ސައުތްވެސްޓް އެއާލައިން އިން ފްލޮރިޑާއަށް ދަތުރުކުރި ފްލެޓެއްގައި ކުޑަކުއްޖަކު ރޯތީ ހަޅޭލެވި ޕެސެންޖަރަކު ފްލައިޓުން ބޭރުކޮށްލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ބޯޓު ދަތުރުކުރުމަށް ފުރަތަމަ ހަމަޖެހިފައި އޮތީ ފޯޓް ލޯޑަޑޭލް އަށެވެ. ނަމަވެސް ފްލައިޓްގެ މަންޒިލް އޯލަންޑޯއަށް ބަދަލުކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އަދި މޫސުން ގޯސްވެ ދަތުރު ނުފެއްޓިގެން އުޅެނިކޮށް ކުޑަކުއްޖަކު ރޯން ފެށިއެވެ.

އެ ކުޑަކުއްޖާ ރޯތީ މީހަކު ހަޅޭލެވި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ. އެ ވީޑިއޯ ކުރި މީހާ ހަވާލާދީ ނޫހުގައި ބުނެފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓް ވަރަށް ބޮޑަށް ތެޅުނު ކަމަށެވެ. އެހެންކަމުން ބިރުގަނެފައި ހުރި ވަރުން އެ ކުޑަކުއްޖާ ރޯންފެށީ ކަމަށެވެ.

މިއާއެކު ކުއްލިއަކަށް ކައިރީގައި އިން ފިރިހެން ޕަސެންޖަރަކު އެ ކުއްޖާގެ މަންމަ އާއި ދިމާލަށް އޭނާގެ ދަރިފުޅު ރުއިން ހުއްޓުވުމަށް ވަރަށް ހަރުކަށިކޮށް ބުނި ކަމަށް ވެސް ރިޕޯޓްކޮށްފައި ވެއެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ކުއްޖާގެ މަންމައާ ވަރަށް ހުތުރުކޮށް އެ މީހާ ވަނީ ވާހަކަދައްކާފައެވެ. އަދި އޭނާ އޮތީ ނިދަން ކަމަށާއި އެ ކުއްޖާ ރޯވަމުން ބޮލަށް އުނދަގޫވާ ކަމަށް ބުނެއެވެ.

ފްލައިޓް އެޑެންޓެންޓުން އެ މީހުންގެ ކައިރިއަށް ގޮސް އެ ފިރިހެން މީހާއަށް ވިސްނާދެވޭތޯ މަސައްކަތް ފެށި އެވެ. ނަމަވެސް އެ ފިރިހެން މީހާ ޒުވާބު ކުރާތަން ފެނެ އެވެ. އެންމެ ފަހުން ކުއްޖާއާއި އޭނާގެ މަންމަ ފްލައިޓްގެ އެހެން ސީޓަކަށް ބަދަލުކުރީ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

މި ހާދިސާއާއި ގުޅިގެން ސައުތްވެސްޓުން ބުނެފައިވަނީ އެ ފިރިހެންމީހާ ފްލައިޓުން ބާލުވާފައިވާނެ ކަމަށެވެ.