އެމެރިކާގެ ފްލޮރިޑާގައި މީހެއްގެ ގޭގެ ދޮރު ހުޅުވާލިތަނުން ބޮޑު ކިނބުލެއް އޭނާއަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ އެމީހާއަށް ބޭރުގައި މީހަކު އުޅޭ ކަހަލަ އަޑެއް އިވިގެން، ކުރިމަތީގައި ހުރި ދޮރު ހުޅުވާލީ އެއީ ކުއްޖަކު ހޯދަން އުޅޭ މީހަކު އައީ ކަމަށް ހީކޮށްގެން ކަމަށެވެ. އެކަމަކު އެކަން ވެގެން ދިޔައީ އޭނާ ބޭނުންވި ގޮތަކަށް ނޫނެވެ.

އޭނާ ގޭގެ ދޮރު ހުޅުވާލިތަނުން ފެނުނީ ކިނބުލެކެވެ.

އަދި އެ ކިނބޫ އެ މީހާއަށް ހަމަލާ ދިން ކަމަށާއި ހަމަލާ ދީފައި ވަނީ އޭނާގެ އުނަގަނޑުގައި ކަމަށް ވެއެވެ.

މިއާއެކު މެޑިކަލް ވޯކަރުން އެ މީހާ ހޮސްޕިޓަލަަށް ގެންދިޔައިރު، ލިބިފައި ހުރީ ފުރާނައަށް ނުރައްކާ ނުވާ ވަރުގެ ޒަހަމްތަކެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފްލޮރިޑާ ފިޝް އެންޑް ވައިލްޑްލައިފްގެ އޮފިޝަލުން ވަނީ ހަތް ފޫޓާއި ދިހަ އިންޗި ދިގު އެ ކިނބޫ ހިފަހައްޓައި، އޭތި ބަންދުކޮށްފައެވެ.

މިއީ އެ ސްޓޭޓުގައި މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ފެބްރުއަރީ މަހު ފްލޮރިޑާގެ އުމުރުން 85 އަހަރުގެ އަންހެނަކު އޭނާގެ ކުއްތާ އާއެކު ހިނގާފައި ދަނިކޮށް ކިނބުލެއް އޭނާއަށް ހަމަލާދީފައި ވެއެވެ. އެ ހާދިސާގައި އެ އަންހެން މީހާ ވަނީ މަރުވެފައެވެ.