ރާއްޖޭގެ އެންމެ މަގުބޫލު ބޮޑުބެރު ގްރޫޕް ކަމަށްވާ "ހަބޭސް" އިން މާދަމާ ރޭ މާލޭގައި ދެ ޝޯވއެއް ދިނުމަށް ހަމަޖެހިއްޖެއެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގިނަ ޝޯވތަކެއް ހުށަހަޅައިދީ ގިނަބައެއްގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ހަބޭސް ބޮޑުބެރު ޓީމުން މާދަމާ ރޭ ފުރަތަމަ ޝޯވ ދޭނީ އޮލިމްޕަސްގައި ކުރިއަށްގެންދާ "ނޮއިސް" ޝޯވގައެވެ. އެ ޝޯވއަށް ވަދެވޭނީ ޓިކެޓް ނަގައިގެންނެވެ. ހަބޭސް ގްރޫޕްގެ ފޭސްބުކް ޕޭޖްއިންނާއި، އޮލިމްޕަސް އިން ޓިކެޓް ލިބިގެން ދާނެއެވެ.

ޓިކެޓްގެ އަގަކީ 150ރ އެވެ. ހަބޭސް ބޮޑުބެރު ގްރޫޕްގެ އިތުރުންވެސް، އިތުރު ބައެއް ފަންނާނުންގެ ހުށަހެޅުންތައް މި ޝޯވ އިން ފެނިގެންދާއިރު، ހަބޭސް އޮލިމްޕަސްގައި ކުޅޭނީ މާދަމާ ރޭ 9:45 ގައެވެ.

ހަބޭސް ޓީމް އިން ވަނީ މާދަމާ ރޭ އޮންނަ ނޮއިސް ޝޯވ ގައި ކިޔަންވީ ކޮން ލަވަތަކެއްތޯ ބެލުމަށް ލިސްޓެއް ފޭސްބުކް ޕޭޖްގައި އާއްމުކޮށްފައެވެ. އެ ޓީމް އިން ބުނާގޮތުގައި، އެންމެ ގިނަ ރިކުއެސްޓްކޮށް ކޮމެންޓް ކުރާ ލަވަތަކެއް މި ޝޯވގެ ތެރެއިން ކިޔާލަ ދޭނެއެވެ.


އޭގެ އިތުރުން، އެ ޝޯވ ނިންމުމަށްފަހު ދެން ހަބޭސް ބޮޑުބެރު ގްރޫޕް އިން ޝޯވ ދޭނީ ސްޕޯޓްސް އެވޯޑް 2023ގެ މާދަމާ ރޭ އޮންނަ މިއުޒިކް ޝޯވގައެވެ.

ސިންތެޓިކް ޓްރެކްގައި އޮންނަ އެ ޝޯވ ބެލުމަށް އާއްމުންނަށް ވަދެވޭއިރު، ހަބޭސްއިން ޕާފޯމް ކުރާނީ އެރޭ 11:30 އިން 12:15 އަށެވެ.

2011 ވަނަ އަހަރު ތައާރަފްވެގެން ދިޔަ ހަބޭސް ބޮޑުބެރު ގްރޫޕަކީ މިހާރު ދިވެހިންގެ ތެރޭގައި ނަމްބަރު 1 ބޮޑުބެރު ބޭންޑެވެ. ހަތް މެމްބަރުންނާ އެކުގައި ފެށި ބޮޑުބެރު ގްރޫޕްގައި މިހާރު 27 މެމްބަރުން ތިބެއެވެ.

މި ގްރޫޕަކީ ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑު ފޭން ބޭސް އެއް އޮތް ބޮޑުބެރު ގްރޫޕެވެ.

ހަބޭސް ބޮޑުބެރު ގްރޫޕަކީ، ބޮޑުބެރުގެ މިއުޒިކު ބޮޑު ވިޔަފާރިއަކަށް ބަދަލުކޮށް އެހެން ހުރިހާ ގްރޫޕްތަކަށް ނަމޫނާ ދެއްކި ބައެކެވެ. އެއީ ބޮޑުބެރުގައި މިހާރު އެންމެ ވަރުގަދަ އެއް ބްރޭންޑެވެ.