މިސް ޔުނިވަރސް 2022 ގެ މަގާމް އެެމެރިކާގެ އާރްބޯނީ ނޯލާ ގެބްރިއޭލް ކާމިޔާބު ކޮށްފިއެވެ.

އެމެރިކާގެ ނިއު އޯލިއަންސްގައި އިއްޔެ މިފަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ދުނިޔޭގެ 74 ގައުމެއްގެ ރީތީގެ ރާނީން ވާދަކޮށްފައިވެއެވެ. އޭގެ ތެރޭގައި އާރްބޯނީ އާއި އެންމެ ކައިރިން ވާދަކުރީ މިސް ވެނެޒުވޭލާ އަމޭންޑާ ޑުޑަމެލް އާއި މިސް ޑަމިނިކަން ރިޕްބްލިކް އެންޑްރިއެނާ މާޓިނޭޒްއެވެ.

71 ވަނަ މިސް ޔުނިވަރސް މުބާރާތް ކާމިޔާބުކުރި އާރްބޯނީގެ ބޮލުގައި މިސް ޔުނިވަރސް ތާޖު އަޅުވާދީފައިވަނީ 2021 ވަނަ އަހަރުގެ މިސް ޔުނިވަރސް ކަމަށްވާ އިންޑިޔާގެ ހަރްނާޒް ކޯރް ސަންދޫއެވެ. މިއާއިއެކު، އެމެރިކާގައި ދިރިއުޅުއްވާ ފިލިޕީންސް ދަރިކޮޅުގެ ތެރެއިން މިސް ޔުނިވަރސް މަގާމް ހޯދި ފުރަތަމަ ރީތީގެ ރާނީއަށް އޭނާ ވެގެން ގޮސްފައި ވެއެވެ.

28 އަހަރުގެ އާރްބޯނީއަކީ މޮޑެލްކުރުމުގެ އިތުރަށް ފެޝަން ޑިޒައިނަރެކެވެ.

ރީތީގެ ރާނީއެއް ހޮވުމަށްޓަކައި ބޭއްވި އިންޓަވިއުތަކުގައި އާރްބޯނީއާއި ކުރެވުނު ސުވާލެއްގައި އޭނާ ވަނީ މުޅިން ތަފާތު ޖަވާބެއް ދީފައެވެ. މިސް ޔުނިވަރސް މުބާރާތުގައި މީގެ ކުރީގައި ދަރިން ތިބޭ އަންހެނުންނަށް ވާދަ ނުކުރެވެއެވެ. އެހެން ނަމަވެސް، މިހާރު އެ އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ.

މިކަމާއި ގުޅުވައިގެން އިންޓަވިއު ޕެނަލްއިން ސުވާލު ކޮށްފައި ވަނީ އިތުރު ބަދަލެއް މުބާރާތެއް ގެންނަން ބޭނުންވޭތޯއެވެ. ޖަވާބެއްގެ ގޮތުގައި އާރްބޯނީ އެދިފައިވަނީ ކޮންމެ އުމުރެއްގެ އަންހެނަކަށްވެސް މި މުބާރާތުގައި ވާދަކުރެވޭނެ ގޮތް ހަމަޖެއްްސުމަށެވެ.

ކިޔުންތެރިންގެ ހިޔާލު