އިޓަލީ ވިލާތުގެ މޮޅެތި ބަނަސްތަކާ ވާދަކުރެވޭ ފެންވަރުގެ ބަނަހެއްގެ ރެސިޕީ، ވީރާނާވެފައިވާ ޕޮމްޕޭ ސަހަރުން ހޯދައިފިއެވެ.

"އާޑޯރިއަމް" ނަމަކަށް ކިޔާ މި ބަނަހުގެ ރެސިޕީީ ހޯދުނީ އާކިއޮލޮޖިސްޓުންނަށް ޕޮމްޕޭ އިން ފެނުނު ކުރެހުމަކުންނެވެ.

އާކިއޮލޮޖިސްޓުން ދަނީ ގަރުނުތަކެއް ކުރިން ގޮވި ފަރުބަދައިގެ ސަބަބުން ވީރާނާވެގެންދިޔަ ޕޮމްޕޭގެ އެކި ތަންތަން ދިރާސާ ކުރަމުންނެވެ. އެގޮތުން، މި ތަސްވީރު ހޯދުނީ މީގެ ކުރިން ނުފެންނަ ސަރަހައްދަކުންނެވެ.

ގެބްރިއަލް ޒުޗްޓްރިގޭލް ސިފަކުރެއްވި ގޮތުގައި ތަސްވީރުގައި ރާ ތަށި ހުރި އިރު އެކި މޭވާތަކާއި ރޯމަނުންގެ ޗީޒް ސްޕްރެޑެއް ކަމަށްވާ މޮރެޓަމް ފަދަ ތަކެތި ކުރެހުމުން ދައްކުވައިދީފައިވެއެވެ.

ތަސްވީރު ދިރާސާކުރި ބައެއް އިލްމުވެރިން ވަނީ އެ ތަސްވީރުން ފެންނަ ފްލެޓް ބްރެޑަކީ ޕިއްޒާއެއް ކަމަށްވެސް ހީކޮށްފައިއެެވެ. އަދި އެއީ ގަދީމީ ރޯމް މީހުން އެންމެ ފުރަތަމައަށް އުފެއްދި ޕިއްޒާގެ ވައްތަރެއް ކަމަށްވެސް ބުނެފައިވެއެވެ.

ގަދީމީ ޒަމާނުގައި ބޭނުންކޮށްފައިވާ ކަލިނަރީ ދިރާސާކުރާ އާކިއޮލޮޖިސްޓުން ބުނާ ގޮތުގައި މި ތަސްވީރަކީ ރޯމްގައި ބޭނުންކޮށް އުޅުނު ބައެއް ކާނާގެ ބާވަތްތައް ދިރާސާކުރުމަށް މުހިންމު ހޯދުމެއް ކަމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މީގެ ކުރިން ޕޮމްޕޭ އިން ފެނުނު މިފަދަ އެހެން ގޮތް ނޭނގޭ ތަސްވީރެއްގެ ހަގީގަތް މި ފްރެސްކޯއިން ދޭހަކުރުމަށް އެހީތެރިވެދޭނެއެވެ.

ފްލެޓް ބްރެޑަށް ބޭނުންވާ ތަކެތި:

1 ކިލޯގްރާމް އެމާރ ފުށް

35 ގްރާމް ބްރެޑް ސްޓާޓަރ

4 ސައިސަމްސާ ލޮނު

2 ޖޯޑު ފެން

48 ގްރާމް ޒައިތޫނި ތެޔޮ

48 ގްރާމް މާމުއި

ތައްޔާރުކުރާނެ ގޮތް:

ބޮޑު ބޯތައްޓެއްގެ ތެރެއަށް ފުށާއި ލޮނު އެޅުމަށްފަހު، އެހެން ބޯތައްޓެެއްގައި ފެނާއި، ބްރެޑް ސްޓާޓާ، ޒައިތޫނި އަދި މާމުއި އަޅާފައި ނުގިރާ ބަހައްޓާށެވެ. ފުށުގެ މެދުގައި ވަށްކޮށް ހުސް ޖާގައެއް ހަދާށެވެ. އަދި އޭގެ ތެރެއަށް އަނެއް ބޯތަށީގައި ހުރި އެއްޗެހި އަޅާށެވެ. 10 މިނެޓް ވަންދެން ފުށްގަނޑު މޮޑެލާށެވެ.

ފުށްގަނޑު ބޮޑުވަންދެން، 2-6 ގަޑިއިރަށް އެއްކައިރީގައި ބެހެއްޓުމަށްފަހު ފަޅި ކޮށްލާށެވެ. އެއަށްފަހު އަތް ބޭނުންކޮށްގެން ފުށްގަނޑު ދެ ސެންޓިމީޓަރަށް ތުނި ކުރާށެވެ. ކުޑަ ފެން ފޮދެއް އޭގައި ހާކާލާށެވެ. އަދި 20-25 މިނެޓަށް އަވަނަށް ލައިގެން ފިހެލާށެވެ.

ރޯމަނުންގެ ރަސްކަމުގެ ޒަމާނުގައި އިޓަލީގެ ޕޮމްޕޭގައި މީގެ 2000 އަހަރު ކުރިން މީހުން ދިރިއުޅުނެވެ. އެކަމަކު، އަލިފާން ފަރުބަދަ ގޮވައި ދިޔާ އަލިފާނުގެ ތެރޭގައި މީހުންނާ އެކު އެ ތަން ވަނީ ވަޅުލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިޔާމީހާ

    ދިވެހިންގެ ނޫހެއްގަ "އެކަމަކު، އަލިފާން ފަރުބަދަ ގޮވައި ދިޔާ އަލިފާނުގެ ތެރޭގައި މީހުންނާ އެކު އެ ތަން ވަނީ ވަޅުލެވިފައެވެ." މިގޮތައް ލިޔުން ރަނގަޅެއްނޫން ޕޮންޕޭ އަކީ ﷲ ކޯފާ ފޮނުއްވި ރަށެއް

    23
    3
  2. 🌈

    އޯކޭ ތި ރެސިޕީ ހަދާނަން ވަރަށް މީރުވާނެހެން ހީވަނީ

    3
    8
  3. Anonymous

    ޕޮމްޕޭ މީހުން ކައިއުޅުނު އެއްޗެއް ކާކަށް ނުވާނެ. އެމީހުންނަކީ ވަރަށް ނުބައި ކަންކަން ކުރި ބަޔެއް. އެމީހުން ކުރި ނުބައި ކަންކަމުގެ ތެރޭގައި ގިރިކުޅި ވެސް ހިމެނޭ. ޖަނަވާރާއެކުގައި އެކަން ކުރި. ޕޮމްޕޭ ކާނާ ބޭނުމެއް ނޫން.

    20
    3