މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ހޮލީވުޑްގެ ބަތަލާ ޖެނިފަރ ލޮޕޭޒްގެ ކުރީގެ ފިރިމީހާ މާކް އެންތަނީ އާއި އަންހެނުން ނާދިއާ ފެރެއިރާއަށް ދަރިއަކު ލިބިއްޖެއެވެ.

އާދީއްތަ ދުވަހުގައި މާކްއާއި ނާދިއާ މި ޚަބަރު އިއުލާންކޮށްފައި ވަނީ އެ ދެމީހުންގެ އިންސްޓަގްރާމްގައެވެ.

މިއީ އުމުރުން 54 އަހަރުގެ މާކްގެ ހަތް ވަނަ ދަރިފުޅެވެ.

24 އަހަރުގެ ނާދިއާއަކީ ފެރެގުުއޭއަށް ނިސްބަތްވާ މޮޑެލްއެކެވެ. އަދި މިސް ޔުނިވަރސް 2021ގެ ރަނަރއަޕްގެ މަޤާމް ހޯދާފައިވާ ރީތީގެ ރާނީއެކެވެ. އޭނާއަކީ މާރކްގެ އެންމެ ދޮށީ ދަރިފުޅު އެރިއާނާއަށް ވުރެ ހަ އަހަރު ހަގު މީހެކެވެ. އަދި މި ކައިވެންޏަކީ މާކްގެ ހަތަރު ވަނަ ކައިވެނިވެސް މެއެވެ.

މީގެ އިތުރަށް ބަލާލާއިރުވެސް، މާކްގެ ދަރިންގެ މަންމަ ޑަޔަނާރާ ޓޮރޭސްއަކީވެސް މީގެ ކުރީގައި މިސް ޔުނިވަރސްގައި ބައިވެރިވެގެން އެ މުބާރާތް ކާމިޔާބުކޮށްފައިވާ ރީތީގެ ރާނީއެކެވެ. ޑަޔަނާރާ އާއި އެކީގައި އޭނާއަށް ލިބިފައިވަނީ 21 އަހަރުގެ ކްރިސްޓިއަން އަދި 19 އަހަރުގެ ރަޔަންއެވެ. އެއަށްފަހު، މާކްއާއި ކުރީގެ އަންހެނުން ޖެނިފާ ލޮޕޭޒްއަށް އެެއްމާބަނޑު ދެ ކުދިން ލިބިފައިވެއެވެ. މިހާރު އެ ދެ ކުދިންގެ އުމުރަކީ 14 އަހަރެވެ.

މާކް އާއި ނާދިއާ ކައިވެނިކޮށްފައި ވަނީ މިއަހަރުގެ ޖެނުވަރީގެ ފަހުކޮޅުގައެވެ. އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަން އިއުލާންކުރީ މިދިޔަ އަހަރުގެ މާޗް މަހުގައެވެ. އަދި ދެމީހުންވެސް ވަނީ ކައިވެނިކުރި އިރުގައި ނާދިއާ ބަލިވެ އިންކަން މީޑިއާތަކަށް ސިއްރުކޮށްފައެވެ. .