އެމެރިކާގެ މަޝްހޫރު ޓީވީ ސީރީޒް، "އެމެރިކާސް ނެކްސްޓް ޓޮޕް މޮޑެލް" އިން އެތައް ބައެއްގެ ހިތްތައް ފަތަހަކުރި ޒުވާން މޮޑެލް، ރެނީ އަލްވޭ ފަސް އަހަރު ޖަލުގައި ހޭދަކުރުމަށްފަހު މިނިވަންވެއްޖެއެވެ.

ކެލެފޯނިއާއަށް އުފަން އުމުރުން 32 އަހަރުގެ ރެނީ ހައްޔަރުކޮށްފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގައި، މަސްތުގެ ހާލުގައި ހުރެ ކާރެއް ވަގަށްނަގައިގެން ގޮސް ހަތިޔާރު ބޭނުންކޮށްގެން ގެއަކުން ވައްކަންކުރި މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ.

މި މައްސަލައާއި ގުޅިގެން ރެނީ އަށް ޙުކުމްކޮށްފައިވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ރެނީ އާއި ދެކޮޅަށް ކުރި ދަޢުވާތައް އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެން އޭނާ ޖަލަށްލުމަށް ކޯޓުން ޙުކުމްކޮށްފައިވަނީ ޖުމްލަ 12 އަހަރުގެ މުއްދަތަކަށެވެ. އަދި ބައިލައްކަ ޑޮލަރުން އޭނާ ޖޫރިމަނާވެސް ކޮށްފައި ވެއެވެ.

މިމަހުގެ 4 ވަނަ ދުވަހު ކަފާލާތުގެ ދަށުން ރެނީ ޖަލުން ސަލާމަތްވެފައިވާއިރު، އޭނާގެ ސިފަ މުޅިން ބަދަލުވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އޭނާ މިހާރު ވައްތަރީ "އެހެން މީހަކާއި" ކަމަށް ރެނީއަށް ކުރިން ތާއީދުކުރި ފަރާތްތަކުންވެސް ވަނީ ބުނެފައެވެ.

ރެނީ ބުނިގޮތުގައި މޮޑެލްގެ ދާއިރާގައި އުޅެމުންދަނިކޮށް ޖަލަށްލުމާއި އެކު އޭނާގެ ހަޔާތް މުޅިން ބަދަލުވިއެވެ. އަދި އިތުރަށް ކުރިމަގެއް ނެތްކަން އެނގުމުން އިސްތަށިގަނޑުވެސް އެކީ ކޮށާލައި ޖަލުގެ މާހައުލުގައި އުޅެން ދަސްކުރިކަމަށާއި، އެއީ އޭނާ އަމިއްލައަށް ކުރި ކުށެއްގެ ނަތީޖާކަން ޤަބޫލުކުރާ ކަމަށެވެ. އަދި މިއަދު ޖަލުން ސަލާމަތްވިނަމަވެސް، މޮޑެލްގެ ދާއިރާއިން ދެން އިތުރު ފުރުސަތެއް ނުލިބޭނެކަން އެނގޭ ހިނދު، އެކަމާއި ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށް ރެނީ ވަނީ ބުނެފައެވެ.

"އަހަރެން ފަދަ އެހެން ކޮންޓެސްޓުން ކާމިޔާބާއި ހަމައަށް ވާސިލުވެއްޖެ. އަހަރެން އެމީހުނަށްޓަކައި އުފާކުރަން. ފޭނުންގެ ކިބައިން އަހަރެން ވަރަށް ބޮޑަށް މަޢާފަށް އެދެން. މިހާރު މި މަސައްކަތްކުރަނީ އާދައިގެ ދިރިއުޅުމެއްގައި އުޅެވޭތޯ،" ގިސްލަމުން ރެނީ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.