އިންޑިއާގެ މަދީޔާ ޕްރަދޭޝްއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ފިރިހެނަކު 19 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެއެެވެ.

އުމުރުން 25 އަހަރުގެ ފިރިހެން މީހާ އެ އަންހެންމީހާ ރޭޕްކުރީ ކައިވެނިކުރާނެ ކަމުގެ ފޮނި ހުވަފެންތަށް ދެއްކުމަށް ފަހުގައެވެ. އަދި ރޭޕްކުރެވުނު އަންހެންމީހާއަކީ މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ އަންހެނެއްކަމަށް ފުލުހުންގެ ތަހުޤީގަށް އެނގިފައިވާކަމަށް މަދީޔާ ޕްރަދޭޝްގެ ފުލުހުން ބުނެއެވެ.

އަދި ކައިވެނިކުރާނެ ކަމުގެ ފޮނި ހުވަފެންތަށް ދެއްކުމަށް ފަހު ދެ މަސް ދުވަސް ވަންދެން އަންހެން މީހާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށާއި އަންހެން މީހާއަށް ޖިންސީ ގޯނާކުރަނީ އެ ފިރިހެންމީހާގެ އަމިއްލަ ގޭގައި ކަމަށްވެސް ފުލުހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތަށް ބުނެފައިވެއެވެ.

އަދި ބައެއް ފަހަރު ޖިންސީ ގޯނާގެ އިތުރުން ބައެއްކަހަލަ އަނިޔާވެސް ކުރާ ކަމަށް އަންހެން މީހާއާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

އަންހެން މީހާ ރޭޕް ކުރި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ހުސްވި ހުކުރު ދުވަހުގައެވެ. އަދި އޭނާ ރޭޕްކޮށްފައިވާކަން ޑޮކްޓަރީ ރިޕޯޓްތަކުން ހާމަވާއިރު ޑޮކްޓަރުން ބުނެފައިވަނީ އަންހެންމީހާގެ އެތެރޭގެ ބައެއް ގުނަވަންތަކަށް ގެއްލުންވެފައިވާ ކަމަށެވެ.

މި މައްސަލައިގައި 25 އަހަރުގެ ފިރިހެންމީހާ ހައްޔަރުކޮށްފައިވާއިރު މި މައްސަލައިގައި ޝާމިލްވާ އިތުރު ފަރާތްތަށް ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

އިންޑިއާގައި ކޮންމެ ގަޑިއިރަކު ރޭޕާއި ގުޅުން ހުރި 4 ނުވަތަ 5 މައްސަލަ ފެންމަތިވާއިރު އެގައުމު ފާހަގަވެފައި އޮންނަނީ އަންހެނުންނާއި ކުޑަކުދިންނަށް މުޅި ދުނިޔެއިންވެސް އެންމެ ނުރައްކާ ގައުމުުގެ ގޮތުގައެވެ. އަދި އެއީ ދުނިޔެއިން ރޭޕްގެ މައްސަލަތަށް ތިންވަނައަށް އެންމެ ގިނައިން ފެންމަތިވާ ގައުމެވެ.