ކުލީ ކޮޓަރިއަކަށް ފައިސާ ދައްކަން ޖެހޭ ވަރަށްވުރެ އިތުރަށް ފައިސާ ދޭން ދެކޮޅުހެދި އަންހެނަކަށް އެތަނުގެ މުވައްޒަފުން ގޮސް، ދަގަނޑުބުރިއަކުން ޙަމަލާދީ އޭނާ ޒަޚަމްކޮށްލައިފިއެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ލައުރާ ޑެންމާއަށް ދަގަނޑުބުރިއަކުން ހަމަލާދީފައިވަނީ އޭނާ ލޯބިވެރިޔާ އާއި އެކު ކްރޮއޭޝިއާއަށް ކުރި ދަތުރެއްގައި އޮންލައިންކޮށް ބުކްކުރި ކުލީ ކޮޓަރިއެއްގެ ތެރޭގައި ހުއްޓައި އެތަނުގެ މުވައްޒަފުން ބައިވެރިވެގެންނެވެ.

މި ހާދިސާ އާއި ގުޅިގެން ލައުރާއަށް އިމްޖެންސީގައި ފަރުވާދީފައިވާއިރު، އޭނާ ވަނީ ފަރުވާއަށްފަހު ވަގުތުން އެނބުރި ޤައުމަށް ގެންގޮސްފައެވެ. އޭނާގެ އިތުރުން އޭނާގެ ލޯބިވެރިޔާއަށްވެސް މި ހާދިސާގައި ބައެއް ކަހަލަ އަނިޔާތައް ލިބިފައި ވެއެވެ. މި ހާދިސާއަށްފަހު ލައުރާއަށް އަނިޔާ ލިބިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނަގާފައިވާ ފޮޓޯތަކެއްވެސް އޭނާ ވަނީ މީސްމީޑިއާގައި ޢާންމުކޮށްފައެވެ.

މި ހާދިސާ ހިނގައިދިޔަގޮތް ނޫސްތަކުގައި ޙިއްސާކުރަމުން ލައުރާ ބުނީ، އޭނާ ލޯބިވެރިޔާ އާއި އެކު ޗުއްޓީ ހޭދަކޮށްލުމުގެ ނިޔަތުގައި އޮންލައިންކޮށް ކްރޮއޭޝިއާގެ އެ ހޮޓަލުން ކޮޓަރިއެއް ބުކްކުރީ އެތަން އަގުހެޔޮވުމުން ކަމަށެވެ. އެހެން ނަމަވެސް ކްރޮއޭޝިއާއަށް ގޮސް އެތަނަށް ދިއުމުން، އެއީ ޤަވާއިދާއި ޚިލާފަށް ހިންގަމުންދިޔަ ތަނެއްކަން އެނގުނުއިރު، ކުރިން ފައިސާ ދައްކާފައިވުމުން އިތުރު ގޮތެއް ނެތިގެން އެތަނުގައި މަޑުކުރީ ކަމަށެވެ.

"އެއީ ދުވާލަކު 60 ޕައުންޑު ޗާޖުކުރާ ތަނެއް. އަހަރެން ހީކުރީ މި ދުވަސްކޮޅު އަގުހެޔޮކޮށްފައި ހުރީ ކަމަށް. އެކަމަކު އެތަނަށް ދިއުމުން އެނގުނީ އެއީ ހީކުރިފަދަ ތަނެއް ނޫންކަން. އާދައިގެ ގޮތަކަށް ހަދާފައިވާ އެތަނުގެ ތެރޭގައި ގިނަ ޢަދަދެއްގެ އެނދު ބަހައްޓާފައި ހުރިއިރު ބޭނުންކުރަން އިނީ ބޭރުގައި ހުރި ފާހަނާއެއް. އަހަރެމެން އެތަނަށް ދިޔައިރު އިތުރު ގެސްޓުންނެއް ނޫޅޭ،" ލައުރާ ބުންޏެވެ.

ލައުރާ ބުނީ، އެތަނުގައި ހޭދަކުރި އެންމެ ފަހު ދުވަހު އަންހެން މުވައްޒަފަކު ގޮސް ވަގުތުން އެތަން ދޫކޮށް ދިއުމަށް އެންގި ކަމަށާއި، ނަމަވެސް އޭރު ގަޑިހަމަނުވާތީ އެކަމާއި ދެކޮޅު ހެދި ކަމަށެވެ. އެއާއި އެކު އިތުރު ފައިސާ ދޭންޖެހޭނެކަމަށް ބުނެ އެ މުވައްޒަފު އެތަނުގެ ބޭރުން ތަޅުލުމަށްފަހު، އެތަނުގެ ވެރިން ކަމަށް ބެލެވޭ އިތުރު ދެމީހަކު ގެންގޮސް އޭނާއަށް ޙަމަލާދިން ކަމަށް ލައުރާ ބުންޏެވެ.

ލައުރާ ބުނީ އޭނާއަށް ދަގަނޑުބުރިއެއް ބޭނުންކޮށްގެން ޙަމަލާދިނީ އެ އަންހެން މުވައްޒަފު ކަމަށެވެ. އަދި އިތުރު ދެ ފިރިހެނަކު އޭނާގެ ލޯބިވެރިޔާގެ ގައިގައި ހިފަހައްޓައިގެން އޭރު ތިބިކަމަށް ލައުރާ ބުންޏެވެ. މި ހާދިސާއަށްފަހު އެދެމީހުނަށްވެސް އެތަނުން ނިކުމެވުނީ އިތުރަށް ފައިސާ ދިނުމުންނެވެ.

މި ހާދިސާ ކްރޮއޭޝިއާގެ ކަމާއި ބެހޭ އިދާރާތަކުން މިހާރު އިތުރަށް ތަހުޤީޤުކުރަމުންދާއިރު، ލައުރާ ބުނެފައިވަނީ އޮންލައިންކޮށް ހޮޓެލްތައް ބުކްކުރާ ފަރާތްތަކުން މިފަދަ ކަމެއް ހިނގާފާނެކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި އެފަދަ ކަމެއް އިތުރު މީހަކާއި ކުރިމަތިވުމަށް އޭނާ ނޭދޭކަމަށްވެސް ލައުރާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު