މަޝްހޫރު ހޮލީވުޑް ލަވަ ކިޔުންތެރިޔާ ސެލީނާ ގޮމޭޒް އާ ލޯބިވެރިޔަކު ހޯދި ކަމުގެ ވާހަކަތައް ނޫސްތަކުގައި ދެކެވެން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކުޅަދާނަ ލަވަ ކިޔުންތެރިޔާ ޖަސްޓިން ބީބާއާ އެކު އޮތް ވަރުގަދަ ލޯބީގެ ގުޅުން ނިމުމަކަށް ގެނައުމަށް ފަހު ސެލީނާ މިހާރު ރައްޓެހިވެގެން އުޅެނީ ޗެއިންސްމޯކަސް ބޭންޑްގެ ތަރި ޑްރޫ ޓަގެޓްއާއެވެ.

ބޭރުގެ ނޫހަކަށް މައުލޫމާތު ލިބިފައިވާ ގޮތުން ބައެއް މަޝްހޫރު ފަންނާނުން އާންމުންނަށް ގުޅުން ސިއްރުކުރާ ބީދައިން ސެލީނާއާއި ޑްރޫ އެ ދެމީހުން ރައްޓެހިވެގެން އުޅޭކަން އާންމުންނަށް ސިއްރުކުރާކަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. ބަދަލުގައި އެ ދެ މީހުން ދަނީ ވީހާވެސް ފާޅުގައި އާންމުން ކުރިމަތީގައި ސިނެމާ ފަދަ ތަންތަނުގައި އެކީ ވަގުތު ހޭދަކުރަމުން ކަމަށް ނަން ހާމަކުރަން ބޭނުންނުވާ މަސްދަރަކުން އެ ނޫހަށް ކިޔާދީފައިވެއެވެ.

މީގެ ކުރިން ސެލީނާ ޖަސްޓިންއާއި ރައްޓެހިވީ ފަދައިން ޑްރޫގެ މާޒީގައިވެސް އެހެން ލޯބިވެރިޔެއް ހިމެނެއެވެ. ޑްރޫ ވަނީ ޓެކްނޮލޮޖީއަށް އިންޤިލާބެއް ގެނައި ސްޓީވް ޖޮބްސްގެ އަންހެން ދަރިފުޅު އީވް ޖޮބްސްއާއިވެސް ރައްޓެހިވެފައެވެ. ނަމަވެސް އެ ގުޅުން ވެސް ނިމުމަކަށް ވަނީ އައިސްފައެވެ.