ކައިވެންޏެއްގައި އަނބިމީހާ ފިރިމީހާގެ ދިރިއުޅުމަށް އަންނަނީ ފިރިހެން މީހާ ހަމަ މަގަށް އަޅުވައި އޭނާ ރަނގަޅު މީހަކަށް ހަދައިދިނުމަށް ކަމަށް ބުނުމުން ބޮލީވުޑްގެ މަޝްހޫރު ބަތަލު ޝާހިދް ކަޕޫރު ހޫނުފެން ތެރެއަށް ވެއްޓިއްޖެއެވެ.

މިއާއިއެކު، ޝާހިދް ވަނީ ޢާންމުންގެ ފާޑުކިޔުންތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން، ގިނަ ބަޔަކު ބުނީ ޝާހިދްގެ ވިސްނުމަކީ ވަރަށް ނާތަހުޒީބު ވިސްނުމެއް ކަމަށާއި ޒަވާޖީ ހަޔާތެއްގައި އުޅޭ މީހުންނަށް އެއްވެސް ވަރަކަށް އެކަށޭނަ ނަސޭހަތެއް ނޫންކަމަށެވެ.

މީހުން ކޮމެންޓްކޮށްފައިވާ ގޮތުގައި ކައިވެނީގެ ހުރިހާވެސް ކަމަކީ އަންހެންމީހާ ފިރިމީހާ ހަމަ މަގަށް އެޅުވުން ނޫން ކަމަށާއި އޭނާ ރަނގަޅަށް އުޅެން މަސައްކަތްކުރުމަކީ އޭނާގެ އަމިއްލަ ޒިންމާއެއް ކަމަށެވެ.

އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޝާހިދް ކައިރިން ކައިވެންޏާއި ދޭތެރޭ އޭނާގެ ޚިޔާލަކީ ކޮބާތޯ އަހާލުމުން ޝާޙިދްގެ ޖަވާބު އައީ މިހެނެވެ. "ކައިވެނީގައި ހުރިހާ ވެސް ކަމަކީ މިއީ: ފިރިހެން މީހާ އުޅެނީ މަގުގެއްލިފައި. އޭނާގެ ޙާލަތު ބަދަލުކޮށްލާނީ ދިރިއުޅުމަށް އަންނަ އަންެހެނެއްގެ ސަބަބުން. އެއަށްފަހު އޭނާގެ މުޅި ހަޔާތަކީ އޭނާ ހަމަ މަގަށް އެޅުމާއި ރަނގަޅު މީހަކަށް ވެގެންދިއުން. އެެއީ މުޅިންވެސް ދިރިއުޅުން." ޝާހިދް ބުނެފައިވެއެވެ.

ކުރީގައި ހިންދީ ފިލްމު އިންޑަސްޓްރީގެ ބަތަލާ ކަރީނާ ކަޕޫރްއާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޝާހިދް ފިލްމީ ދާއިރާއާއި ގުޅުމެއް ނެތް މީރާ ރާޖްޕުތްއާއި ކައިވެނިކޮށްފައިވަނީ 2015 ވަނަ އަހަރުގައިއެވެ. އެއަށްފަހު، އެ ދެމަފިރިންނަކީ މިހާރު ދެ ފިރިހެންކުދިންގެ މައިންބަފައިންނެވެ.