މިއީ ކާމިޔާބަށް ވާސިލް ވުމަށް ގަދަ އަޅާ މަސައްކަތް ކުރާ އަންހެނެކެވެ. މަންމައެއްގެ އިތުރުން، ޕްރެޒެންޓަރެކެވެ. ކޮލިފައިޑް ޓީޗަރެކެވެ. ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ސޯޝަލް ޕޮލިސީ ދާއިރާއިން މާސްޓާސް ފުރިހަމަކޮށް، މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވާސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީން ކޮމިއުނިކޭޝަން ދާއިރާއިން މާސްޓާސް ހާސިލް ކޮށްފައި ވެއެވެ. އަދި ބްރޫނާއީ ދާރުއްސަލާމްއިން ޕްރައިމަރީ އެޑިއުކޭޝަން ދާއިރާއިން އިނގިރޭސި ކިޔަވަދިނުމުގެ ރޮނގުން ބެޗްލާސް ޑިގްރީ ވަނީ ހާސިލްކޮށްފައެވެ. މިއީ ގިނަބަޔަކު ދަންނަ ޞަފާ ޝަފީގްގެ ވާހަކަ އެވެ. ލައްކަ ކަންތައްތަކާއި ކުރިމަތިލައިގެން ކާމިޔާބީގެ އުޑުގައި ފިޔަޖަހަމުން އަންނަ ކަނބަލެކެވެ. ކޮންމެ ކަމެއް ވެސް ކުރެވޭނެ ކަން ދައްކަމުން އަންނަ ފަރާތެކެވެ.

2006 ވަނަ އަހަރުން ފެށިގެން ޓީވީއެމްގެ އެކި ލައިވް ޕްރޮގްރާމްތައް ހުށަހަޅައި ދިނުމުގައި ގިނަ ބަޔަކު ބަލައިގެންފައިވާ ޞަފާ އަކީ ކޮލިފައިޑް ޓީޗަރެއްވެސް މެއެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ހަތް އިންސްޓިޓުޓެއްގައި ޓީޗަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކޮށްފައި ވެއެވެ. ތުއްތު ކުދިންނަށް އިނގިރޭސި ކިޔަވާ ދިނުމުގައި ޞަފާ ހަރަކާތްތެރިވިއިރު، އޭނާ ވަނީ ބޮޑެތި މީހުންނަށްވެސް ހާއްސަ އިނގިރޭސި ކްލާސްތައް ނަގައިދިނުމުގެ އިތުރުން، ރާއްޖޭގެ ވިލާ ކޮލެޖުގައި ލެކްޗަރާއެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ. އަދި އޭނާއަކީ ފޮތަށް ވަރަށް ބޮޑަށް ލޯބި ކުރާ މީހެއް ކަމުން، ފޮތް ކިޔުމަށް ކުދިން، ޓީޗަރުން އަދި ބެލެނިވެރިން ހޭލުންތެރި ކުރުމުގެ މަސައްކަތް ވެސް ކުރެއެވެ. މީގެ އިތުރުން ކުޑަކުދިންގެ ފޮތްތައް ލިބެން ހުންނަ އަމިއްލަ ދެ ފިހާރަ ހިންގައެވެ.

އޭނާ ބުނާ ގޮތުން ނަމަ ޓީވީ އަކީ އޭނާގެ "ހެޕީ ޕްލޭސް"އެވެ. އުމުރުން 19 ވަރަކަށް އަހަރުން ފެށިގެން ޝޯވތައް ހުށަހަޅައި ދިނުމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އޭނާ ވަނީ 1،000 އަށް ވުރެ ގިނަ ލައިވް ޝޯ ހުށަހަޅައިފައެވެ.

ޕްރެޒެންޓަރ ޞަފާ އާއި ޕްރެޒެންޓަރ ޝަހޫއާއެކު ހެނދުނު ހެނދުނާ ޝޯވގައި

ސުވާލު: ޕްރެޒެންޓިންގއަށް ވަދެވުނީ ކިހިނެއް؟

ޞަފާ ބުނާ ގޮތުގައި، އެންމެ ކުޑައިރު ރަން އުނދޯލި ޕްރޮގްރާމް ބަލާ ހަނދާން ވެއެވެ. އަދި އެ ފެނުނީމަ ވަރަށް "ވާއުވް" ވާ ކަމަށްވެސް ބުންޏެވެ. އެހެންކަމުން ކުޑައިރުއްސުރެންވެސް އެނާ ޕްރެޒެންޓް ކުރުމަށް ވަރަށް ޝައުގުވެރިކަން ހުރެއެވެ.

"ވަރަށް ބަލަން، އޭރު ޓީވީން ދައްކާ ޕްރޮގްރާމް، ޝަޒޫ ދައްތަ ކަންނޭނގެޕްރެޒެންޓަރަށް ކިޔަނީ، ވަރަށް ސަޅިވި އަސްލު، ހިތަށް އަރާ ވަރަށް މަޖާ ކަމަކަށް ވާނެއޭ، ސްކޫލްގައި އުޅުނުއިރުވެސް ފިލާވަޅު ކިޔާށޭ ބުނީމަވެސް ހަބަރު ކިޔާހެން ކިޔާނީ، ހަބަރު ކިޔަން ވަރަށް ޝައުގުވެރިކަން ހުރި".

2006 ވަނަ އަހަރު ޓީވީއެމް އިން ޕްރެޒެންޓަރުން ހޯދަން އިއުލާނު ކުރުމުން އެކަމަށް ކުރިމަތިލައި އޭނާ ފޯމް ލިއެވެ. އަދި ފުރަތަމަ އޮޑިޝަން ނިންމާފައި ރަށަށް ދިޔައެވެ. އެއީ އިތުރު އޮޑިޝަނަކަށް ގުޅާފާނެ ކަމެއް ނޭނގިއެވެ. ރަށުގައި ހުއްޓާ ދެވަނަ އޮޑިޝަނަށް އޭނާ ހޮވުނިއިރު، "ފަތާފައި". ނަމަވެސް އަންނާނެ ކަމަށް އެއިރު އައި ފޯނު ކޯލަށް ޖަވާބު ދެމުން އޭނާ ބުންޏެވެ.

ޞަފާ އިތުރު ޕްރެޒެންޓަރަކާއެކު ޝޯވ އެއް ހޯސްޓް ކުރަނީ

"ދެވުނުއިރުގައި ދެވަނަ އޮޑިޝަން ފަށައިގެން އުޅުނީ، އެތަނުން ދިމާވި މަހުރަބު އިއްބެއާ، ދެން އިއްބެ ވަރަށް ހިނި އައިސްފައި ބުނުއްވި، މިއީދޯއޭ ފަތާފައި އައި ކުއްޖާއަކީ".

އޭނާ ބުނާގޮތުން ނަމަ ޓީވީއަށް ގޮސް ކެމެރާތައް އޮންކުރާއިރު، އޭނާއަށް ލިބެނީ ބޮޑު އުފަލެކެވެ. މުޅި ދުވަސް އުޖާލާ ވެއެވެ. އެއީ އޭނާގެ "ހެޕީ ޕްލޭސް" ކަމަށް ބުންޏެވެ.

އޭނާއަށް ޓީވީއެމް ވަރަށް ހާއްސައެވެ. އެއީ އޭނާ ފެށުނީ ވެސް އެތަނުން ކަމަށް ވުމާއިވެސް އެކުގައެވެ. އަދި އެތަން ދެކެ ވަރަށް ލޯބިވާ ކަމަށްވެސް ބުންޏެވެ.

ސުވާލު: ސްކޫލް އަދި ކޮލެޖް ލައިފްގައި އެންމެ ހަނދާން ހުންނަ ކަންކަން؟

ސްކޫލްގައި އުޅުނިއިރުވެސް ޞަފާއަށް ހަނދާން ވަނީ ފޮތް ކިޔާށޭ ބުނުމުން، ޓީވީގައި ރިޕޯޓެއް ކިޔަލާހެން ކިޔާ ހަނދާނެވެ.

"ޓީޗަރުން އެއިރު ވަރަށް ކުރާ ކަމެއް އެއީ، ކުދިން ލައްވާ އެއިރު ފިލާވަޅު ކިޔުއްވާނެ، އެހެން ބުނާއިރު، އެންމެ ފުރަތަމަވެސް އަތް ނަގައިގެން އިންނާނީ ޞަފާ، ދެން އިންނާނެ އެހެން ކުއްޖެއްވެސް އޭނަވެސް އިންނާނެ އަތް ނަގައިގެން. ދެ ކުދިން ބޭނުންވާނެ އަބަދުވެސް ފިލާވަޅު އަޑު ހަރުކޮށް ކިޔަން، ދެން ކިޔާށޭ ބުނީމަ ޓީވީގައި ކިޔާލާހެން، ރިޕޯޓެއް ކިޔާހެން ކިޔާނީ.".

ކޮލެޖްގެ ހަނދާން ތަކުން އެންމެ ހާއްސަ ވަނީ ބްރޫނާއިގައި ކިޔަވަން ހުރިއިރު ދިމާވި ރައްޓެހިންނާއެކު އުޅުނު ހަނދާންތަކެވެ.

"އެންމެ ފުރަތަމަ ޑިގްރީ ހެދިއިރުގައި، އެއިރުގައި އުޅެނީ ޞަފާ އާއި މަދު ދެތިން ދިވެހިން، ދެން ގިނައިން އުޅޭނީ ބޭރު ކުދިންނާއެކު، ދެން އެ ކުދިންގެ ކަލްޗާ ވަރަށް ދަސްވި، މުޅިން އާ ކަންތައްތައް އެނގުނީ. އެހެންމީހުނާއި އެއްކޮށް އުޅުން ދަސްވި. އެންމެ ކްލޯސްކޮށް އެ ކުދިންނާއެކު އުޅުނީމަ މިހާރުވެސް ވަރަށް ހަނދާންވޭ، ހީވާނީ ގާތް އެއްބަނޑު ކުދިންހެން".

ސުވާލު: ދިރިއުޅުމުގައި ދިމާވި ހަނދާނުން ފިލާ ނުދާނެ ވަރުގެ ކަމެއް؟

"ވަރަށް އުފާވޭ، ހާއްސަކޮށް ޑިގްރީ ހެދިއިރުގައި ކޯހުން އެއްވަނަ ލިބޭ ކޮންމެ ފަހަރަކު، އިޔާލީ ހޮވާނެ، އެކަހަލަ ކޮންމެ ފަހަރަކު ވަރަށް އުފާވޭ، ކުރެވޭ މަސައްކަތުގެ ނަތީޖާ ލިބުމުން ވަރަށް އުފާވޭ".

ދެން އޭނާ ފާހަގަކުރީ ދަރިން ލިބުނު ހިސާބުން ލިބުނު ހަނދާނުން ފިލާ ނުދާވަރުގެ އުފާވެރިކަމުގެ ވާހަކައެވެ.

އިތުރު ކަމެއްގެ ގޮތުގައި، ދެވަނަ މާސްޓާސް ހަދަން އުޅުނުއިރު ކުރިމަތިވި އުނދަގޫ ދުވަސްތަކުގެ ވާހަކަ ހިއްސާ ކުރިއެވެ.

ޞަފާ އަކި ކޮލިފައިޑް ޓީޗަރެއް، ޓީޗަރެއްގެ ގޮތުގައިވެސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި - ވަގުތު އިމޭޖްސް: އަހްމަދު އަލީ

"ދެ ކުދިން ގޮވައިގެން އެކަނި އުޅުނީ، ޓީޗަރަކަށް ސްކޫލްގައި ވަޒީފާ އަދާ ކުރަމުން، ގޭގައި ހުރިހާ ކަމެއް ބަލަހައްޓަމުން، ދެން ވަރަށް ޑިފިކަލްޓް ލައިފްއެއްގައި އުޅުނީ، ހަނދާންވޭ، ޕެރެގްރާފް އެއްޗެހި ކިޔަންވެސް، ފިލާވަޅު ދަސްކުރަންވެސް، އެތައް ފަހަރަކު، 20 ފަހަރު 30 ފަހަރު ކިޔާއިރުވެސް ޞަފާއަކަށް އަންޑަސްޓޭންޑް ނުވާނެ. ވަރަށް އުނދަގުލުގައި އުޅެވުނީ، އެކަމަކު ވަރަށް މަސައްކަތްކޮށް ނިންމާލެވިއްޖެ".

ސުވާލު: ޓީޗަރެއްގެ ގޮތުގައި ނޫނީ ލެކްޗަރާއެއްގެ ގޮތުގައި އެންމެ ހަނދާންވާ ކަމަކީ ކޮބާ؟

ލެޗްކަރާއެއްގެ ގޮތުގައި ޞަފާ އެންމެ ހަނދާންވާ ކަމަކަށް ފާހަގަކުރީ މާބަނޑުއިރު، ދަރިވަރުން އޭނާއާ ދޭތެރޭ ކަންތައް ކުރި ގޮތެވެ. އެ ދަރިވަރުން އޭނާއަށް ވަރަށް ރަނގަޅެވެ.

"ދަރިވަރުން ވަރަށް ރަނގަޅުވާނެ، ވަރަށް ލޯބިވާނެ، ހިތްހަމަ ނުޖެހޭނެ ކޮޅަށް ހުންނަން ވެސް، ހާއްސަ ކޮށް އިންގްލިޝް ރިލޭޓެޑް ސަބްޖެޓެއް ކިޔަވައިދެންޏާ ވަރަށް އުނދަގޫވާނެ އިށީނދެގެން އިންނަން. އަބަދުވެސް ކޮޅަށް ހުރެވޭނެ، ގޮނޑި ދީފައި އައިސް ކުދިން ބުނާނެ މިސްއޭ އިށީންނާށޭ".

އޭގެ އިތުރުން ބްރޫނާއީގައި ކިޔަވާ ދިންއިރުގެ ހަނދާންތައް އޭނާ ހިއްސާ ކުރިއެވެ. އެކޮޅުގައި އޭނާ ކިޔަވާ ދިނީ ތުއްތު ކުދިންނަށެވެ. އެއީ ޕްރީ ސްކޫލް އަދި ޕްރައިމަރީ ކުދިންނެވެ.

ޞަފާއަކީ ބޮޑެތި މީހުންނާއި ތުއްތު ކުދިންނަށްވެސް ކިޔަވާދެމުންދާ ޓީޗަރެއް - ވަގުތު އިމޭޖްސް: އަހްމަދު އަލީ

"މި މީހުންގެ ކަލްޗާރ އިންނަ ގޮތުން، ކޮންމެ ފަހަރަކު ވެސް ކްލާސް ނިންމާފައި ދާނީ ޓިޗަރުގެ އަތް ނަގާފައި ބޮސް ދީފައި".

ދެން އޭގެ އިތުރުން، އެކޮޅުގައި އެންމެ ފަހުން ކިޔަވާ ދިން ދުވަހުގައި، ކުދިންގެ ލޯބި ބަސްތައް ހަނދާނުން ނުފިލާނެ ކަމުގައި އޭނާ ބުންޏެވެ.

"އެ ދުވަހު ދެން މިސް ނާންނާނެޔޭ ބުނީމަ، އެ ކުދިން އެހާ އިނގިރޭސިން އެހާ ފަރިތައެއް ނުވާނެ، އެ ކުދިން އައިސްފައި ބުނީ /ޓީޗަރ ޓުޑޭ ޔޫ ހިއަރ އައި ހެޕީ، ޓުމޯރޯ ޔޫ ނޮޓް ހިއަރ އައި ނޮޓް ހެޕީ".

ސުވާލު: ޓީޗަރެއްގެ ގޮތުގައިތަ ނޫނީ ޕްރެޒެންޓަރެއްގެ ގޮތުގައިތަ؟.

އޭނާ ބުނީ ދެ ކަމަކީވެސް ވަރަށް އެއްގޮތް އެކަމަކު ވަރަށް ތަފާތުވެސް ދެ ކަމެއް ކަމަށެވެ. ޕްރެޒެންޓް ކުރުމަކީ ވަރަށް ބޮޑު އޯޑިއަންސްއަކާއި ވާހަކަ ދައްކަން ފުރުސަތުލިބޭ ކަމެކެވެ. އެހެންކަމުން ރަނގަޅު، ތެދު އަދި ބޭނުންތެރި މައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު ޒިންމާއެކެވެ.

ހަމަ އެހެންމެ، ކިޔަވައި ދިނުމަކީ ދަރިވަރުންނާއި ގާތުން ބައްދަލުވެ އެކުދިންނަށް ކަންތައްތަކެއް ދަސްކޮށްދިނުމަށް ފުރުސަތުލިބޭ ކަމެކެވެ. ކިޔަވައި ދިނުމަކީ ދަރިވަރުންނާއި ވަރަށް ގާތް ގުޅުމެއް އުފެދޭ ކަމެކެވެ.

"ދެ ގޮތްވެސް އޭގެ ގޮތުގައި ވަރަށް ހާއްސަ. ޞަފާ އޭގެ ތެރެއިން އެއްޗެއް ޗޫޒް ކުރަންޏާ ނަގާނީ މައުލޫމާތު ފޯރުކޮށްދިނުން. އެއީ މި ދެކަންތައްވެސް ހިމެނޭނެތާ އޭރުން".

ސުވާލު: އުޅޭ ހިތްވަނީ ރާއްޖޭގައިތަ ނޫނީ ރާއްޖެއިން ބޭރުގައިތަ؟

އޭނާ ބުނީ، އެތަނެއްގެ ގޮތުގައި އޭނާއަށް ކޮންމެ ތަނެއްވެސް ވަރަށް ކަމުދާ ކަމަށެވެ. ރަށުގެ އެ ސާފު ވަޔާއި ހިތްގައިމު ކަމާއި، އެކަންކަން ވަރަށް ކަމުދާ ކަމަށް ބުންޏެވެ. މާލެ އަށްވުރެ ހުޅުމާލެ މާ ބޮޑަށް ކަމުދާ ކަމަށް ބުންޏެވެ.

ދެން ރާއްޖޭން ބޭރުގައި ފިރިމީހާ އަދި ކުދިންނާއި އެކު އުޅުނުއިރު ވަރަށް ގިނައިން ދަން ރޯޑް ޓްރިޕްސް އަށް. އެއީ ވަރަށް އުފާވެރި ދުވަސްތަކެއް."

ޞަފާ ރާެއްޖެއިން ބޭރުގައި، އޭނާއަކީ ކުޑަކުދިންނަށް ފޮތް ކިޔަވާ ދިނުމަށް ވަރަށް ބޮޑަށް ޝައުގުވެރިޔާ މީހެއް

އެހެންކަމުން ދިވެހި ރާއްޖެވެސް އަދި ރާއްޖޭން ބޭރުވެސް ރަނގަޅު ކަމުގައި ފާހަގަ ކުރިއެވެ.

ސުވާލު: ހެނދުނުހެނދުނާ ޝޯވތަ ނުވަތަ މިވަގުތު ޝޯވތަ؟

މިވަގުތު ޝޯވއަކީ އޭނާ ފުރަތަމަ ހުށަހަޅަން ފެށި ޝޯވއެކެވެ. ޕްރެޒެންޓިން ކެރިއަރގެ ފެށުމެވެ. ހެނދުނު ހެނދުނާ އަކީ އޭނާ މިހާރުވެސް ހުށަހަޅައިދެމުން އަންނަ ޝޯވއެކެވެ. ޞަފާ ބުނީ، އެހެން ކަމުން އޭނައަށް އެންމެ ހާއްސައީ މިވަގުތު ޕްރޮގްރާމް ކަމަށެވެ.

ސުވާލު: ރާއްޖެ ހިންގަން އެއް ދުވަހަށް ލިބިއްޖެ ނަމަ ގެންނާނެ ބަދަލީ ކޮބާ؟

"ގެންނާނެ ބަދަލަކީ، ތަޖުރިބާ ހުންނަ މީހުންނަށް މެންޑޭޓް ކުރާނަން ތައުލީމް ހޯދަން. އެފުރުސަތު ފަހި ކޮށްދޭނަން. ތައުލީމް ހުންނަ މީހުންނަށް މެންޑޭޓް ކުރާނަން ތަޖުރިބާ ހޯދަން ނޫނީ އެ އޮޕަޗުނިޓީ ހޯދަދޭނަން. އެއީ އެންމެ ފޯކަސް ކުރާނެ ކަމަކީ".

ޞަފާ ދަނީ މާލޭގައި ފޮތް ފިހާރައެއްވެސް ހިންގަމުން

ސުވާލު: އެޑިއުކޭޝަން މިނިސްޓަރުކަން ލިބިއްޖެ ނަމަ ގެންނާނެ ބަދަލީ ކޮބާ؟.

"ކިޔެވުމަކީ ވަރަށް މަޖާ، ވަރަށް ޝައުގުވެރި ކަމަކަށް ހަދާނަން، އެއްކަލަ ކުޅިވަރުގެ ތެރެއިން ދަސް ކުރުން މިއީ ޞަފާ ވަރަށް ގަބޫލު ކުރާ ކަމެއް. ދެން ހަމަ އެހެންމެ، ހުރިހާ ކުދިންނަށް އެއްވަރަކަށް ފުރުސަތު ފަހި ކޮށްދިނުން މިއީ ވަރަށް މުހިންމު ކަމެއް. އެ ފުރުސަތު ލިބިއްޖެއްޔާ ބަލާނަން ކޮންމެ ރަށެއްގައިވެސް ރަނގަޅު ލައިބްރަރީއެއް ހުރޭތޯ. ރަނގަޅު ކޮލިފައިޑް ޓީޗަރުން ތިބޭތޯ".

ސުވާލު: ހަޔާތުގައި ނުކުރެވި އެންމެ ކުރަން ބޭނުންވާ ކަމަކަށް އިނީ ކޮން ކަމެއް؟

އޭނާ ބޭނުންވާ ކަމަކަށް ފާހަގަކުރީ ފޮތެއް ލިޔުމެވެ. އަދި ކޮންމެވެސް ދުވަހަކުން ބްރޯޑްކާސްޓިންގ ދާއިރާއިން ޕީއެޗްޑީ ފުރިހަމަ ކުރަން ބޭނުންވާ ކަމަށްވެސް ބުންޏެވެ.

ސުވާލު: ޕްރެޒެންޓަރުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟

ޞަފާ ބުނީ، ޕްރެޒެންޓު ކުރުމަކީ ވަރަށް ބޮޑު އޯޑިއަންސްއަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމުން، ޕްރެޒެންޓް ކުރުމުގައި ޕްރޮގްރާމަށް ތައްޔާރުވުމާއި ދިރާސާ ކުރުމަކީ ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. އެއާރޓައިމްގެ ބޭނުން ހިފަންޖެހޭނީ ވަރަށް ރަނގަޅަށް ކަމަށް އޭނާ ބުންޏެވެ.

އެހެންކަމުން ޕްރޮގްރާމް ފެށުމުގެ ކުރިން މައުލޫއާ ގުޅޭ މައުލޫމާތު ހޯދާ، އެކަމަށް މީހާ ތައްޔަރުވުން ވަރަށް ނުހިންމު ކަމަށް ފާހަގަ ކުރި އެވެ.

ވިޔަފާރީގެ ތެރެއަށް ވަދެވުނު ގޮތަކީ ކޮބާ؟

ޞަފާ ވިޔަފާރީގެ ތެރެއަށް ވަދެވުނީ ރާއްޖޭންބޭރުގައި ކިޔަވަން އުޅުނު އިރުގައެވެ. އޭނާއަކީ ކުޑަކުދިންނަށް ކިޔަވައި ދިނުމުގެ ދާއިރާއިން، ހާއްސަ ކޮށް އިނގިރޭސި ބަސް ދަސްކޮށް ދިނުމުގެ ދާއިރާއިން ކިޔަވާފަހުރި މީހެއް ކަމުން، ފޮތް ކިޔަމުގެ މުހިންމުކަމާ، ރަނގަޅު ފޮތް އިހްތިޔާރު ކުރާނެ ގޮތާއި ކުދިންނަށް ޝައުގުވެރި ފޮތް ހޯދުމާއި ޝައުގުވެރިވާނެ ގޮތައް ފޮތް ކިޔާދޭން އެނގެއެވެ. އަދި އޭނާ މަންމައަކަށްވެ، ފޮތްތައް ދަރިންނަށް ދޭން ފެށުމުން އެ ކުދިންނަށް އައި ބަދަލު ފެނުމުން ފޮތްކިޔަމުގެ މުހިންމުކަން އިތުރަށް އިހްސާސް ކުރެވުނެވެ. ވަރަށް ބޮޑަށް ފޮތް ކިޔުމާއި ފޮތާއި ގުޅޭގޮތުން ދިރާސާ އަބަދުވެސް ކުރެވޭތީ ކުޑަކުދިންނަށް ދޭން އެންމެ ރަނގަޅު ފޮތް އެނގެއެވެ.

ސަފާ ކުދިންނަށް ފޮތް ކިޔާދިނުމަކީ، މިއީ އޭނާއަށް ވަރަށް ޝައުގުވެރި ކަމެއް

"އެ ކުދިންނަށް އައި ޑެވެލޮޕްމެންޓްސް ގާތުން ފެނުނީ، އެނގިއްޖެ މިއީ އެހެން ކުދިންނަށްވެސް ކޮށްދޭން ޖެހޭ ކަމެއްކަން، ރާއްޖޭގައި ނެތޭ ރަނގަޅު ފޮތް ލިބޭ ކަށެއް، އެހެންވީމަ ޞަފާއަކީ ފޮތްތައް އެނގޭ މީހެކޭ މިކަމާ ބެހޭގޮތުން ކިޔަވާފައި ހުރި މީހެކޭ، އެހެންވީމަ ޞަފާ ހޯދަނީ ވަރަށް ބަލައިގެން ރަނގަޅު ފޮތް. ގިނަފަހަރު ފޮތްތައް ވިއްކާލަން ދޫކޮށްލަނީ ވަރަށް ބޮޑަށް ބަލާފައި، ވަރަށް ގިނަފޮތް ކިޔާފައި".

އެގޮތުން ބޭރުގައި ކިޔަވަން އުޅުނުއިރު ރައްޓެހިންނަށް އެހީތެރިވުމަށް އޭނާ ރާއްޖެއަށް ފޮތް ފޮނުވާ ހަދައެވެ. މިއާއެކު އެކަމަށް ޝައުޤުވެރިކަން އުފެދި، މިއީ ރާއްޖޭގައި ކުރަން މުހިންމު ރަނގަޅު ކަމެއް ކަމަށް އޭނާ އަށް ވިސްނުނެވެ. އެއީ ރާއްޖޭގައި ގިނައިން ފޮތް ވިއްކަން ހުންނަނީ ވިޔަފާރި އުސޫލުން ކަމަށްވުމާއެކު، އޭނާ ބޭނުންވީ ބަދަލެއް ގެންނާށެވެ. އޭނާ ބޭނުންވީ ކުދިންނަށް އެންމެ މުހިންމު އަދި ކުދިންނާ ގަޔާވާނެ ފޮތްތަކެއް ނެރުމަށެވެ.

"ކޮންމެ ފޮތެއްވެސް ގެނެސްފައި، %95ގެ ފޮތްތައް، އެއް ފޮތް ނަމަވެސް، ބޯ ފޮތް ކަމުގައި ވާނަމަ، ޗެޕްޓާއެއް ނަމަވެސް ކިޔާލެވޭތޯ ބަލަން. އެއްކޮށް ކިޔާނުލެވެންޏާ ވަރަށް ރަނގަޅަށް ސްކޭންކޮށްފައި ގިނަ ފޮތްތައް ހުންނާނީ".

ޕްރެޒެންޓިންގގައި އެންމެ ހަނދާން ފިލާ ނުދާނެ އެއް ދުވަސް!

ޕްރެޒެންޓިންގ އުޅުނިއިރު އެންމެ ހަނދާނުން ފިލާ ނުދާނެ ދުވަހެއްގެ ގޮތުގައި އޭނާ ފާހަގަ ކުރީ، އޭނާގެ ވަރަށް ގާތް އާއިލާ މީހަކު ނިޔާވިތާ މާ ގިނަ އިރުތަކެއް ނުވެ ހެނދުނު ހެނދުނާ ޝޯވގެ ލައިވްއަކަށް އަރަން ޖެހުނު ހަނދާނެވެ.

ޞަފާ ހެނދުނު ހެނދުނާ ޝޯވ ޕްރެޒެންޓް ކުރުމުގައި

"ޞަފާގެ ކަޒިން ކޮއްކޮއެއް ނިޔާވީ، ހެނދުނު ހޭލިތަނުން އެނގުނީ ނިޔާވިކަން، އެ ދުވަހު ބޭނުންވި ޝޯވއަށް ނުގޮސް މަޑުކޮށްލަންވެސް، ދެން އެކަމަކު، ލައިވްއެއް އެއީ، ޞަފާގެ ޒިންމާއެއް ލައިވްއެއްގައި ޕްރެޒެންޓް ވާން، އާއްމުކޮށް ދެ ޕްރެޒެންޓާސް ހުށަހަޅާނީ، ދެން އެ ދުވަހު ކަން ދިމާ ކުރި ގޮތުން، ދެން އަންނަ ޕްރެޒެންޓަރއަކަށް ނާދެވޭ ވާހަކަ ބުނެފައި އިނީ. ލައިވް އެއް ވީމަ، ކެންސަލްއެއްވެސް ނުވާނެތާ."

ޞަފާ އަކީ މި އަހަރުގެ ރޯދަ މަހު ޓީވީއެމް އިން ގެނެެސްދޭ އާ ޕްރޮގްރާމެއް ކަމަށްވާ ވަރަށް މީރު ޝޯވގެ ހޯސްޓެވެ.


އޭގެ އިތުރުން އޭނާ މިހާރު ތައްޔާރުވަމުން މި ރޯދަ މަހު ކުދިންނަށް ފޮތް ކިޔަވާ ދިނުމަށް ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށެވެ. އެ ޕްރޮގްރާމް މި ރޯދަ މަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާއިރު، އެ ޕްރޮގްރާމްގައި ފަސް އަހަރައި އަށް އަހަރާއި ދެމެދުގެ ކުދިންނަށް ބައިވެރިވެވޭނެއެވެ. އަދި މިހާރުން ފެށިގެންވެސް މި ޕްރޮގްރާމްގައި ބައިވެރިވުމަށް ނަން ނޯޓު ކުރެވޭނެއެވެ.

ޞަފާއަކީ ގިނަބަޔަކަށް ހުރި ނަމޫނާއަކަށް ވާނެއެވެ. އޭނާއަކީ ހިތްވަރު ނެރެގެން، ޝައުގުވެރިކަން ހުންނަ ހުރިހާ ކަމެއްގައިވެސް ޝާމިލްވެ އުޅެމުންދާ ފަރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޭނެއް

    ވަރަށް މޮޅު ޕްރެޒެންޓަރެއް ، ހުށަހެޅުމުގައި ވަރަށް މީހުން އަޑު އަހާ ހިތްވާ ކަހަލަ ގޮތްތަކެއް ހުރޭ ، ދިވެހި ބަސް ބޭނުން ކުރުމުގައި ވަރަށް ފުރިހަމަ

    16
  2. ނޫނު

    ވަރަށް ހުންރުވެރި، މޮޅު ޕްރެޒެންޓަރެއް. ކާމިޔާބީ އެދެން!