އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ފްލޮރިޑާގެ މަގެއް މަތީ ބަރަހަނާ ހާލުގައި ހިނގި މީހަކު ހައްޔަރު ކޮށްފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އުމުރުން 44 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރު ކޮށްފައިވަނީ ފްލޮރިޑާގެ ޕާމް ބީޗް ސަރަހައްދުގައި ބަރަހަނާ ހާލުގައި ހިނގާފައި ދަނިކޮށެވެ. މިމައްސަލައާއި ގުޅިގެން އޭނާ ހައްޔަރު ކުރުމާއި އެކީ އޭނާ ބުނެފައިވަނީ އޭނާއަކީ އެހެން ދުނިޔެއަކުން އައިސްފައިވާ މީހެއް ކަމަށެވެ.

މިމަހުގެ 8 ވަނަ ދުވަހު ހިނގި މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ހުށަހަޅާފައިވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ މީހެކެވެ.

ރިޕޯޓާއި ގުޅިގެން ފުލުހުން އޭނާ ގާތަށް ދިއުމުން އޭނާ ބުނެފައިވަނީ އޭނާގެ ހެދުންތައް ހުރި ތަނެއް ނޭނގޭ ކަމަށެވެ. އަދި ފުލުހުން އޭނާގެ މައުލޫމާތު ހޯދަން އުޅުމުން އެ މައުލޫމާތު ދޭން އޭނާ ވަނީ ދެކޮޅު ހަދާފައެވެ.

އެގޮތުން އޭނާ ބުނެފައިވަނީ އޭނާ އަކީ އެއްވެސް ސްޓޭޓަކަށް އަދި މި ދުނިޔެއަށް ވެސް ނިސްބަތް ނުވާ މީހެއް ކަމަށެވެ. ނަމަވެސް ފުލުހުން ފަހުން ބުނެފައިވަނީ އޭނާ އަކީ ޖޯސަން ސްމިތް ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، މިދިޔަ އަހަރު ތެރޭގައި ވެސް ފްލޮރިޑާގައި ވަގަށް ގެއަކަށް ވަދެ ފެންވަރަން ހުރި މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.