ޏ. ފުވައްމުލައް ސިޓީ އަށް އުފަން އަހުމަދު އަލީ އޭ ބުނުމުން އެއީ ކާކު ކަމެއް ގިނަ ބަޔަކަށް ނޭނގިދާނެއެވެ. ނަމަވެސް "އެކްމެޑް ފޮޓޯސް" އޭ ބުނުމުން ނުދަންނަ މީހަކު ވަރަށް މަދު ވާނެއެވެ. އުމުރުން 14 އަހަރުގައި ފޮޓޯ ނަގަން ފެށި އަހުމަދު އަލީ، 23، (އެކްމެޑް) އަކީ މިހާރު ގިނަ ބައެއް ގެ މަޤުބޫލުކަން ހޯދައިފައިވާ ފޮޓޯގްރަފާއެއް އަދި ވީޑިއޯގްރަފާ އެއް ވެސް މެއެވެ.

އަހުމަދު ސްކޫލު ނިންމި ގޮތަށް އެންމެ ފުރަތަމަ އަދާކުރި ވަޒީފާ އަކީ ރިސޯޓެއްގެ ވެއިޓަރު ކަމެވެ. 9 މަސް ވެއިޓަރެއްގެ ގޮތުގައި އުޅުމަށްފަހު ލިބުނު ފުރުސަތަކުން ރިސޯޓް ފޮޓޯގްރަފާ އަކަށް ބަދަލުވިއެވެ. އޭގެ ފަހުން ބައެއް ރިސޯޓު ތަކުގައި ފޮޓޯގްރަފާ އަދި ވީޑިއޯގްރެފާ އެއް ގޮތަށް މަސައްކަތް ކުރިއެވެ. ރިސޯޓް ގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ރާއްޖޭގެ އެންމެ ބޮޑު އޮންލައިން ނޫސް ކަމުގައިވާ "ވަގުތު" އިން ލިބުނު ފުރުސަތުގެ ބޭނުންހިފައި ފޮޓޯގްރަފާ އެއް ގޮތަށް ބަދަލުވިއެވެ. މިހާރު އެކްމެޑް އަކީ "ވަގުތު" ގެ ހެޑް ވީޑިއޯގްރަފާއެވެ.

ރާއްޖޭގެ އެންމެ ބޮޑު ފޭން ބޭސްއެއް އޮންނަ "ހަބޭސް ބޮޑުބެރު" ގްރޫޕް ގެ ވީޑިއޯގްރަފާ އަދި ފޮޓޯގްރަފާ ކަން ވެސް އަހުމަދު އަންނަނީ ކުރަމުންނެވެ.

ވީޑިއޯ އަދި ފޮޓޯ ނަގަން ޝައުގުވެރިވީ ކިހިނެއް؟

"14 އަހަރުގައި ރައްޓެއްސަކާ އެކީ ފޮޓޯ ނަގަން ދިޔައީ، ދެން ބަލަން ފެށީ ޔޫޓިއުބް ވީޑިއޯތައް، އެގޮތަށް ވީޑިއޯތައް ބަލަމުން އަސްލު ޝައުގުވެރިވީ، އެ ހިސާބުން ފޮޓޯނަގަން ފެށުނީ،" އަހުމަދު ވާހަކަ ފެށިއެވެ.

ސްކޫލު ގައި އުޅެމުން ޝޫޓްތައް ނަގާދީ ފޮޓޯ ނަގަން ފެށި ކަމަށް އަހުމަދު ބުނެއެވެ.

އެންމެ ފުރަތަމަ ކެމެރާ އެއް ލިބުނީ ކިހިނެއް؟

"އަސްލު ތިއްތަ އަށް ލިބުން ކެމެރާ އެއް، ދެން އޭތި ދިނީ އަހުމަދަށް، އެންމެ ފުރަތަމަ ފޮޓޯ ނަގަން ބޭނުން ކުރީ ރައްޓެއްސެއް ގެ ކެމެރާ އެއް"

އެކްމެޑް ބުނީ، މިހާތަނަށް ކުރެވުނު ޝޫޓްތަކުގެ ތެރެއިން އެންމެ ކުރާ ހިތުން ކުރެވުނު ޝޫޓް އަކީ މި ފަހުން ފުވައްމުލަކުގައި ނެގި ކައިވެނީގެ ހަފުލާއެއް ކަމަށެވެ.

"ލައިޓިންނާއި، ހުރިހާ އެއްޗެއް ވެސް ވަރަށް ސަޅި ދެން ކަޕުލްސް ވެސް ވަރަށް ސަޅި" އެވެ.

ހަބޭސް ބޮޑުބެރު ގްރޫޕް ގެ ފޮޓޯގްރެފާ އަކަށް ވަނީ ކިހިނެއް؟

"މީގެ 3 އަހަރު ކުރިން ރިސޯޓް ވަޒީފާ ދޫކޮށްލާފަ މާލެ އައި ތަނުން ދިމާވަނީ، ބޮޑުބެ އާއި އުބޭ އާއި ޝަނޫން އާއި ދެން އަސްލު އެމީހުންނާއި ހެދި ހަބޭސް އަށް ވަދެވުނީ، ދެން އޭރު އެއީ ލޮކްޑައުން ދެން ސްޓޫޑިއޯއަށް ދަމުން އައްޔަ ބުނީ ފޮޓޯ ކޮޅެއް ނަގާލަން އައިސްބަލާށޭ ބުނީމަ ދިޔައީ"

ކޮންމެ މީހަކުވެސް ކަމެއް ކުރަން ފަށާނީ ވަރަށް ފޮނި ހުވަފެންތަކަކާ އެކީއެވެ. އެ ކުރާ ކަމަކުން ދެވޭނެ އެންމެ މައްޗަކަށް ދިޔުމުގެ ފޮނި އުންމީދުގައެވެ. އެކަމެއް ހާސިލް ކުރުމަށް ބޮޑެތި އެތައް ރާޅެއް ހުރަސްކުރާނެއެވެ. އަހުމަދު ވަނީ، ވީޑިއޯގްރަފީ ދާއިރާއިން "ބެސްޓް ވީޑިއޯ ޖާނަލިޒަމް" އެވޯޑް ހާސިލްކޮށްފައެވެ.

އަހުމަދު އަލީ " ބެސްޓް ވީޑިއޯ ޖާރނަލިޒަމް" އެވޯޑް

"ބެސްޓް ޖާނަލިޒަމް އެވޯޑް" ލިބުމުން ކުރެވުނު އިހުސާސް އަކީ ކޮބާ؟

" އަސްލު ހިއެއް ވެސް ނުކުރަން ލިބޭނެ ކަމަށް، ވަރަށް އުފާވި މީހާ ފިނިވެފަ ހުރީ، ވަރަށް އުފާވި ދުވަހެއް ދެން އެއީ".

އަހުމަދު ބުނީ، މިފަދަ ބޮޑު ކާމިޔާބެއް ލިބުނީ "ވަގުތު 26" ޓީމް އާއި "ވަގުތު" ފޮޓޯގްރާފަރު އިބްރާހިމް ޝާބިލްގެ އެހީތެރިކަމާއި އެކުގައި ކަމަށެވެ.

"ވަގުތު 26" ޓީމް އާއި ޝާބިލް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން، އަސްލު އެމީހުންނާއި ހެދި އެވޯޑް ލިބުނީ، އެމީހުން ނެތިސް ނުވާނެ" އަހުމަދު ބުންޏެވެ.

ފޮޓޯގްރަފާ އަދި ވީޑިއޯގްރަފާ އެންމެ ބޮޑު އިންސްޕްރޭޝަން އަކީ ކޮބާ؟

" އަބަދުވެސް ބަލަން ހުރިހާ ފޮޓޯގްރަފާ އަދި ވީޑިއޯގްރަފާސް ގިނައިން އިން އިންނާނީ ޕީޓާ މޮކްނިއޯން އެއްޗެހި އެއި" އެވެ.

ޝޫޓް އެއް ނަގަން ގޮސް އުޅެމުން ދިމާވި ހަނދާނުން ނުފިލާނެ ކަމެއް؟

" އަބަދުވެސް އެއްޗެއް ބައިންދާފަ ނޫނީ ކެމެރާ ޗާޖު ހުސްވުން، ދެން ކާޑު އެއްޗެހި ގޭގަ ބަހައްޓާފަ ޝޫޓް ގަ ވެސް އެބަ އުޅެވޭ"

ސްކޫލުގައި އުޅުނު އިރު ހަނދާނުން ނުފިލާނެ ކަމެއް؟

" އެއްދުވަހު ކުލާހުގަ އިންދާ ޓީޗާ ކައިރީ އަހާލީ ބޭރަށް ދިޔަސް އޯކޭހޭ، ބުނީމަ ބުނީ އޯކޭ އޭ، ދެން ދިޔައީ ކްލާހުން ގޮއްސަ އަނބުރާ އާއިތަނުން ބުނަނީ، ކްލާހަކަށް ނުވަދެވޭނެ އޯ ދާށޯ ސްޕަވައިޒާ ރޫމް އަށް އެއީ ވަރަށް ހަނދާންވާ ކަމެއް"

ވީޑިއޯގްރެފާތަ ނޫނީ ފޮޓޯގްރެފާތަ؟

އަހުމަދު މީގެ ތެރެއިން ނެގީ ވީޑިއޯގްރެފީއެވެ.

"ވީޑިއޯގްރެފީ ދާއިރާ އިން މިހާރު ކުރިއަށް ދާން ބޭނުމީ، އެކަމަކު ފޮޓޯގްރެފީ ވެސް ދޫކޮށް ނުލާނަން ދެކަން ވެސް ކުރާނަން".

ދުވާލު ޝޫޓްތަ ނޫނީ ރޭގަނޑު ޝޫޓްތަ؟

އަހުމަދު ބޭނުންވީ ދުވާލު ގަޑީގެ ޝޫޓް ނަގާށެވެ.

" ބޮޑަށް އަސްލު ކުލަ ތަކަށް ބަލާލިއަސް ދެން ހުރިހާ ގޮތަކަށް ބެލިއަސް ދުވާލު ރީތި "

އެކްމެޑް ނަގާފަ އިން ފޮޓޯ އެއް

އެތެރޭގެ ޝޫޓްތަ ނޫނީ ބޭރުގެ ޝޫޓްތަ؟

އަހުމަދު މިތަނުން ނެގީ ބޭރެވެ.

" އެތެރޭގަ ވެސް ހުންނާނެ ނެގޭނެ ބައިވަރު ގޮތް ގޮތް އެކަމަކު ބޭރުގައި ވީމަ މާ މަޖާވާނެ އަދި ބޭނުން ވާ ވަރަށް ހުސް ތަން ތަން ވެސް ލިބޭނެ"


އެކްމެޑް ނަގާފަ އިން ފޮޓޯ އެއް

ކެމެރާ ބްރޭންޑް ކެނޯންތަ ނޫނީ ސޮނީތަ؟

އަހުމަދު މިތަނުން ނެގީ ސޮނީއެވެ.

" ހުރިހާ ގޮތަކުން ވެސް ސޮނީ ވަރަށް ސަޅި ފޮޓޯގްރަފީ އަށް ވެސް ވީޑިއޯ ގްރެފީ އަށްވެސް"

ފޮޓޯގްރަފާ ނައުޝަމްތަ ނޫނީ ފޮޓޯގްރަފާ ޓެޑީތަ، މިތަނުން ސެލެކްޓް ކުރާނީ ކާކު؟

އަހުމަދު މީގެ ތެރެއިން ނެގީ ޓެޑީއެވެ.

" މިދާއިރާ ގެ ވަރަށް އެއްޗެހި ކިޔައިދޭ ޓެޑީ، ޓެޑީ ގެ މަސައްކަތް ވަރަށް ސަޅި އޭތި ވެސް އިންސްޕްރޭޝަން އަކަށް ނަގަން"

އަހުމަދު ބުނާ ގޮތުން ނަމަ ފޮޓޯގްރަފީ މި ފީލްޑް އަށް ކުރިމަތި ވެފައިވާ ގޮންޖެހުމަކީ، ރާއްޖެ އިން ކެމެރާ އެއްޗެހި ނުލިބޭތީއެވެ.

"ކްލައިންޓުންނަށް އަސްލު ކުޑަ އަގެއްގަ ނަގައިދޭނެ މީހުން ގިނަ ވެފައި، އެމީހުންގެ މަސައްކަތަށް ނުބަލައި އެމީހުން ކުޑަ އަގެއްގެ ނަގާތީވެ ނަގާލަނީ"

ހޮބީ އެއް ގޮތަށް ކޮށް އުޅެނީ ކޮންކަމެއް؟

" ހޮބީ އެއް ގޮތަށް ގިޓާ ކުޅެން އަދި ފޮޓޯ ވެސް ވީޑިއޯ ވެސް ނަގަން"

އަހުމަދު ވަނީ 2021 ވަނަ އަހަރު ކައިވެނިކޮށްފައެވެ، މިހާރު އޭނާގެ އެއް އަހަރު ގެ ދަރިއެއް ވެސް އެބަހުއްޓެވެ. އޭނާގެ ހަޔާތުގައި އެންމެ އުފާވި ދުވަހަކީ ދަރިއެއް ލިބޭކަން އެނގުނު ދުވަސްކަމަށް އޭނާ ބުނެއެވެ.

އަނބިމީހާއާ ދިމާވީ ކިހިނެއް؟

" އަންހެނުން އޭރު މަސައްކަތް ކުރާނީ ފިހާރައެއްގައި، ދެން ދާނީ ކޮންމެ ދުވަހަކު ފިހާރަ އަށް. އެއްޗެއް ގަންނަން ނުޖެހުނަސް ވަދެލާ އުޅެލާފަ ދާނީ، އެހެން ގޮސް ދިމާވީ"

ފޮޓޯގްރަފާ އެއް ގޮތަށް ނޫން ގޮތަށް ފެނިގެންދާ ނަމަ ފެންނާނީ ފީލްޑް އަކުން؟

" ފެނިގެން ގޮސްދާނެ މިއުޒިކް ފީލްޑް އިން ވެސް " އަހުމަދު ބުންޏެވެ.

ނިންމާލަމުން ދޭން ބޭނުން ވާ މެސެޖަކީ ކޮބައިތޯ އެހުމުން އަހުމަދު ބުނީ ޝައުގުވެރިކަން ހުރިއްޔާ ކޮންމެ މީހަކަށް ވެސް މިކަން ވާނެ ކަމަށެވެ.

" ކުޑަ މަސައްކަތެއް ކޮށްލަން ޖެހޭނީ، ޕޯޓްފޯލިއޯ ބިލްޑް ކޮށްލަން އޭރުން ހަމަ ލިބޭނެ ކްލައިންޓްސް ވެސް "

އެންމެ ކުޑައިރުން ފެށިގެން ކުރަމުން ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ މި ފީލްޑް އިން އަހުމަދަށް ވަނީ ވަރަށް ބޮޑު ފޭން ބޭސް އެއް ލިބިފައެވެ. ކްލައިންޓްސް އަށް ފަސޭހަ ކޮށްލުމުގެ ގޮތުން މިހާރު ވެބްސައިޓް ވެސް ލޯންޖްކުރެވިގެން ދާނެ ކަމަށް އަހުމަދު ބުނެއެވެ.