އަންނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނެ ނަމަ ރައީސް ކަމަށް ހޮވިވަޑައިގަންނަވާނެ ކަމަށް ހޮލީވުޑްގެ މަޝްހޫރު ތަރި އަދި އެމެރިކާގެ ކެލިފޯނިއާގެ ކުރީގެ ގަވަރުނަރު އާނޯލްޑް ޝްވެޒެނިގާ ވިދާޅުވެއްޖެއެވެ.

އާނޯލްޑް އެގޮތަށް ވިދާޅުވީ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އާނޯލްޑް ވިދާޅުވީ އެމެރިކާ އެއްބައި ކުރެވޭނެ ލީޑަރެއް މިހާރު ގައުމުގައި ނެތް ކަމަށެވެ. އެހެން ނަމަވެސް އޭނާއަށް އެކަން ކުރެވިދާނެ ކަމަށެވެ.

އަދި ރައީސް ކަމަށް ކުރިމަތިލެވޭނަމަ ކުރިމަތިލުމުން ހޮވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާނޯލްޑްއަށް އެމެރިކާގެ ރައީސް ކަމަށް ކުރިމަތި ނުލެވެނީ އޭނާއަކީ އެމެރިކާއަށް އުފަން މީހަކަށް ނުވާތީ އެވެ.

އާނޯލްޑް އުފަންވީ އޮސްޓްރިއާއަށެވެ. އަދި ވަރަށް ޅަ އިރު އެމެރިކާއަށް ހިޖުރަކޮށް އެމެރިކާގެ ރައްޔިތަކަށް ވީއެވެ.

އެހެން ނަމަވެސް އެމެރިކާގެ ގާނޫނު ބުނާ ގޮތުން އެމެރިކާގެ ރައީސްއަކަށް ވެވޭނީ އެމެރިކާއަށް އުފަން މީހަކަށް ކަމަށެވެ.

އާނޯލްޑް މަޝްހޫރުވީ އޭނާ ކުޅުނު ޓާމިނޭޓާ ފިލްމުތަކުންނެވެ. އަދި އޭނާއަށް ބޮޑީ ބިލްޑު ކުރުމުގައި ގިނަ ބައެއްގެ ސަމާލުކަން ލިބުނު މީހެކެވެ.

މީގެ ކުރިން އެމެރިކާގެ ރައީސްކަން ކުރެއްވި ރޮނަލްޑް ރޭގަން އަކީ ވެސް ހޮލީޥުޑްގެ ތަރި އެކެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި އުޅުއްވަނީ ތިން ޑިމޮކްރެޓުންނާއި އެތައް ރިޕަބްލިކަން ކެންޑިޑޭޓުން ވެސް ހިމެނެ އެވެ. ނަމަވެސް ގިނަ ބަޔަކު ބުނަމުން ދަނީ އިންތިހާބުގައި ވާދަކުރައްވާނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި މިހާރުގެ ރައީސް ޖޯ ބައިޑެން ކަމަށެވެ.