އެޕަލް އިން އުފައްދާ ލެޕްޓޮޕް ކަމަށްވާ މެކްބުކް އަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ތިޕޯޓްތައް ބުނެފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މެކްބުކްގެ ސްކްރީނަކީ ޓަޗް ސްކްރީނަކަށް ހެދުމަށް މިހާރު އެޕަލް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ވިޔަފާރީގެ ޚަބަރުތައް ގެނެސްދޭ ދުނިޔޭގެ އެންމެ މަޝްހޫރު ނޫސް ކަމަށްވާ ބްލޫމްބާގް އިން ބުނާ ގޮތުގައި އެޕަލް އިން މަސައްކަތް ކުރަމުން އަންނަނީ 2025 ވަނަ އަހަރު ބާޒާރަށް ނެރޭ މެކްބުކް ޕްރޯ އަކީ ޓަޗް ސްކްރީން މެކްބުކް އަކަށް ހެދުމަށެވެ.

ޓަޗް ސްކްރީނެއް ހިމެނޭ މެކްބުކް ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެޕަލްގެ ޓީމުން ފުރަތަމަ ޑިޒައިން ކުރާ މެކްބކްގައި ޓްރެކްޕެޑް އަކާއި ކީބޯޑެއް ވެސް ހިމެނޭނެއެވެ. ޓަޗް ސްކްރީނަކީ އޭގެ އިތުރުން މެކްބުކް ޕްރޯ އަށް ލިބިގެން ދާނެ އިތުރު ކުރިއެރުމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޓަޗް ސްކްރީން މެކްބުކް އަށް މެކް އައިއޯއެސް އަށް ބަދަލުތަކެއް ގެންނަން ޖެހުނު ނަމަވެސް އެއީ އެޕަލް އަށް ދަތިކަމަކަށް ނުވާނެއެވެ. ސަބަބަކީ އައިފޯން އާއި އައިޕެޑް ތަކަކީ މިހާރު ވެސް ޓަޗް ސްކްރީންތަކަށް ހާއްސަކޮށްފައިވާ އައިއޯއެސްތައް ބޭނުންކުރާ އުފެއްދުންތައް ކަމަށް ވާތީއެވެ.

އެޕަލް އިން މީގެ ކުރިން ވަނީ މެކްބުކްގައި ޓަޗް ސްކްރީނެއް ހިމަނަން ދެކޮޅު ހަދާފައެވެ. އެޕަލް ކުންފުނީގެ އިސްވެރިން ކުރިން ބުނެފައިވާ ގޮތުގައި މެކްބުކްގެ ސްކްރީނަކީ ޓަޗް ސްކްރީނަކަށް ހަދައިފިނަމަ އާއްމު މީހަކަށް މެކްބުކް ގަންނަން ދަތިވާވަރަށް އޭގެ އަގު ބޮޑުކުރަން ޖެހޭނެއެވެ.

ނަމަވެސް ފަހަކަށް އައިސް އެޕަލް އާއި ވާދަވެރި ކުންފުނިތަކުން އުފައްދަމުން އަންނަ ލެޕްޓޮޕްތަކުގައި ވެސް ޓަޗް ސްކްރީން ހުންނާތީ އެޕަލް އަށް އެކުންފުނީގެ ބޯދާ ވިސްނުން ދޫކޮށްލަން މަޖުބޫރު ވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެޕަލް އާއި އެންމެ ވާދަވެރި އެއްކުންފުނި ކަމަށްވާ ވިންޑޯސް އިން ވެސް މިހާރު ޓަޗް ސްކްރީން ލެޕްޓޮޕް އުފައްދައެވެ.

މެކް އަކީ ވެސް އެޕަލް ކުންފުންޏަށް ބޮޑު އާމްދަނީއެއް ހޯދައި ދެމުން އަންނަ އުފެއްދުމެކެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރު މެކް އިން އެޕަލް އަށް 40.1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. އެއީ 2021 ވަނަ އަހަރާއި އަޅައި ބަލާއިރު %14 ގެ ކުރިއެރުމެކެވެ.

ކިޔުންތެރިންގެ ހިޔާލު