އޭރުގެ ހާލަތު ހުރި ގޮތުން އުމުރުން ގާތްގަނޑަކަށް 11 އަހަރުގައި ވަޒީފާގެ މާހައުލަށް ނުކުންނަން ޖެހުނެވެ. އެއީ މާ ފޯރާ ޒަމާނެއް ނޫނަސް، މަސައްކަތުގެ މާހައުލަށް އޭނާ ނުކުތް ހިސާބުން، އެތައް ބަޔަކު އިތުބާރު ކުރާ މީހަކަށް ވިއެވެ. އޭނާއަކީ އެސްޓީއޯގައި އެންމެ ގިނަ ވެރިންނާއެކު މަސައްކަތް ކުރި އެކަކެވެ. ގާތްގަނޑަކަށް 9 ނޫނީ 10 މެނޭޖްމެންޓާއެކު އޭނާ އަށް ވަނީ މަސައްކަތް ކުރެވިފައެވެ.

މިއީ އެސްޓީއޯގައި އެންމެ ގިނަ ދުވަސްވީ މުވައްޒަފު އަބްދުﷲ ރަޝީދެވެ.

ޕިޔޯނު ކަމުން ޑްރައިވަރަކަށް، އަދިވެސް ހިދުމަތުގައި

އަބްދުﷲ އެންމެ ފުރަތަމަ ވަޒީފާގެ މާހައުލަށް ނުކުތީ ޕީއެމްޑީ (ޕަބްލިކް މެއިންޓެނެންސް ޑިވިޝަން) ކިޔާ ތަނަކަށެވެ. އެއީ މިހާރު ނަމަ ސިޓީ ކައުންސިލެވެ. އެއީ މާލޭގެ މަގުތަކުގައި ހުންނަ ދިއްލުންތަކާއި ގުޅުން ހުރި ވަޒީފާއެކެވެ. އެއީ އުނދަގޫ މަސައްކަތެއް ކަމުން އެ މަސައްކަތް ކުރާނެ މީހުން ނުވެގެން އޭނާއަށް އެ ވަޒީފާ ލިބުނީއެވެ. އެތަނުން ހޯމް މިނިސްޓްރީގެ މައުރަޒު ކޮމެޓީއަށް އޭނާ ބަދަލު ވިއެވެ. އެތަނުން އޭނާއާ ދިމާވަނީ އޭރު އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އިލްޔާސް އިބްރާހިމް އާއެވެ. މުސާރަ ބޮޑު ތަނަކަށް ދާން ބޭނުންވެގެންނާއެކު އޭނާ އެސްޓީއޯ އަށް ގުޅުނެވެ. އޭރު އޭނާގެ އުމުރަކީ ގާތްގަނޑަކަށް 15 އަހަރެވެ. މިހާރު 58އ. ގެ އަބްދުﷲ ރަޝީދު އެސްޓީއޯގައި އެންމެ ފުރަތަމަ ވަޒީފާ އަދާ ކުރަން ފެށީ ޕިޔޯނެއްގެ ގޮތުގައެވެ. އެކަމަކު މިހާރު އޭނާއަކީ އެސްޓިއޯގެ އެގްޒެކެޓިވް ޑްރައިވަރެވެ. އެއީ އެ ވަޒީފާގެ އެންމެ އިސް މަގާމެވެ.

އޭނާ އެސްޓީއޯއާ ގުޅުނީ އޮކްޓޯބަރު 30، 1980ގައެވެ. އެސްޓީއޯއާގުޅުނު ގޮތަށް އޭނާ ވަޒީފާ އަދާ ކުރަމުން ދަނީ އެތަނުގައެވެ. ޕިޔޯނެއްގެ ވަޒީފާއިން ފެއްޓި ނަމަވެސް، އޭގެ ހަތް ދުވަސް ފަހުން އޭނާ ބަދަލު ކުރީ އިލްޔާސް އަރިހުގައި މަސައްކަތް ކުރާ މުވައްޒަފަކަށެވެ.

އެސްޓީއޯގައި 42 އަހަރު ހޭދަކުރި އަބްދުﷲ އޭނާގެ ކާމިޔާބީގެ ދަތުރުގެ ވާހަކަ "ވަގުތު"އާ ހިއްސާ ކުރަނީ - ވަގުތު އިމޭޖްސް: އބްރާހިމް ޝާބިލް

އިލްޔާސް އަރިހުގައި މަސައްކަތް ކުރަމުންދިޔައިރު، އޭނާގެ ވަޒީފާއަކީ އޮފީހުގެ ކަންކަން ބެލެހެއްޓުމެވެ.

މިއީ އަބްދުﷲ އެންމެ ބޭނުންވި ވަޒީފާ!

އޭގެ ހަތަރު ވަރަކަށް އަހަރު ފަހެވެ. އޭނާ ބަދަލުވީ މެނޭޖިންގ ޑިރެކްޓަރުގެ ޑްރައިވަރަކަށެވެ.

"އަބަދުވެސް އަޅުގަނޑު ވަރަށް ކުރާ ހިތްވާ ކަމެއް އެއްޗެހި ދުއްވުމަކީ، އަސްލު ސަރުކާރަށް ވަނީވެސް ބައިސްކަލެއް ހޯދަން ވެގެން، އެއްޗެހި ދުއްވަން ޝައުގުވެރިކަން ހުންނާތީވެ އަމިއްލައަށް އެއްޗެހި ދުއްވަން ދަސްކޮށްގެން، ހަމައެކަނި ލައިސަންސް ނަގަން އަޅުގަނޑު އިލްޔާސް ކައިރީގައި އެދުނީ".

1984 ވަނަ އަހަރު ޑްރައިވަރަކަށްވީ އިރު، އެއީ އޭނާ އެންމެ ބޭނުންވިވަޒީފާއެވެ. އޭގެ ފަހުން އެސްޓިއޯއަށް ވަޑައިގެންނެވި ކޮންމެ މެނޭޖިންގ ޑިރެކްޓަރެއްގެ ޑްރައިވަރަކީ އަބްދުﷲ އެވެ.

އެސްޓީއޯގެ ތާރީހުގައިވެސް އޭނާއަށްވުރެ ގިނަ ދުވަހު ކުންފުނީގެ ޚިދުމަތުގައި ދެމިހުރި މީހަކު ނެތެވެ.

އަބްދުﷲ އެސްޓީއޯގެ މަަސައްކަތުގައި އުޅުނުއިރު

"މިހާތަނަށްވެސް އެމްޑީންގެ ކައިރީގައި މަސައްކަތް ކުރަމުން މި ދިޔައީ، ދެން އެއްވެސް ކަހަލަ މައްސަލައެއް ނުޖެހުމާއި، އަޅުގަނޑު ހުންނާނީ އަޅުގަނޑާއި ހަވާލު ކުރާ ކަންކަން ބަރާރަށް ކޮށްފައި، ދެން އެއްފަހަރު ބުނީމަ އަޅުގަނޑު ކައިރީގައި ބުނާކަށް ނުޖެހޭނެ، ދެން އެ މީހުންނަށްވެސް އެ ފަސޭހަ ހުރުމާއެކު، ކޮންމެ އެމްޑީއެއް ބަދަލުވިޔަސް އަޅުގަނޑު ހުރި ގޮތަށް ހުރެފައި، ޕާޓީ ސިސްޓަމް އައީމަ ކޮންމެ އެމްޑީއެއް ވަޑައިގެންވެސް ބައްލަވާނެ އަޅުގަނޑުގެ ކަންތައްތައް، ބަލާފައިވެސް ހިތްހަމަޖެހޭތީ، އަޅުގަނޑު މި ހުންނަނީ، އަދި އަޅުގަނޑަށްވެސް އުޅެވޭ ގޮތުން"،

އަބްދުﷲ އެ ހުރިހާ ބޭފުޅުންނާއެކު މަސައްކަތް ކުރަމުން ދިޔައިރު، އޭނާއަށް އެ އެންމެންނާއެކުވެސް އެ މަސައްކަތް ކުރެވެނީ، ތެދުވެރިވުމުންނެވެ. ޒިންމާތައް ފުރިހަމައަށް އަދާ ކުރެވޭތީއެވެ.

"ގާތްގަނޑަކަށް މިތަނުގައި އެކަނިވެސް 43 އަހަރު މި ވަނީ، ސަރުކާރަށް ގާތްގަނޑަކަށް 45 އަހަރު، އަޅުގަނޑު ނީންނާނެ އެންމެ ދުވަހަކުވެސް ގަޑި ޖެހިފައި، ނާންނަ ދުވަހެއްވެސް، ވަރަށް ގިނަ ގަޑިއަށް އަންނަން ޖެހޭ މީހެއް އަޅުގަނޑަކީ، ހަމައެކަނި ފިންގާ ޕަންޗް ކުރާ ގަޑިއެއް ނޫން، އެއަށްވުރެ މުހިންމު ގަޑިތައް ހުންނާނެ އަޅުގަނޑު، އަޅުގަނޑުގެ ސަލާމްވެސް އިންނާނީ ހަތަރެއް ނޫނީ ފަސް ސަލާމް".

އާދައިގެ މީހެއް ނޫން، ދުނިޔޭގެ އިސް ބޭފުޅުންގެވެސް ލޯބި!

އަބްދުﷲ ފާހަގަ ކުރިގޮތުގައި، އޭނާއަކީ އެސްޓިއޯގެ މަސައްކަތުގައި ރަސްމީކޮށް އުޅުނު ނަމަވެސް، ދުނިޔޭގައި ފާހަގަކޮށްލެވޭ ބޭފުޅުން ރާއްޖެ ވަޑައިގަންނަވާއިރު، އެ ބޭފުޅުންގެ ޚިދުމަތުގައި ހަރަކާތްތެރިވާ އެކަކެވެ. ރާއްޖޭގައި ބޭއްވި ތިން ސާކް ސަމިޓްގައިވެސް ގައުމުތަކުގެ ވެރިންގެ ދަތުރު ފަތުރު ހަމަޖެއްސުމުގައި އަބްދުﷲގެ އެހީތެރިކަން ދިނެވެ.

ފުރަތަމަ ސާކް ސަމިޓްގައި ޑްވައިވަރެއްގެ ގޮތުގައި މަސައްކަތްކޮށް، ދެވަނަ އަދި ތިންވަ އަށް ބޭއްވި ސަމިޓްގައި، ޑްވައިވަރެއްގެ އިތުރުންދަތުރުފަތުރުގެ ކަންކަން ރޭވުމުގައިވެސް އިސްކޮށް މަސައްކަތްކުރިއެވެ.

މުބާރާތެއް ނިންމާލުމަށްފަހު ގްރޫޕާއެކު އަބްދުﷲވެސް ފޮޓޯއަަކަށް ހުއްޓިގެން

"ހަތް ކޭޑު ގެންގުޅެން ޖެހޭނެ ސާކް ސަމިޓްތަކުގައި، އެއީ ހަތް ގައުމުގެ ވެރިން އަންނާތީވެ ވަކިވަކިން ހަމަ، އެ ހުރިހާ ކޭޑްތަކާއި، އެ ހުރިހާ ރޫޓްސްތަކާއި އެ މީހުންގެ ގަޑިތަކާއި، އެ ހުރިހާ ސެކިއުރިޓީވެސް އަޅުގަނޑު ބަލަހައްޓާފައި ހުންނާނީ"،

އޭގެ އިތުރުން، 110 ގައުމު ބައިވެރިވި ދުނިޔޭގެ ހެލްތް މިނިސްޓަރުންގެ ބޮޑު ޖަލްސާއެއްގެ ލޭންޑް ޓްރާންސްޕޯޓް އިސްކޮށް ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރުމުގެ ޝަރަފު ލިބުމަކީވެސް އޭނާ އުފާކުރާ ކަމެކެވެ.

އެންމެ ހަނދާން ހުންނަނީ ދަތުރުތައް!

"ނުގޮއްސިޔާމުން އޭނާއަށް ހުންނަ ބައެއް އިނާޔަތްތައްވެސް ހުންނާނީ ކެނޑޭ ގޮތަށް".

ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހު ހުރިހާ މުވައްޒަފުން އެކުގައި ދާ ދަތުރުގެ ހަނދާން އާކޮށްދެމުން އަބްދުﷲ ބުންޏެވެ.

ލާނެއް ހިނިގަނޑަކާއެކު ދަތުރުގައި ޖެހި ބައެއް ސަކަރާތްތައް ހިއްސާކުރަމުން އަބްދުﷲ ބުނީ އެއީ ހަނދާނުން ފިލާ ނުދާނެކަމެއްކަމަށެވެ. އެރިޔަދޫއަށް ގޮސް އުޅުނު އެ ދަތުރު، ވަރަށް މަގުބޫލު ސަބަބަކާ ހުރެ ނޫންގޮތަކަށް އެއްވެސް މީހަކު ދޫކޮށްނުލާކަން އޭނާ ފާހަގަކުރިއެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގެ ތެރެއިން އަބްދުﷲ އަށް ރައިސްގެ އަތްޕުޅުން މެޑަލް ލިބުން

އަބްދުﷲ ގެ އެންމެ ބޮޑު އަނެއް ހިތްހަމަޖެހުމަކީ ރާއްޖޭގެ ތަރައްގީގައި އެސްޓީއޯ ބައިވެރިވުން އޮންނަ މިންވަރެވެ. އާއްމުކޮށް އެސްޓީއޯގެ އާއްމު ވިޔަފާރީގެ ބޭރުން ގައުމީ ތަރައްގީގައި ހިންގާފައިވާ މަގުހެދުމުގެ ބައެއް މަޝްރޫއުތަކާ، ޕާކްތައް ހެދުމާއި، ހުރަވީ ބިލްޑިންގ، ހަނިމާދޫއާއި، ފުވައްމުލައް އެއަރޕޯޓް ފަދަ ސަރައްހަދީ ބައެއް ވައިގެ ބަނދަރުތަކަކީވެސް އޭނާގެ ލޯ ކުރިމަތިން އޭނާއަށް ގާތުން ބަލާލެވުނު މަޝްރޫއުތަކެވެ.

އެސްޓީއޯގައި އެންމެ ހިތްދަތި ދުވަސް، ބޮޑު އެކްސިޑެންޓެއް!

އަބްދުﷲ އަށް އެސްޓީއޯގައި ދިމާވި އެންމެ ހިތްދަތިކަމަކީ ބޮޑު އެކްސިޑެންޓަކާއި ކުރިމަތިވުމެވެ. އެއީ 1986 ވަނަ އަހަރު ތެރޭގައެވެ. އެކްސިޑެންޓް ހިނގީވެސް އޭނާ ރަސްމީ މަސައްކަތުން ވީއްލިގެން އުޅެނިކޮށް، ވެރިންގެ އެދުމުގެ މަތިން އިތުރު މަސައްކަތަށް އައި ވަގުތެއްގައެވެ.

"އެ ވީގޮތަކީ، އަޅުގަނޑު ފަސްޓް ޑިވިޝަނަށް ފުޓްބޯޅަ ކުޅެން އޮތް ދުވަސް، އޭރު އަޅުގަނޑު ހުރީ ދޫކޮށްފައި، އާއްމުކޮށް މުބާރާތްތަކަށް ދޫކުރާނެ 24 ގަޑިއިރު ކުރިން، އެހެން ދޫކޮށްފައި ހުރިއިރު، އެކަމަކުވެސް ގަމުގައި ތިބި އެސްޓީއޯގެ ދެ ވެރިއަކު ވަޑައިގަންނަވާތީ، އަބްދުﷲ އެކަން ހަމައެކަނި ކޮށްލަދޭށޭ ބުނީ، އަޅުގަނޑު އެ ދަތުރު ކޮށްލާފައި ނުކުންނަނިކޮށް، އެކްސިޑެންޓް ހިނގީ"،

އެ އެކްސިޑެންޓް ހިނގީ، އެސްޓީއޯގެ ޕިކަޕެއް މަގުމައްޗަށް ނެރެން އުޅެނިކޮށް "އަޅުގަނޑު ގޮވައިގެން ދިޔައީ"

އެތައް ގަޑިއިރަކަށްފަހު ހޭ އެރި އެ އެކްސިޑެންޓްގެ ވާހަކަ ދާދި މިދާކަށްދުވަހު ހިނގިކަމެއްހެން އޭނާ ކިޔާދިނެވެ.

"ވެއްޓުނު ވަގުތު އެއީ އިއްތިފާގުން އިލްޔާސްވެސް އެތަނަށް ވަޑައިގެންނެވި ވަގުތު، އަޅުގަނޑަށް ގޮވާލެވުނު އިލްޔާސްއޭ....".

އެސްޓީއޯގައި 42 އަހަރު ހޭދަކުރި އަބްދުﷲ އޭނާގެ ކާމިޔާބީގެ ދަތުރުގެ ވާހަކަ "ވަގުތު"އާ ހިއްސާ ކުރަނީ - ވަގުތު އިމޭޖްސް: އބްރާހިމް ޝާބިލް

ބޭސްފަރުވާގެ ކަންކަމުގައި އެސްޓީއޯގެ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރަމުން އޭނާ ބުނީ އެނބުރި މަސައްކަތަށް އާދެވުނީ ޑަކުޓަރީ ބޭހުގެ އިތުރަށް ރުއްގަލު ބޭސްވެސް ކޮށްގެން ކަމަށެވެ.

އެސްޓީއޯ، ހަޔާތުގެ ފަހު ވަޒީފާ

އަބްދުﷲ އެންމެ ފުރަތަމަ ދުށް އެސްޓީއޯއަކީ 24 ގަޑިއިރުގެ އޮޕަރޭޝަން ނެތް، ތިބި ހުރިހާ މުވައްޒަފުން އެއް ދޯންޏެއްގައި ދަތުރުދެވޭހާ މަދު ކުންފުންޏެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެ ކުންފުނި މިހާރު އެތައް ގުނައަކުން ކުރިއަރައިފިއެވެ.ކުންފުނި ބޮޑުވެ ބިޔަ ވުމާއެކު މަސައްކަތްތައް އިތުރުވި ނަމަވެސް އަބްދުﷲ ގަބޫލުކުރަނީ އުފާކޮށްލުމުގެ ދަތުރުތައް އޮންނަންވާނެކަމަށެވެ.

ރިކްރިއޭޝަން ކްލަބެއް އެންމެ ރަނގަޅަށް ހިންގާ އެއް ކުންފުނީގެ ގޮތުގައި އޮތް އެސްޓީއޯއަކީ މިއަދުވެސް އަބްދުﷲ އެ އެދޭފަދަ ހަރަކާތްތައް އޮތް މުވައްޒަފުންގެ ދުޅަހެޔޮކަމަށް ގިނަ ހަރަކާތްތަކެއް ހިންގާ ކުންފުންޏެކެވެ.

އެތައް ވެރިންނާއެކު އެސްޓީއޯގައި ބައިގަރުނެއްހާ ދުވަސް ވީރު އަބްދުﷲއާމެދު ޝަކުވާއެއް ނާދެއެވެ. އެ ހިތްހަމަޖެހުންވެސް އޭނާގެ އޮތްއިރު އެހެން ދިމަ ދިމާލުން އޭނާއަށް އަންނަ ވަޒީފާގެ ހުށަހެޅުންތައް އެބަ ހުއްޓެވެ. އެކަމަކު އޭނާ ދާން ބޭނުމެއް ނުވެއެވެ. އަބްދުﷲ ބުނ ީއެސްޓީއޯގެ ވަޒީފާއަކީ އޭނާ ހަޔާތުގައި އަދާ ކުރާނެ އެންމެ ފަހު ވަޒީފާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަދީފްއޮފިޝިއަލް

    ލެޖެންޑެއް.

  2. ެއެކުވެރިއެއް

    އުއްމީދަކީ އަބްދުﷲ އާއި އެކު އިތުރަށް މަސައްކަތް ކުރުމުގެ މަގު ފަހިވުން. ދުވާ އަކީ އަބްދުﷲ އަށް ފާގަތިކަމާއި ކާމިޔާބު!

    11