އެޕަލްގެ އުފެއްދުންތަކަކީ، އެތަކެތީގެ ކޮލެޓީކަމުގެ ވާހަކަ އެތައް ބަޔަކު ދައްކާ އުފެއްދުންތަކެކެވެ. އެކުންފުންޏަކީ، އުފެއްދުންތަކުގެ ކޮލިޓީ އުފެއްދުމަށްވެސް ޚާއްޞަ އިސްކަމެއް ދޭ ކުންފުންޏެކެވެ. އެކަމަށްޓަކައި، އެޕަލް އިން އެތައް ޚަރަދެއްވެސް ކުރެއެވެ. އެހެންނަމަވެސް، ކިތަންމެ މޮޅު ކުންފުންޏެއް ކަމުގައިވިޔަސް، އުފެއްދުމުގައި މައްސަލައެއް ޖެހިދާނެއެވެ.

އެމްސްޓަޑަމްގައި ހުންނަ، އެޕަލްގެ ފިހާރައެއްގައި ވިއްކަން ބަހައްޓާފައި އޮތް، އައިޕެޑެއްގެ ބެޓެރީވަނީ ގޮވާ، އަލިފާން ރޯވެފައެވެ. މި މަންޒަރު ފެންނަ ވީޑިޔޯތައް، މީސް މީޑިޔާގައި އާއްމުވެފައި ވެސް ވެއެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން، އިތުރަށް ބުނެފައިވާ ގޮތުގައި، އައިޕެޑުގެ ބެޓެރީ ގޮވުމުން، ފިހާރަ ބަންދުކޮށް، މުޅި އެސަރަޙައްދު ވެސް ބަންދުކޮށްފައިވެއެވެ. އަދި، އެތަނުގައި ތިބި މީހުންވެސް، އެހެން ތަންތަނަށް ބަދަލުކޮށްފައިވާކަމަށް، މީޑިޔާތަކުން ބުނެފައިވެއެވެ.

މީޑިޔާތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، އެސަރަޙައްދުން މީހުން ދުރުކޮށް، އެހެން ސަރަޙައްދުތަކަށް ބަދަލުކޮށްފައިވަނީ، ގޮވި ބެޓެރީގެ ސަބަބުން، ވައިގެ ތެރެއަށް ނުރައްކާތެރި މާއްދާތަކެއް ބޭރުވެފައިވާކަމަށް ބެލެވޭތީއެވެ.

އެހެންނަމަވެސް، އެ ފިހާރައިގައި މަސައްކަތް ކުރަމުންދާ އެޕަލްގެ މުވައްޒަފުން، އަވަސް ފިޔަވަޅުތަކެއް އަޅާ، ގޮވި ބެޓެރިއާއި އައިޕެޑްވެސް ބަންދުކޮށް ދުރަށްލައިފައިވާކަމަށްވެއެވެ.

އައިޕެޑު ގޮވާފައިވީނަމަވެސް، މިކަން މެދުވެރިވީ ސީދާ ކޮން ސަބަބަކާ ގުޅިގެންކަމެއް، އެފަރާތްތަކުންވެސް އަދި ކަމާ ގުޅުން ހުރި އެހެން ފަރާތަކުންވެސް ހާމަކޮށްފައި ނުވެއެވެ.

މީގެކުރިންވެސް، އިލެކްޓްރޯނިކް ބައެއް ސާމާނުތައް، އަދި ވަކީން ޚާއްޞަކޮށް، ބައެއް ބްރޭންޑުތަކުގެ ބައެއް މަރުކާތަކުގެ ފޯނު ގޮވާފައިވެއެވެ. މިކަމުގެ ސަބަބުން، ބާޒާރަށް ނެރުނު ބައެއް މަރުކާތަކުގެ ފޯނު އެއްކޮށް، ބާޒާރުން ނަގާފައިވެސްވެއެވެ.

އުފެއްދުމުގައި ދިމާވާ ކަމެއްގެ ސަބަބުން، އުފެއްދުމުގެ ޑިފެކްޓް އެއް ހުރެދާނެފަދަ ކަމެއް މެދުވެރިވިޔަސް، އެކަމުން ބޭނުންކުރާ ފަރާތްތަކަށް ގެއްލުމެއް ލިބިއްޖެނަމަ، ކުންފުނިތަކުން ބަދަލުދެއެވެ. ކޯޓުތަކުންވެސް، މިކަން ކުރަން އާއްމުކޮށް އަމުރުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު