އެޕަލް އިން ކޮންމެ އަހަރަކު ވެސް ގަވައިދުން ކުރާކަމެއް އޮވެއެވެ. އެއީ އެޕަލް އިން ނެރޭ ފޯނުތަކުގެ މައުލޫމާތުތައް ލީކް ކުރުމެވެ. އެޕަލްގެ އެއްވެސް ރަސްމީ ބައިވެރިވުމެއް ނެތި އައިފޯން އިސްތިހާރު ކުރަން ގެންގުޅޭ ސިއްރު އެޖެންޑާ އަކީ އެއީއެވެ.

ކޮންމެއަކަސް މިއަހަރަކީ އެޕަލް އިން އެކުންފުނީގެ އައިފޯން-15 ނެރޭނެ އަހަރެވެ. އެޕަލްގެ މައުލޫމާތުތައް ހާމަކުރާ ބްލޮގްތަކުގައި ބުނާ ގޮތުގައި އައިފޯން-15 ނެރުމަށް ވާން ޖެހޭ ތައްޔާރީތައް އެޕަލް އިން ކުރަމުން އެބަގެންދެއެވެ. މިއަހަރު ވެސް އެޕަލް އިން އައިފޯންގެ ތިން މޮޑެލް އެއް ނެރޭނެ ކަމަށް ބުނެވެއެވެ.

އޭގެތެރޭގައި ހިމެނެނީ އައިފޯން-15 އާއި އައިފޯން-15 ޕްލަސް އާއި އަދި އައިފޯން-15 އަލްޓްރާ ކަމަށް ވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިއަހަރު ނެރޭ އައިފޯންތަކުގެ ސިފަ އާއި ސައިޒްގައި މާބޮޑު ފަރަގެއް ނުހުންނާނެއެވެ. އައިފޯން-14 ޑިޒައިނަށް ބަދަލެއް ނުގެނެސް އައިފޯން-15 ނެރޭނީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ހާއްސަކޮށް އައިފޯން-15 އަލްޓްރާ އަށް ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުންތަކެއް ގެންނާނެ ކަމަށް ވެއެވެ. އޭގެ ބަދަލެއްގެ ގޮތުން އައިފޯން-15 ވެގެން ދާނީ އެހެން ފޯނުތަކަށްވުރެ މާބޮޑަށް ވެސް އަގުބޮޑު ފޯނަކަށް ކަމަށް ވެސް ބްލޮގް ޕޯސްޓްތަކުގައި ބުނެފައި ވެއެވެ.

މިއަހަރު އައިފޯންގެ އަގު ބޮޑުކުރަން އެޕަލް އަށް މަޖުބޫރު ވާނެ ސަބަބެއްގެ ގޮތުގައި ރިޕޯޓްތަކުގައި ބުނެފައި ވަނީ އައިފޯން-14 ވިކޭނެ ކަމަށް ކުރިން ލަފާކުރި ވަރަށް ނުވިކުމެވެ. ނަތީޖާއެއްގެ ގޮތުން އެޕަލް އަށް ހީކުރިވަރުގެ ފައިދާއެއް މިދިޔަ އަހަރު ނެރެވިފައެއް ނުވެއެވެ. އެހެންވެ އެފައިދާ މިއަހަރު ހޯދަން އެޕަލް އިން ވަނީ އަމާޒު ހިފާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު