އޭނާއަށް މި ދާއިރާގެ ތެރެއަށް ލޯ ހުޅުވުނީ ވީޓީވީއިންނެވެ. ނޫސްވެރިކަމުގެ ތެރެއަށް އެންމެ ފުރަތަމަ ވަދެވުނީ ސްޕޯޓްސް ޖާނަލިސްޓްއެއްގެ ގޮތުގައިއެވެ. ކުޅިވަރުގެ ދާއިރާގެ ނޫސްވެރިކަމަކީ ކޮންމެ އަހަރަކުވެސް އެކި އެވޯޑް ހަފްލާތަކުގައި ވާދަކުރަމުންދާ ކުރިއެރުންތައް ފަހި އެއް ދާއިރާއެވެ. މިއީ އުމުރުން 25 އަހަރުގެ އައްފާން މުޙައްމަދުގެ ގަލަން ހިނގަން ފެށި ހިސާބެވެ. ވަފާތެރި ނޫސްވެރިޔާގެ ގޮތުގައި ސިފަކުރެވުނީ ކީއްވެގެންބާއޭ ކިޔުންތެރިން ހިތަށް އަރާނެއެވެ.

ނޫސްވެރިޔާ އައްފާން މުޙައްމަދުގެ ވަފާތެރިކަމުގެ ވާހަކައާއި ހަމައަށް ދިއުމުގެ ކުރިން، އައްފާންގެ ޅަފަތުގައި އޮތް 3 އަހަރު ފުރުނު ނޫސްވެރިކަމުގެ ހަޔާތުގެ ސަފްހާތަކަށް ކޮންމެވެސް ވަރަކަށް ބަލަމާ ހިނގާއެވެ.

މާލެއަށް އުފަން އައްފާންއަކީ މިހާރު ވީޓީވީގެ ސްޕޯޓްސް ޔުނިޓްގެ ހެޑްއެވެ. އެންމެ 3 އަހަރު ތެރޭގައި މަސައްކަތަށް ބެހެއްޓި ޑިސިޕްލިންގެ ސަބަބުން މިހާރު އޭނާއަކީ ވީޓީވީ ގެ ޚަބަރުތައް ހިންގުމުގައި ޒިންމާދާރު އެޑިޓަރަކެވެ.

އައްފާން ވީޓީވީގެ ސްޕޯޓްސް ހަބަރު ކިޔުމުގައި

އައްފާން ޤަބޫލުކުރާގޮތުގައި ނޫސްވެރިކަމުގެ ދާއިރާއަކީ ވަކި ކުޅިވަރު ނުވަތަ ސިޔާސީ ރޮނގުން އެކަނި ލިޔަންވީ ދާއިރާއެއް ނޫނެވެ. "އެއް ކަމެއް، ހަމައެކަނި އެކަމޭ ތިމަންނައަށް ކުރެވޭނީ ، ވަކި ކަމަކާއިގެން އުޅުމަށްވުރެ އެ ދާއިރާއާއި ގުޅުންހުރި ހުރިހާ މަސައްކަތެއް ކުރެވޭތޯ ބެލީ. އެގޮތަށް ޚަބަރުވެސް ކިޔަން ފެށުނީ" ނޫސްވެރިކަމަށް އޮތް ލޯބި ހާމަކުރަމުން އައްފާން ބުނެފައިވެއެވެ.

އެހެން ކަމުން، މި ވަގުތު އައްފާންގެ ގަލަމުގެ ދެލިން ހުރިހާ ރޮނގުތަކަށް ޚާއްސަ ޚަބަރުތައް ލިޔެ ހަދައެވެ. އޭނާގެ މިން ނެތް މަސައްކަތުން މިއަދު ވީޓީވީ އަދި ވީ ނިއުސްއަށް އައްފާން ވެފައިވަނީ ނުހަނު ބޭނުންތެރި މުވައްޒަފަކަށެވެ.

މީޑިއާ ދާއިރާގައި އައްފާންގެ ފެށުން!

އައްފާން ބުނީ އޭނާ އެންމެ ކުރީގައި މީޑިއާ ޗެނެލްއެއްގައި މަސައްކަތްކުރަން ވަނީ ވަކި މި ދާއިރާއަށް ޝައުގުވެރިކަން ހުރެގެން ނޫން ކަމަށެވެ. އޭނާ އެންމެ ފުރަތަމަ ވީޓީވީއަށް ވަނީ އޮން-އެއަރ އޮޕަރޭޓަރެއްގެ ގޮތުގައިއެވެ. އެ ވަޒީފާގައި އޭނާ މަސައްކަތްކުރީ އެއް އަހަރާއި 6 މަސް ދުވަސް ވަރުއެވެ. އެއަށްފަހު، އޭނާ އެންކަރެއްގެ ގޮތުގައި ދުވަސްކޮޅެއް ވަންދެން ވީޓީވީގައި މަސައްކަތްކުރިއެވެ.

ތަފާތު ދެ މަސައްކަތަކަށްފަހު، އައްފާން ވަނީ ވީޓީވީ އިން ވަކިވެ، "ވަގުތު" ގައި ކުޅިވަރުގެ ޚަބަރުތައް ލިޔަން ފަށާފައިއެވެ. މި ފިޔަވަޅާއިއެކު، ނޫސްވެރިކަމުގެ ދާއިރާއަށް އައްފާންގެ ޝައުގުވެރިކަން މުޅިންހެން އެނބުރުނެވެ. އެހެން ނަމަވެސް، "ވަގުތު"ގައި ފެށި ދަތުރު ހިތްގައިމު އަދި އުފާވެރި ވިޔަސް 4 މަސް ފަހުން އައްފާންއަށް އެ ދަތުރު ކުރުކޮށްލެވުނީ ވީޓީވީގައި އެޅުނު ބިންގާގެ ސަބަބުންނެވެ.

“ވަގުތު” ހޭރިޔާ ދަތުރެއްގައި އައްފާން އާއި ޝާހް

އައްފާންގެ ވަފާތެރިކަން އޭނާއަށް ވީޓީވީއަށް ދިއުމަށް މަޖުބޫރުކުރުވިއެވެ. ވީމީޑިއާއަށް ދިއުމާއިއެކު، އައްފާންގެ މޮޅު ލިޔުންތެރިކަމުގެ ނަތީޖާއެއްގެ ގޮތުން، ވީމީޑިއާއިން އޭނާއާއި ސްޕޯޓްސް އެޑިޓަރުގެ މަސްއޫލިއްޔަތު ވަގުތުން ހަވާލުކުރިއެވެ. "އަބަދުވެސް ކުޅިވަރު ބަލާހިތްވޭ. އެހެން ނަމަވެސް، ތަން އިތުރަށް ކުރިއަރުވަން އަޅުގަނޑަށް ކޮށްދެވެން އޮތް ކަމަކީ ޖެނެރަލްކޮށް ހުރިހާ ދާއިރާއެއް ކަވަރކުރުން ކަމުގައި ބަލާފައި ތަނަށް އަދި އަމިއްލަ މީހާއަށް ފައިދާކުރުވަން އެހެން ދާއިރާތަކަށްވެސް ލިޔަން ފެށީ." އޭނާގެ ކެރިއަރ އާއި ބެހޭގޮތުން ވާހަކަދައްކަމުން އައްފާން ބުންޏެވެ.

ސުވާލު: އެންމެ މަޤްބޫލު ނޫސްވެރިޔާ؟

ކުޅިވަރުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ އައްފާންގެ ޖަވާބަކަށްވީ އިޓަލީގެ މަޝްހޫރު ސްޕޯޓްސް ޖާރނަލިސްޓް ކަމަށްވާ ފަބްރީޒިއޯގެ ނަމެވެ. ފަބްރީޒިއޯ ރޮމާނޯ އަކީ ކުޅިވަރުގެ ޚަބަރުތައް އެންމެ ސައްހަކޮށް ގެނެސްދޭ ނޫސްވެރިޔެއްގެ ގޮތުގައި މަޝްހޫރު ނޫސްވެރިޔެކެވެ.

ސުވާލު: އައްފާންގެ ހުންނާނެތޯ އިތުރު ހުނަރެއް؟

އައްފާން - ފޮޓޯ މީސްމީޑިއާ

"ލަވަ ވެސް ކިޔާ ހަދަން. އަމިއްލައަށް ލިރިކްސް ހަދާފައި. އަޅުގަނޑާއި އަޅުގަނޑުގެ ކަޒިން ދިލްޝާން ހެދި އެއް ލަވަ "ޖާދޫވީ މާ"ގައި މޮޑެލް ކައިޒީން ބަތަލާއެއްގެ ގޮތުގައި ހަރަކާތްތެރިވި. އެއީ ކައިޒީން މުނިފޫހިފިލުވުމުގެ ދާއިރާއަށް ހުށަހެޅުނު ފުރަތަމަ ފަހަރު. ދެން ފިލްމެއްގެ ތީމް ސޯންގްގެ މަސައްކަތް ކުރިން" އައްފާން ބުނިގޮތުގައި އޭނާ ލަވައިގެ ރާގުވެސް ތައްޔާރުކޮށްހަދައެވެ. އައްފާން އެންމެ ފުރަތަމަ ކުރަން ފެށި މަސައްކަތަކީ މިއީއެވެ. އެހެން ނަމަވެސް، މިއުޒިކްއާއި އާޓްސްއަކީ ރާއްޖޭގައި އެހާ ކުރިއެރުން ނުލިބޭ ދާއިރާއަކަށްވީތީ، އައްފާން މި މަސައްކަތް މިހާރު ކުރަނީ ހޮބީއެއްގެ ގޮތުގައިއެވެ.

ސުވާލު: މިހާތަނަށް އެންމެ ހިތްހަމަޖެހުނު ނުވަތަ ފާހަގަކުރެވުނު މަސައްކަތް؟

"މިނިސްޓަރ މަހްލޫފްއާއި ޔެއަރ އެންޑްގައި ކުރެވުނު އިންޓަވިއު، ޚާއްސަ އެހީއަށް ބޭނުންވާ ނޫސްވެރިޔެއް ކަމަށްވާ ޒިދާންގެ ހަޔާތުގެ މައްޗަށް ލިޔެވުނު ފީޗަރ ރިޕޯޓް." އައްފާން ބުނެފައިވެއެވެ.

ސުވާލު: ނޫސްވެރިޔެއްގެ ހައިސިއްޔަތުން ދިމާވާ ގޮންޖެހުމެއް؟

ވަކި ޗެނެލްއަކަށް ވުމުން ނުވަތަ ވަކި މީޑިއާއަކަށް ވުމުން ޢާންމުންގެ ފަރާތުން އަންނަ ތަފާތުކުރުންތައް އައްފާން ވަނީ ފާހަގަކޮށްފައިއެވެ. "ވީޓީވީގައި އެއްދުވަހަކު ސްޕޯޓްސް އެއްޗެއް ކަވަރ ކުރަން ދިޔައިރުގައި ހަމަ މީހަކު ދިމާލަށް ބުނި ގާސިމްގެ ޗެނެލް މީހެކޭ." ސިޔާސީ ކަންތައްތަކެއްގެ ސަބަބުން ނޫސްވެރިޔާގެ ބުރަ މަސައްކަތް ބަލައިނުގަންނަކަން އޭނާ ވަނީ ހިތާމައާއެކީ ފާހަގަކޮށްފައިއެވެ. އެހެނަސް، އެކަހަލަ ކަންތައް ދިމާވި ޙާލަތެއްގައި އައްފާން ވަނީ ވީހާވެސް ޕްރޮފެޝަނަލްކޮށް އެ ޙާލަތުގައި އަމަލުކޮށްފައިއެވެ.

އައްފާން މުޙައްމަދު -ވަގުތު އިމޭޖެސް :އަހްމަދް އަލީ

ސުވާލު: ނޫސްވެރިންގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކަކީ ކޮބާ؟

"ވީޓީވީގައި އަޅުގަނޑާއި އެކީ މަސައްކަތް ކުރާ ސައިފް އަޒްހަރް އަބަދުވެސް ވިދާޅުވޭ ވަކި މީހަކު ފަޟީހަތް ކުރުމުގެ ނިޔަތުގައި ނޫސްވެރިކަން ނުކުރަން." އައްފާން ބުނީ އޭނާ ވަނީ ވަރަށް ބޮޑަށް އެ ނަސޭހަތުގައި ހިފާފައިކަމަށެވެ.

ސުވާލު: ބިޒީކޮށް އުޅެން ޖެހޭ ދާއިރާއެއްކަމުން ކިހިނެއްބާ އައްފާންއަށް ޕާސަނަލް ލައިފް އަދި މަސައްކަތް ބެލެންސް ކުރެވެނީ؟

އައްފާން އަކީ މިހާރު ޒަވާޖީ ހަޔާތެއް ފަށާފައިވާ ޒުވާން ނޫސްވެރިއެކެވެ. "އައްފާންގެ އަންހެނުންނަކީ ވަރަށް އަންޑަރސްޓޭންޑިންގ މީހެއް. އެހެންވެ ބަލަން ވީހާވެސް ބޮޑަށް ޓައިމް މެނޭޖްކުރަން. އަންހެނުން ދޭ އެއްބާރުލުމުގެ ސަބަބުން އަޅުގަނޑަށް މި ދާއިރާގައި ބޭނުންވާ ކުރިއެރުން ލިބެނީ "އައްފާން ފާހަގަކުރިއެވެ.

ހަމައެއާއިއެކު، އޭނާ ވަނީ އޭނާގެ މަންމަގެ އެއްބާރުލުމަށްވެސް ޝުކުރުކޮށްފައިއެވެ. އޭނާގެ މަންމައަކީ ދިވެހި އުނގަންނައިދޭން މަސައްކަތްކޮށްދޭ ފަރާތެއް ކަމުން، އައްފާންގެ މަންމަގެ އެހީތެރިކަން ފާހަގަކޮށް އޭނާ ބުނީ މި ދާއިރާގައި އެންމެ ބޮޑަށް ސަޕޯޓްދިން އެއް މީހަކީ މަންމަ ކަމަށެވެ. އަދި ނިއުސްރޫމްގެ އެންމެހާ މުވައްޒަފުންނަކީ މިއަދު އޭނާ ނޫސްވެރިޔަކަށް ހަދައިދިނުމުގެ އެއް އަސްލުކަން ފާހަގަކުރަން އައްފާން ފަރުވާ ބެހެއްޓިއެވެ. އަދި ވަކިން ޚާއްސަކޮށް، ނިއުސް ޑިރެކްޓަރ ސައިފް އަޒްހަރު، އެޑިޓަރ މަރިޔަމް ލީން، އެޑިޓަރ ރިފާތް އަދި ވީޓީވީގެ ޑެއިލީ އޮޕަރޭޝަންސްއާއި މިހާރު ހަވާލުވެގެންހުންނެވި ޙުސައިން ނިޔާޒްގެ ނަން އޭނާ ހިމެނިއެވެ.

ސުވާލު: މި ދާއިރާގައި ކާމިޔާބީ ހާސިލްކުރެވޭނީ ކިހިނެއް؟

ނޫސްވެރިކަން ކުރެވޭނީ ވަޒީފާއެއްގެ ގޮތުގައި ބަލައިގަނެއް ނޫން ކަމަށް އައްފާން ޚިޔާލު ދިނެވެ. "ޝައުޤުވެރިކަމެއް ނެތި ލާރިިއަށް ކުރަން އުޅޭ ނޫސްވެރިކަމެއް ވެއްޖެއްޔާ ފެއިލްވާނީ. މި ދާއިރާގައި ކާމިޔާބު ވެވޭނީ މީހުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ޖޯޝު ހުރެގެން" . އައްފާން އިތުރަށް ބުނީ މިޒަމާނުގައި މީސް މީޑިއާ އޮތުމުގެ ސަބަބުން ޚަބަރު އުފެއްދުމަކީ ވަރަށް ފަސޭހަވާން ޖެހޭނެ ކަމެއް ކަމަށެވެ. އެހެން ކަމުން، އައްފާން ބުނީ ކޮންމެ ޚަބަރަކީވެސް މުހިންމުވެގެން ލިޔަންޖެހޭނެ ޚަބަރެއް ކަމަށެވެ.

އައްފާން ވަނީ ވީޓީވީގައި ހުރި ހަމައެކަނި ސްޕޯޓްސް ޖާނަލިސްޓްއަކަށް މަސައްކަތްކުރިއިރުގައި އެވޯޑަކަށްވެސް ނޮމިނޭޓްވެވިފައިއެވެ. އޭނާ ބުނިގޮތުގައި އެވޯޑްތަކަށް އަމިއްލައަށް ކުރިމަތިލުމަކީ އޭނާ އެއްވެސް ދުވަހެއްގައި ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

އައްފާން މުޙައްމަދު -ވަގުތު އިމޭޖެސް :އަހްމަދް އަލީ

ސުވާލު: ނޫސްވެރިއެއްގެ ހައިސިިއްޔަތުން، ހެއްކާއި ބެހޭ ޤާނޫނާއި ގުޅޭގޮތުން ބުނެލަން ބޭނުންވަނީ ކީކޭބާ ؟

އައްފާން ބުނީ މިއީ ވަރަށް މުހިންމު ޤާނޫނެއް ކަމަށެވެ. "ޢާންމުންގެ ކަންބޮޑުވުންތައް ހުރޭ ބައެއް މީޑިއާތަކުން އެއްވެސް ހެއްކެއް ނެތި ނޫނީ ދޮގު ސޯސް(މަސްދަރު) ތަކެއްގެ އެހީގައި މީހުންގެ އަބުރު ކަތިލާ. އެކަހަލަ ކަންތައްތަކަށް ޒިންމާދާރު ކުރުވަން އެބަ ޖެހޭ" އައްފާން ބުންޏެވެ.

އޭގެ އަނެއްކޮޅަށްވެސް އައްފާން ވަނީ ވިސްނާލާފައިއެވެ. "އެހެންވިޔަސްވެސް، ނޫސްވެރިންނަށް ތެދު ސިއްރުން މައުލޫމާތުދޭ ފަރާތްތަކުގެ ސިއްރުކަން ހިފެހެއްޓޭނެ ގޮތެއްވެސް އޮންނަންވާނެ" ނޫސްވެރިން އެންމެ ބޮޑަށް ބަހުސް ކުރަމުންދާ މައުޟޫއުއާއި ގުޅޭގޮތުން އައްފާންގެ ޚިޔާލު ފާޅުކުރަމުން އޭނާ ބުނެފައިވެއެވެ.

އައްފާންއާއި އެއްކޮށް ކުރެވުނު މަދު ވަގުތުކޮޅެއްގެ އިންޓަވިއުގައި އަޅުގަނޑަށް ޔަޤީންވީ އެއް ކަމަކީ މި ނޫސްވެރިޔާއަކީ ތަނަށް އަދި އޭނާގެ މަސައްކަތަށް ނުހަނު ވަފާތެރި މީހެއް ކަމެވެ. އޭނާގެ ލަޔާޤަތު ފެނިގެން އޭނާއަށް އިތުރު އޮފާތައްވެސް ލިބެމުންދެއެވެ. އެހެންވިޔަސް، އައްފާން މަޑުކޮށްގެން ހުރީ ތަނަށް އަދި މަސައްކަތަށް ވަފާތެރިކަން ދެމެހެއްޓުމަށެވެ.