ޗައިނާ މީހުންނަކީ އާއްމު ގޮތެއްގައި އެހެން ގައުމުތަކުގެ މީހުންގެ ކެއުންތަކުގައި ބޭނުން ނުކުރާ އެއްޗެހި ބޭނުން ކުރާ ބައެކެވެ. ކޮންމެ ގައުމެއްގައި ވެސް ކެއުންތަކުގައި ބޮޑެތި ތަފާތުތައް ހުރެއެވެ. އެގޮތުން ޗައިނާ މީހުންނަކީ އަދިވަކިން އާދަޔާއި ހިލާފު ކެއުންތަކެއް އެމީހުންގެ މެނޫގައި ހިމެނޭ ބައެކެވެ.

މިހާރު ދުނިޔޭގެ ސަމާލުކަން ހުއްޓިފައި ވަނީ ޗައިނާ މީހުންގެ ކެއުމަށް އެންމެފަހުން އިތުރުވި އުފެއްދުމަށެވެ. މިއީ ހިލަ އިން ތައްޔާރު ކުރާ ކެއުމެކެވެ.

ޗައިނާ ބަހުން ސޫޑިއޯ ނަމަކަށް ކިޔާ މިޑިޝްގައި ހުންނަނީ ވަކި ހާއްސަ ވައްތަރެއްގެ ކުދިކުދި ހިލަތަކެކެވެ. ކެއުން ތައްޔާރު ކުރުމަށް ތަފާތު ސޯސްތަކާއި ތަރުކާރީތަކާއި މޭވާތައް ހިލަތަކާއިއެކު ކައްކައެވެ. ހިލަތަކުގައި ރަނގަޅަށް ސޯސްތައް ހޭކި، ހިލަތަކުން ސޯސްތަކުގެ ރަހަ ލާވަރުވުމުން ކެއުން ތައްޔާރުކޮށް ނިމުނީއެވެ.

މިކެއުން ކާން ޖެހޭ ގޮތަކީ ހިލަކޮޅު ލޮވެލުމަށްފަހު ހިލަކޮޅު އެއްލާލުމެވެ.

އާއްމުކޮށް އަގުހެޔޮ ކެއުންތައް ލިބޭ މަގުމަތީ ބާޒާރުތަކުން މިކެއުން ލިބެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މީގެ ކެއުމެއްގެ އަގަކީ 16 ޔުއާން އެވެ. އެއީ ގާތްގަނޑަކަށް 2.50 ޑޮލަރެވެ. ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް 50 ވަރަކަށް ރުފިޔާ އެވެ.

މިކެއުންތައް ތައްޔާރުކުރާ މަންޒަރު ފެންނަ ބައެއް ވީޑިއޯތައް މިހާރު ވަނީ އިންޓަނެޓްގައި ވައިރަލް ވެފައެވެ. އެއިން އެއް ވީޑިއޯ އިން ފެންނަ ގޮތުގައި ކެއުމަށްފަހު ކަސްޓަމަރަކު ވަނީ ހިލަކޮޅުތައް އޭނާ އަށް ގެންދެވިދާނެތޯ ޝެފް އާއި ސުވާލު ކޮށްފައެވެ. ޗެފް ވީޑިއޯގައި ބުނީ ސްވެނިއާއެއްގެ ގޮތުގައި ހަނދާނަކަށް ބަހައްޓަން ހިލަކޮޅުތައް ގެންދަން ވާނެ ކަމަށެވެ. މިއީ އެހައިވެސް ހާއްސަ ކެއުމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޗައިނާ މީހުން މިކެއުން ތައްޔާރު ކުރާތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. މިކެއުން ފުރަތަމަ ތައްޔާރު ކުރީ ކޯރުތަކުގައި ދަތުރުކުރި ޗައިނާގެ ދަތުރުވެރިންނެވެ. މިކެއުން މިހާރު އަނެއްކާވެސް ވައިރަލްވެ، ގިނަ ބައެއްގެ ސަމާލުކަން ލިބިގެން އުޅެނީ މިކެއުން ތައްޔާރުކުރާ ވީޑިއޯތަކެއް އާއްމުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތީ އާ ކެއުމެއް ނޫން. ތީ އަބަދުވެސް ޗައިނާ މީހުން ކައިއުޅޭ ކެއުމެއް.