1620 ވަނަ އަހަރު އުފަންވެފައިވާ ކަމަށް ލަފާކުރެވޭ، 400 އަހަރުވީ ގްރީންލޭންޑް މިޔަރެއް ސައިންޓިސްޓުން ހޯދައިފިއެވެ.

ސައިންޓިސްޓުން ބުނާ ގޮތުގައި ގްރީންލޭންޑް މިޔަރަކީ މިހާރު ދުނިޔޭގައި އެންމެ ގިނަ ދުވަހު ދިރިއުޅޭ މައިބަދަ ހުންނަ (ވާޓެބްރޭޓްސް) ދިރުމެވެ.

މިޔަރުގެ ލޮލުގައި ހުންނަ ޕްރޮޓީން ބޭނުން ކޮށްގެން، ސައިންޓިސްޓުން ވަނީ ރޭޑިއޯކާބަން ޑޭޓިން ހަދައިގެން 28 ގްރީންލޭންޑް މިޔަރުގެ އުމުރު ދެނެގަނެފައެވެ. އެގޮތުން، އޭގެ ތެރެއިން އަންހެން މިޔަރެއްގެ އުމުރަކީ 400 އަހަރު ކަމަށް ވަނީ ލަފާކުރެވިފައެވެ. މީގެ ކުރިން އެންމެ ގިނަ ދުވަސްވީ ވާޓެބްރޭޓްގެ ރިކޯޑް އޮތީ، 211 އަހަރުގެ ބޯހެޑް ބޮޑު މަހަކަށެވެ.

ކޯޕަންހޭގަން ޔުނިވާސިޓީގެ މެރިން ބަޔޮލޮޖިސްޓު އަދި މި ދިރާސާގައި އިސްކޮށް ހުންނެވި ޖޫލިއަސް ނީލްސަން ވިދާޅުވީ މަސައްކަތް ކުރިއިރުވެސް، ދިރާސާ މި ކުރެވެނީ އާދަޔާ ހިލާފު ޖަނަވާރެއްގެ ކަން އެނގޭ ކަމަށެވެ. ނަމަވެސް މިޔަރުތަކުގެ އުމުރު އެހާ ދޮށިކަން އެނގުމުން، މި ދިރާސާގައި ބައިވެރިވި ހުރިހާ އެންމެންވެސް ވަރަށް ހައިރާންވި ކަމަށް ނީލްސަން ވިދާޅުވިއެވެ.

ގްރީންލޭންޑް މިޔަރު ދިގުމިނުގައި ފަސް މީޓަރަށް ބޮޑުވެއެެވެ. ނަމަވެސް އަހަރެއްގެ މައްޗަށް މި މިޔަރު ސައިޒުން ބޮޑުވަނީ އެންމެ ސެންޓިމީޓަރެކެވެ. މީގެ މިޔަރު ފެންނަނީ އުތުރު އެޓްލާންޓިކްގެ ފިނި ކަނޑުގައި، ވަރަށް އަޑީގައި މަޑުމަޑުން ދުވެލަ ދުވެލާ ތިއްބައެވެ.

ސައިންޓިސްޓުންގެ ގުރޫޕުން ގަބޫލުކުރާ ގޮތުގައި މީގެ މިޔަރަށް ދަރިމައިވުމުގެ ގާބިލުކަން ލިބެނީ ހަތަރު މީޓަރަށް ބޮޑުވުމުންނެވެ. އެހެން ކަމުން މިއީ މިޔަރުގެ އުމުރުން ގާތްގަނޑަކަށް 150 އަހަރު ވާ ފަހުންނެވެ.

މި ދިރާސާ ކުރިއަށް ގެންދެވިފައިވަނީ، 1960 ގެ އަހަރުތަކުގައި ކުރިއަށް ގެންދެވުނު އެޓްމޮސްފެރިކް ތާމޯނިއުކްލިއަރ ހަތިޔާރުގެ ޓެސްޓުތަކުގެ ސަބަބުންނާއިވެސް އެކުގައެވެ. މި ހަތިޔާރުތަކުން ވަނީ ވަރަށް ގިނަ އަދަދެއްގެ ރޭޑިއޯ ކާބަން ބޭރުކޮށްފައެވެ. އަދި މި ރޭޑިއޯކާބަން ވަނީ މަޑުމަޑުން ކަނޑުގެ ދިރުންތަކުން އެބްސޯބްކޮށްފައެވެ.

މި ދިރާސާކުރި ފަރާތްތަކުން ވަނީ މިޔަރުގެ ލޮލުގެ ސެލްތަކުގައި ރޭޑިއޯކާބަން ހުރި މިންވަރު ބަލައި މިޔަރުތަކުގެ އުމުރުގެ ރޭންޖެއް ލަފާކޮށްފައެވެ. ދެން އޭގެ ތެރެއިން އުމުރު ބޮޑެތި މިޔަރުގެ ބޮޑުމިނާއި، މިޔަރުތަކާއި ބެހޭގޮތުން ކުރިން އެނގޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް މިޔަރުތަކުގެ އުމުރު ލަފާކޮށްފައެވެ.

ނީލްސަން ވިދާޅުވި ގޮތުގައި ދިރާސާކުރެވުނު މިޔަރުތަކަށް މަދުވެގެން 272 އަހަރު ވެދާނެއެވެ. އަދި ބައެއް މިޔަރަށް އެވްރެޖްކޮށް 512 އަހަރުވެސް ވުންވެސް އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ. ނީލްސަން ވިދާޅުވީ މިޔަރުތަކުގެ ދިރިހުރުމުގެ އެވްރެޖް އުމުރެއްގެ ގޮތުގައި ލަފާކުރެވެނީ 390 އަހަރު ކަމަށެވެ.

ގްރީންލެންޑް މިޔަރުގެ އުމުރު މިހާ ދިގީ އެ މިޔަރުތައް ދިރުއުޅޭ ކަނޑުގެ ފިނިކަމުންނާއި، އެ ބާވަތުގެ މިޔަރުގެ މެޓަބޮލިޒަމް ލަސްކަމުންނެވެ. އާކްޓިކް އަދި އުތުރު އެޓްލާންޓިކް ކަނޑުގައި މަޑު ދުވެއްޔެއްގައި ދުވެ އުޅޭ މިބާވަތުގެ މިޔަރުގެ ދުވާލެއް ލަސްކަމުން ނިދާ މިޔަރޭ ވެސް ކިޔައެވެ.