތާށިވެގެން އެ ކުންފުނިން ވަނީ ހަބަރުގެ ތަކުގެ ސުރުހީތަކުންވެސް ޖާގަ ހޯދާފައެވެ.

ބައެއް މުވައްޒަފުންނަށް ބޮޑެތި ބޯނަސްތައް ލިބުނު ނަމަވެސް ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މި ނަސީބެއް ނުލިބެއެވެ. އެގޮތުން ޝަންގްހާއީގައި މަސައްކަތް ކުރާ އެ ކުންފުނީގެ މުވައްޒަފުންނަށް ލިބުނީ އެމީހުންގެ މުސާރައިގެ 5-8 ގުނައިގެ ބޯނަސް އެއްކަމުން، މުވައްޒަފުންނާއި މެދު ހަމަހަމަކޮށް ކަންތައްތައް ނުކުރާ ކަމަށް ބުނެ އެ މުވައްޒަފުން ވަނީ ޝަކުވާ ކޮށްފައެވެ.