އިންޑިއާގައި އަންހެނަކު، އޭނާގެ ލޯބިވެރިޔާ އާއި ގުޅިގެން ފިރިމީހާ މަރާލައިފިއެވެ.
އިންޑިއާގެ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ ބިސްރަކްގައި ދިރިއުޅޭ ނީތޫ ކިޔާ އަންހެނަކު އޭނާގެ ފިރިމީހާ ސަތީޝް މަރާލީ ލޯބިވެރިޔާ ހަރްޕާލްއާ ގުޅިގެންނެވެ. މި މައްސަލައިގައި އެ ދެ މީހުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފައެވެ.
ރިޕޯޓްކޮށްފައިވާ ގޮތުގައި ނީތޫއާއި ހަރްފާލްގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދި ދެ މީހުން ކައިވެނި ކުރަން ބޭނުންވީއެވެ. އެހެންކަމުން ސަތީޝް މަރާލީ ކަމަށްވެއެވެ.
އެ މީހުން ސަތީޝް މަރާލާފައި ވަނީ މި މަހުގެ ދެވަނަ ދުވަހުގެ ރޭގައި ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އިންޑިއާގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ރޭ ނީތޫ ސަތީޝްގެ ޖޫސްތައްޓައް ނިދާ ބޭސް އަޅައި ބޯންދިނެވެ. އަދި ސަތީޝްއަށް ބޭހުގެ އަސަރު ކުރުމަށް ތުވާއްޔެއް ބޭނުންކޮށްގެން ނޭވާ ހާސްކޮށް މަރާލީއެވެ. އޭނާ މަރާލުމުގައި ގޯތަމް ކިޔާ މީހަކު ވެސް ހިމެނެއެވެ.
ސަތީޝް މަރާލުމަށްފަހު އެ މީހުން ވަނީ ކައިރީގައި ދިރިއުޅޭ އަވަށްޓެރިއަކު ގެއެއް އިމާރާތް ކުރަމުންދާ ބިމެއްގައި ސަތީޝް ވަޅުލާފައި ކަމަށް ވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ. އެތަނުގެ ތެރެއިން ހޮނިހިރު ދުވަހު ސަތީޝްގެ ހަށިގަނޑު ވަނީ ފެނިފައެވެ.
ހަށިގަނޑު ފެނުމާ ގުޅިގެން ނީތޫ އާއި ހަރްފާލް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުން ސަތީޝް މަރާލި ކަމަށް އެއްބަސްވީ ފުލުހުން ސުވާލު ކުރުމުންނެވެ.
މި މައްސަލައިގައި ނީތޫ އާއި ހަރްފާލް އަދި ގޯތަމްގެ މައްޗަށް އިންޑިއާ ފުލުހުން ވަނީ ހެކި ނައްތާލުމުގެ ދައުވާއާއި ފުލުހުންނަށް ނުބައި މައުލޫމާތު ދިނުމުގެ ދައުވާ އާއި މީހަކު މަރާލުމުގެ ދައުވާ އުފުލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު