އިންޑިއާގެ މަހަރަޝްތްރާގެ ލަޓުރްއަށް ނިސްބަތްވާ 16 އަހަރުގެ އަންހެން ކުއްޖަކު 127 ގަޑިއިރު ވަންދެން ނަށައިގެންް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފިއެވެ.

ގިނިސް ވޯލްޑް ރެކޯޑްސް އިން ބުނި ގޮތުގައި ސްރުޝްތީ ސުދީރު ޖަގްތާޕް ވަނީ 127 ގަޑިއިރު ވަންދެން ނިންމައި، އެންމެ ދިގު ޑާންސް މެރެތަންގެ ރެކޯޑް މުގުރާލައިފައެވެ. މީގެ ކުރިން 126 ގަޑިއިރުގެ ރެކޯޑް ހެދީ 2018 ވަނަ އަހަރު ނޭޕާލް ޑާންސާ ބަންޑާނާ ނޭޕާލްއެވެ.

މި ޕާފޯމަންސް ސިފަކޮށްދެއްވަމުން ޖީޑަބްލިއުއާރުގެ އޮފިޝަލް އެޑްޖުޑިކޭޓަރު ސްވަޕްނިލް ޑަންގަރިކަރް ވިދާޅުވީ ސްރުޝްތީގެ ޑާންސް މެރެތަން ކުރިއަށް ދިޔައީ އޭނާގެ ކޮލެޖުގެ އޮޑިޓޯރިއަމްގައި ކަމަށާއި އެ ހަރަކާތް ކުރިއަށް ދިޔައިރު ގިނަބައެއްގެ ސަޕޯޓް ލިބިގެން ދިޔަ ކަމަށެވެ.

"މާ ބޮޑަށް ވަރުބަލިވެގެން އުޅުނު ވަގުތުތަކެއްވެސް ދިޔަ. ނަމަވެސް އޭނާގެ މައިންބަފައިން ތިބީ އޭނާގެ ކައިރީގައި، އޭނާ ރީތިކޮށް ބެހެއްޓުމައި، އޭނާގެ މޫނުގައި ފެން ސްޕްރޭ ކުރުމުގައިވެސް ތިބި". ސްވަޕްނިލް ވިދާޅުވިއެވެ.

އޭނަ ވަނީ އެއީ ޖުމްލަ ގޮތެއްގައި ވަރަށް ހިތްގައިމު ޕާފޯމަންސެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.

މިމަހުގެ 29 ވަނަ ދުވަހުގެ ހެނދުނު ފެށި ސްރުޝްތީގެ މަސައްކަތް ފެށިއިރު، ޖޫން މަހުގެ 3 ވަނަ ދުވަހުގެ މެންދުރުގެ ނިޔަލަށް މި ހަރަކާތް ހުއްޓުމެއް ނެތި ކުރިއަށް ދިޔައެވެ. އޭގެ ފަހުން މުޅި ދުވަހު އޭނާ އުޅުނީ ނިދުމުގައެވެ.

ސްރުޝްތީ މިކަމަށް 15 މަސް ވަންދެން ތައްޔާރުވިއެވެ.