ކޮންމެ ތަނެއްގައިވެސް ބޮޑެތި ހުވަފެންތައް ދެކޭ މީހުން އުޅޭނެއެވެ. ކިތަންމެ އާދައިގެކޮށް ފަށަން ޖެހުނަސް، އެމީހުންގެ އަމާޒަށް ވާސިލްވެވޭނެ ކަމުގެ އުންމީދުތައް ދޫނުކޮށްލާ މީހުން އުޅޭނެއެވެ. އަދި ކާމިޔާބީގެ ވާހަކަތަކުގެ އެންމެ ބޮޑު އަސަރެއް ކުރާނީ އެމީހަކު ފަށައިގެން އެ ކާމިޔާބީއާ ހަމައަށް ދިޔަނަމައެވެ.

އެގޮތުން ބޮޑެތި ހުވަފެންތަކެއް ދެކޭ، އިންޑިއާގެ މަހަރާޝްތުރާގެ އަމްރާވަތީގެ ސައި ވިއްކާ މީހެއް ކަމަށްވާ، ސާގަރް ސްރިވާސްތަވާގެ ވީޑިއޯ އެއް، ބްލޮގަރެއް ކަމަށްވާ އަބިނަވް ޖޭސްވާނީ ވަނީ އިންސްޓަގްރާމުގައި އާންމުކޮށްފައެވެ. ސާގަރްގެ ހުވަފެނަކީ މަޝްހޫރު އެކްޓަރަކަށް ވުމެވެ.

މިވަގުތު ސައިވިއްކާ މީހެއްގެ ގޮތުގައި ހުއްޓަސް، ސާގަރްގެ ބޮޑެތި އުންމީދުތަކެއް އެބަ ހުއްޓެވެ. ސާގަރް ވަނީ ވީޑިއޯގައި، ސައި ކައްކަމުން، ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ނަކަލުކުރުމުގެ ހުނަރު ދައްކާލާފައެވެ.

އެގޮތުން ސާގަރް ވަނީ އަމީތާބް ބައްޗަން، ރިތިކް ރޯޝަން، ސަލްމާން ހާން ހިމެނޭހެން ބޮލީވުޑްގެ ފާހަގަ ކޮށްލެވޭ ތަރިންގެ ނަކަލު ކޮށްފައެވެ. އަދި ކުމާރު ސާނޫ ގެ މަޝްހޫރު ލަވަ "ދީރޭ ދީރޭސޭ" ލަވަވެސް އޭނާ ވަނީ ކިޔައިފައެވެ.

އަބިނަވް މި ވީޑިއޯ ޕޯސްޓު ކުރަމުން އެދިފައިވަނީ ބޮލީވުޑަށް ދިއުމުގެ ސާގަރްގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެހީވުމުގެ ގޮތުން އެ ވީޑިއޯ ޝެއާ ކުރުމަށެވެ. އަދި އޭނާ ބުނެފައިވަނީ މިއީ އިންޑިއާގައި ހުރި އެންމެ ހުނަރުވެރި "ޗާއިވާލާ" (ސައި ވިއްކާ މީހާ) ކަމަށެވެ.

އަބިނަވް އާންމު ކުރި ވީޑިއޯ އަށް ކޮމެންޓު ކުރި މީހުންވެސް ވަނީ ސާގަރްގެ ހުނަރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާ

    އަހަރުންވެސް ބޮލީވުޑް އަށް ދާންބޭނުމޭ މަޝްހޫރުވާން

    2
    2