މަދިރިއަކީ، އާއްމުކޮށް ފެންނަ ސޫފާސޫފީގެ ތެރެއިން، އެންމެ ގިނަ ބަލި ޖައްސާ އެއް ސުތްޕެވެ. ޑެންގީ، ޗިކަންގުނިޔާ، މަލޭރިޔާ އަދި ޒިކާ އަކީ، މަދިރީގެ ޒަރީއާއިން ޖެހޭ ނުރައްކާތެރި ބަލިތަކެކެވެ، އެހެންނަމަވެސް، މި ބަލިތައް ފެތުރުނަ ނުދިނުމަށް، އެދެވޭ ހައްލެއް، ސައިންސްވެރިންނާއި އެނޫންވެސް ތަޖުރިބާކާރުންނަށް އަދި ހޯދިފައި ނުވެއެވެ.

އެހެންނަމަވެސް، އޮސްޓްރޭލިޔާގެ ސައިންސްވެރިންތަކެއް ދަނީ، މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތައް ކޮންޓްރޯލު ކުރުމަށް މަސައްކަތްތަކެއް ކޮށް، ދިރާސާތަކެއްވެސް ކުރަމުންނެވެ.

އެގޮތުން، އެޤައުމުގެ ސައިންސްވެރިން މަސައްކަތް ކުރަމުންދަނީ މަދިރީގެ ޒަރީއާއިން ޖެހޭ މި ބަލިތައް ނައްތާލުމަށް މަދިރި ބޭނުންކުރުމަށެވެ. ދިރާސާގެ ފުރަތަމަ ބުރުގައި، އަދި މަސައްކަތް ކުރަމުންދަނީ ޑެންގީ ކޮންޓްރޯލު ކުރުމަށެވެ.

ސައިންސްވެރިބް ހާމަކޮށްފައިވާ ގޮތުގައި، މަދިރި ކޮންޓްރޯލް ކުރުމަށް ދޫކުރާ މަދިރިތައް އުދުހޭނީ، ވޮލްބަޝިޔާ ބެކްޓީރިޔާ ނަމަކަށް ކިޔާ ބެކްޓްރީރިޔާ އަކާ އެކުގައެވެ. މިއީ، ރަނގަޅު ބެކްޓީރިޔާއެއްކަމުގައިވާއިރު، މިއީ ޤުދުރަތީ އެއްޗެއްކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

އޮސްޓްރޭލިޔާގެ ކުއީންސްލަންޑުގެ ޓައުންސްވިލް ގައި އޮންނަ 66 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް، ވޮލބޮޝިޔާ އާއެކު އުދުހޭ ބެކްޓީރިޔާތަކެއް ދޫކޮށްލައިގެން، މިހާރުވަނީ ބެލުންތަކެއް ބަލާފައެވެ. މަދިރި އާލާވަދަ ތަންތަނަށް މި މަދިރިތައް ދޫކޮށްގެން ބެލި ބެލުންތަކުގެ ނަތީޖާ ރަނގަޅުކަމަށްވެސް ސައިންސްވެރިން ބުނެފައިވެއެވެ.

ދެން އެފަރާތްތަކުން މަސައްކަތް ކުރަމުންދަނީ، ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައިވެސް މިކަން ކާމިޔާބުވޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އިންޑޮނީޝިޔާގެ ބައެއް ސަރަޙައްދުތަކުގަޔާއި ބްރެޒިލްގެ ރިއޯ ޑީ ޖެނީރޯ އަށްވެސް، މި ބާވަތުގެ މަދިރި ދޫކޮށްގެން، މިކަން ކުރިއަށް ދަނީ ކިހިނެއްތޯ ބެލުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.