ކެރިގެން ކުރިމަތިލައިގެން ކާމިޔާބު ހޯދަމުންދާ އެތައް އަންހެނުންނެއް މިއަދު މަސައްކަތުގެ މާހައުލުގައި އެބަތިއްބެވެ. އެއީ ގަދަހިތްވަރުން މަސައްކަތްކޮށް، މީހުން ދައްކާ ވާހަކަތަކަށް ނުބަލާ އެކަމުގައި އުޅޭ މީހުންނެވެ. މީގެ ތެރެއިންވެސް އެންމެ ގިނަބައެއްގެ އިހުތިރާމާއި ލޯބި ލިބިފައިވާ މީހުންގެ ތެރޭގައި އެމްޓީސީސީގައި މަސައްކަތް ކުރާ އަންހެން ބަސް ޑްރައިވަރުން ހިމެނެއެވެ. އެ ބަސް ޑްރައިވަރުން ބަސް ދުއްވާ ފަރިތަކަމާއި، އެ ހުންނަ ޖޯށުގެ ސަބަބުން، ބަހަށް އަރާ އެތައް ބަޔަކަށް ލިބެނީ ހިތްހަމަ ޖެހުމެކެވެ. ރައްކާތެރިކަމާއެކު ދާން ބޭނުންވާ މަންޒިލަށް ދެވޭނެ ކަމުގެ ޔަގީންކަމާއެކު، އެކަމުގެ އުފާވެރިކަން އެންމެ ބޮޑީ، އަންހެނުން މަދުން ފެންނަ މި ދާއިރާއަށް ނުކުމެގެން އުޅޭ އަންހެނުންނަށް ވާނެ ކަމަށް ބުނާ މީހުންގެ ވާހަކަތަކުންނެވެ.

އަހަރެއް ކުރީގެ ވާހަކައަކުން ފަށައިގަންނާނަމެވެ. އެމްޓީސީސީން ދޫކޮށްލި ވީޑިއޯއެކެވެ. އެ ވީޑިއޯގައި އަންހެން ބަސް އެޓެންޑަކު ބަހުގައި ދަތުރުކޮށް، އެތައް ބަޔަކު ފެންކަޅިކޮށްލިއެވެ. އެއީ ބަސް ޑްރައިވަރު އެވަގުތުގައި ނެތުމުން އޭނާއަށް ނަގަން ޖެހުނު ފިޔަވަޅެކެވެ. އެ ބަހުގައި ބަސް އެޓެންޑެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އެ ޒުވާނާ، ބަސް ދުއްވަން ދަސް ކުރާތަންވެސް އެ ވީޑިއޯއިން ފެނިގެން ދެއެވެ. ފަހުން އެ ވީޑިއޯއިން ދައްކަނީ، ފޭސް ދޭއްގައި އޭނާ، އިތުރު މީހަކު އަންނަން ދެން މަޑުކޮށްގެން ހުއްޓާ މީހަކު އޭނާގެ ދަރިފުޅު މަރުވަނީއޭ ކިޔާ ރޮމުން އަންނަ ތަނެވެ. އެކަމުގައި އެހީވާން އެމްޓީސީސީގައި މަސައްކަތް ކުރާ މި ދެ ޒުވާނުންވެސް އިސް ނެގީއެވެ. އަދި ގިނަބަޔަކު ވެގެން އޭނާ ނަގައިގެން ގޮސް ބަހަށް އަރުވައެވެ. އެކަމަކު އެގަޑީގައި ޑްރައިވަރު ނެތެވެ. އެއީ އަދި ޝިފްޓް ނުފަށާތީއާއިވެސް އެކުގައެވެ. އިރުކޮޅެއް ވަންދެން އޭނާ މަޑު ކުރުމަށްފަހު ޑްރައިވަރުގައި ގޮނޑީގައި އޭނާ އިށީނދެލިއެވެ. އެ މީހާގެ ފުރާނަ ސަލާމަތް ކުރުމަށެވެ. ހުޅުމާލެ ފޭސް ދޭއްއިން ބަހުގައި އޭނާ ނައްޓާލި ގޮތަށް ދިޔައީ ޓްރީޓޮޕްއަށެވެ. އެތައް ބަޔަކު އޭނާ ކޮށްދިން ކަންތަކަށް ޝުކުރުގެ އަތްތިލަ ބަޑިވެސް ޖަހާލިއެވެ. އެ ވީޑިއޯއަށް އެތައް ބައެއްގެ ތައުރީފް ލިބިގެން ދިޔައެވެ.

އެ ވީޑިއޯއަށްފަހު ބަސް ދުއްވުމުގެ ވަޒީފާއަށް ނުކުތް އަންހެން ޑްރައިވަރުންގެ އަދަދު އިތުރުވިއެވެ. އޭގެ ތެރެއިން މިއީ ވެސް އެކަކެވެ. އައިޝަތު ޝިރަން އަކީ އެމްޓީސީސީގެ ބަސް ޑްރައިވަރެކެވެ.

"އަސްލު ޝައުގު އުފެދިގެން ކުރި ކަމެއް ނޫން މިއީ، އެއީ އަސްލު އެމްޓީސީސީން ހަދާފައި އިން އެޑްއެއް ފެނިފައި ހިތައް އެރީ ޓްރައިކޮށްލަން ވެއްޖެޔޭ، ދެން އޭތި ބޮޑަށް ގުޅޭތީއާއިވެސް އެއްކޮށް، އެއީ އަމިއްލަ ނަފްސާ އެ އެޑްއިން ދައްކާފައި އިންނަ ވީޑިއޯއާ ގުޅޭ ހެން ހީވާތީވެ". އެއީ ވައިރަލްވި އެ ވީޑިއޯގެ ވާހަކައެވެ.

ޝިރަން އެމްޓީސީސީ ބަހެއްގައި، އޭނާއަށް ބަސް ދުއްވުމަކީ މިހާރު ބޮޑު ހިތްހަމަޖެހުމެއް

ޝިރަން ބަސް ޑްރައިވަރަކަށް ދަތުރު ފެށިއިރު، ބީ1 ކެޓެގަރީގެ ލައިސަންސްވެސް އޭނާގެ އަތުގައި އޮތެވެ. އަދި ބަސް ޑްރައިވަރަށް ވުމުގެ ޝަރުތުވެސް ހަމައެވެ. އެހެންވެ އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމަށް ހޮވި، ބަސް ދުއްވުމުގެ ތަމްރީނުތައްވެސް ފެށިއެވެ.

އޭނާ ބަސް ޑްރައިވަރެއްގެ ގޮތުގައި ރަސްމީކޮށް ދުއްވާތާ ހަ މަސް ފުރިއްޖެއެވެ. އޭނާއަށް ބަސް ޑްރައިވަރަކަށް ވުމަށް ފަސޭހަވެގެން ދިޔަ މައިގަނޑު ސަބަބަކީ ކާރު އޭނާއަށް ދުއްވޭތީ އާއި، އެ ދުއްވޭނެ ކަމުގެ ޔަގީންކަންވެސް އޮތުމުންނެވެ.

"ދެން ހިތަށް އެރީ ސޭމްއޭ، މީތީގައި އިންނާނީ ބޮޑުމިންތާއޭ ތަފާތުކޮށް، އެހެންވެ ޓްރައިކޮށްލީ".

މިހާރު އެމްޓީސީސީގައި ބަސް ޑްރައިވަރުންގެ ގޮތުގައި އަންހެނުން މަސައްކަތް ކުރަމުންދާއިރު، ޝިރަން ބުނިގޮތުގައި، އަންހެނުން އެހާ އާއްމުކޮށް ނުކުރާ ކަމެއްގައި އުޅެވޭތީ އެކަމާ ވަރަށް އުފާވާ ކަމަށެވެ.

ޝިރަން ބަސް ޑްރައިވަރަކަށް ވުމަށް ކުރި ދަތުރުގެ ވާހަކަ "ވަގުތު" އާ ހިއްސާ ކުރަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"މިހާރު އަސްލު ހިތަށް އަރާ ވިސްނާފައި އިން ކަމެއްވެސް ނޫނޭ ކުރެވުނީކީއެއް، އެކަމަކު އުފާވޭ، އެހާ އާއްމު ނޫން ކަމެކޭ މި ކުރެވުނީ، އަންހެނުން އާއްމުކޮށް ނުކުރާ ކަމެކޭ މި ކުރެވުނީ، އެހެން ހިތަށް އަރާފައި ވަރަށް އުފާވޭ ހަމަ".

ޝިރަން ބަސް ޑްރައިވަރުގެ ގޮނޑީގައި އިނދެ އެ ހިތްހަމަ ޖެހުމާއެކު ދަނީ ބަސް ދުއްވަމުންނެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ބަލައި، ފަސެންޖަރުންގެ ރައްކާތެރިކަމަށް ވިސްނައިގެންނެވެ. އެ ވިސްނުމާއި އެއްގޮތަށް އޭނާ ހުރީވެސް ބަސް ޑްރައިވަރެއްގެ ގޮތުގައި ކުރިއަށް ދާން އަޒުމް ކަނޑައަޅައިގެންނެވެ.

އޭނާ މި މަސައްކަތް ކުރާތީ އާއިލާ އާއި ރަހުމަތްތެރިންގެ ފަރާތުންވެސް ތައުރީފް ބަހެއް ނޫނީ ނުލިބެއެވެ.

"ވަރަށް ގިނައިން ބުނާނެ، ޕްރައުޑް ސިސްޓާއޭ، ވަރަށް އުފާވޭ އެހެން ބުނާތީވެ، ގަދަ އަންހެނެކޭ، ވަރަށް ގިނައިން ބުނެލާނެ". ޝިރަން ބުންޏެވެ.

ޝިރަންގެ ބަސް ދުއްވުމުގައި އުޅޭތީ ފަސެންޖަރުންވެސް އޭނާއަށް ކުރާ ތައުރީފްތައް މަދެއް ނޫނެވެ. ފަސެންޖަރުންގެ ފަރާތުންވެސް އެ ފެނިގެންދާ ލޯތްބާއި އިހުތިރާމްގެ ސަބަބުންވެސް އޭނާއަށް ލިބެނީ އުފާވެރިކަމެވެ.

ޝިރަން ބަސް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާތާ ދުވަސްތަކެއް ވެފައިވާއިރު، މީހުންގެ ފަރާތުން ރަނގަޅު ކޮމެންޓްތައް ލިބޭ ކަމަށް ބުނި

"ފުރަތަމަ ކޮޅު ވަރަށް ލަދުގަތް، ވަަރަށް ބަލާ ހަމަ، ހާއްސަކޮށް ފިރިހެނުން، ދެން ފަހުން މިނި ބަސް ނެރުނީމައާއެކު މާލެ ކޮޅުގައި ވޯކް ކުރީ، ގިނައިން މިނި ބަހުގައި އުޅެން ޖެހުނީ، އެއިރު ވެސް މިހާރުވެސް ފާހަގަ ކުރެވުނު ދުވަސްވެފައި ތިބޭ ދައްތަމެން، ބޭބެމެން، ވަރަށް ޕްރައުޑްވެފައި ބުނާނެ، ވަރަށް އުފާވެޔޭ ތިގޮތަށް ފެނުނީމަ، ކޮއްކޮއާއެކު ވަރަށް ގިނަ ދަތުރު ކުރެވިއްޖެޔޭ، ވަރަށް ހިތްހަމަ ޖެހިއްޖެޔޭ، ވަރަށް އުފާވެއްޖެޔޭ، ވަރަށް އަވަސް ދަތުރެކޭ ކޮށްލެވުނީވެސް، އެގޮތަށް ބުނާތީ ވަރަށް ހިތްހަމަ ޖެހޭ"، އޭނާ ބުންޏެވެ.

ޝިރަން ކިޔައި ދިންގޮތުގައި، މިކަމުގައި ކުރިއަށް ދިއުމަށް އެމްޓީސީސީ ތެރެއިން ވަރަށް ބޮޑު ސަޕޯޓެއް ލިބިގެން ދެއެވެ. އެގޮތުން ޑްރައިވަރުންނާއި އެޓެންޑަރުން، އޮޕަރޭޝަން ސްޓާފުންގެ ފަރާތުންވެސް ވަރަށް ސަޕޯޓް ލިބިގެންދާކަން އޭނާ ފާހަގަކުރިއެވެ. އެކަމަކު މި ދާއިރާއާ ގުޅިފައި ވަނީ އާއްމުންނާއި ކަމުން، އާއްމުންގެ ބައެއް ފަރާތުން ނުރަނގަޅު ކަންކަން ފެނިގެންދާކަން އޭނާ ބުންޏެވެ.

"ކަސްޓަމަރުން ތަކަކާއި ފޭސް ކުރަން މި ޖެހެނީ، އަސްލު އެންމެ އުނދަގޫވާ ތަންކޮޅަކީ އެއީ، އެކި ފަހަރު ދިމާވޭ ވަރަށް ރޫޑް ކަސްޓަމަރުންނާއިވެސް، ދެން ހިދުމަތް ލިބިގަންނަ މީހުންގެ އިތުރުން، ބޭރުން ދުއްވާފައިމިދާ ހާއްސަކޮށް ޓެކްސީ ޑްރައިވަރުން ހަމަ ތިބޭ ތަންކޮޅެއް ރޫޑްކޮށް އެއްޗެހި ބުނެލާފައި ދާނެ. އެކަހަލަ ކަންތައްތައް ހުންނާތީ ވަރަށް އުނދަގޫވޭ، ބައެއް ފަހަރު ވަރަށް ދެރަވޭ".

ޝިރަން ބަސް ދުއްވުމުގައި

އޭނާއަށް ވެސް މިކަމުގައި އުއްމީދުތަކެއް ކުރެއެވެ. އޭނާއަށް ކުރިއަށް ދާން ބޭނުން ވެއެވެ. އެގޮތުން މިހާރު އޮޕަރޭޝަންގައި ބޭނުން ކުރާ ޝެޑިއުލްގެ ހުރިހާ އޮޓޯބަސްތައް އޭނާ ވަނީ ދުއްވާފައެވެ. އޭގެ ތެރޭގައި ބޮޑެތި ބަސްތަކާއި، މިނި ބަސްތައް ހިމެނެެއެވެ. އެކަމަކު އޭނާ މިހާރު ބޭނުންވަނީ އިތުރަށް ފިޔަ ފަޅައިގެން ދާއިރާގެ ތެރެއަށް އިތުރަށް އުދުހި ގަންނާށެވެ. އިތުރު އާ ކަންކަމުގައި އުޅޭށެވެ.

އެގޮތުން އޭނާ ބުނީ މިހާރު އެންމެ ބޭނުން ވަނީ މެނުއަލް ބަސް ދުއްވުމަށެވެ. އެ ވައްތަރުގެ ދެ ތިން ބަހެއް އާއްމުކޮށް ޝެޑިއުލްގައި ބޭނުން ކުރާއިރު، ދުއްވާލަން ނުލިބެއެވެ. އެކަމަކު އެ ފުރުސަތު ލިބޭނެ ކަމުގެ އުއްމީދުގައި އޭނާ އެ ދަނީ އަދިވެސް ކުރިއަށެވެ.

ޝިރަން އެމްޓީސީސީ ބަހެއްގެ ކުރިމަތީގައި ފޮޓޯއަކަށް ހުއްޓިލައިގެން

މިއީ ކެރިގެން ކުރިމަތިލައިފި މީހަކަށް ކުރެވޭނެ ކަމެއްކަން ޝިރަން ސާބިތުކޮށްދިންއިރު، މަގަށް ބިރު ނުގަންނަ ކަމުގައި ވާނަމަ ވާނެ ކަމަށް އޭނާ ބުންޏެވެ.

"އަސްލު މަގަށް ބިރު ނުގަންނަ ކަމުގައިވާނަމަ ވާނެ ހަމަ، ވަރަށް ގިނަ އެޓެންޑަރުންނާއެކު މި މަސައްކަތް ކުރެވެނީވެސް، ބުނަން ހުރިހާ ކުދިން ކައިރީގައިވެސް، އަސްލު ނުވާ ވަރުގެ ކަމެއް ނޫނޭ، އަސްލު ފަސޭހަ ކަމެކޭ، އެކަމަކު މި ކަމަކީ ރިސްކީ ކަމެއް، ކުރަން އުނދަގޫ ކަމެއް ނޫން". ޝިރަން ނިންމާލަމުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަހަރި

    ވަރަށް މޮޅު ❤️

    59
    2
  2. ފާޠިމާ

    ޢެޑް ވަރަށް ސަޅި. ޥަރަށް ފުރިހަމަ. ޢެޑް ގަ ބުނިހެން މި ބަލާފަ ހަމަ އަސްލަށްވެސް ރޮވުން.

  3. ކުރިޔަށް

    ❤️❤️❤️❤️❤️