ހޮލީވުޑްގައި "ވޮންޑާ ވުމޭން" ފަދަ ޚިޔާލީ ފިލްމުތަކުގައި ހަރަކާތްތެރިވެފައިވާ މަގްބޫލު ފަންނާނު ގާލް ގެޑޮޓްއަށް ޑިޒްނީގެ ލައިވް އެކްޝަން ފިލްމު "ސްނޯ ވައިޓް" ގައި ނުބައި ބައި ކުޅުމުގެ ފުރުޞަތު ލިބިއްޖެއެވެ.

1937 ވަނަ އަހަރުގެ އެނިމޭޓެޑް ކާޓޫން "ސްނޯ ވައިޓް އެންޑް ދަ ސެވެން ޑްވާރފްސް"އަކީ މީގެ ކުރީގެ ޚިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ޑީޒްނީއިން އުފައްދާފައިވާ މަގްބޫލު ކާޓޫނެކެވެ. ސްނޯ ވައިޓް ލައިވް އެކްޝަން ފިލްމުގައި ގާލް ކުޅުމަށް ހަމަޖެހިފައިވަނީ ސްނޯ ވައިޓްގެ ދޮންމަންމަގެ ރޯލްއެވެ. މި ފިލްމުގައި ސްނޯ ވައިޓްގެ ރޯލްއިން ރެޗެލް ޒެލްގާ ފެނިގެންދާނެއެވެ.

ވޯގް ހޮންގް ކޮންގް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި އުމުރުން 38 އަހަރުގެ ގާލް ބުނީ މިކަހަލަ ތަފާތު ރޯލްއެއް ކުޅުން އޭނާއަށް ވަރަށް މަޖާ ތަޖްރިބާއަކަށްވެގެންދިޔަ ކަމަށެވެ. "ޑިޒްނީގެ ފުރަތަމަ ވިލެން އެއީ. އަދި ފެއަރީ ޓޭލްއެއްގެ ވާހަކައެއް ވީމަ އިތުރަށް ޝައުގުވެރިވި މި ރޯލް ކުޅެން" ގާލް ބުންޏެވެ.

މިއުޒިކަލް ފެންޓަސީ ޖޯންރާގެ މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގައިއެވެ. "ސްނޯ ވައިޓް" ޑައިރެކްޓް ކުރާނީ ޑައިރެކްޓާ މާރކް ވެބްއެވެ.

ޑިޒްނީއިން ވަނީ ވަރަށް ފަހުން "ލިޓްލް މާރމެއިޑް"ގެ ލައިވް އެކްޝަން ފިލްމުވެސް އުފައްދާފައިއެވެ. މި ފިލްމަށްފަހު "ސްނޯ ވައިޓް" ބަލާލުމަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދެއެވެ.

ރިޕޯޓްތައް ބުނާގޮތުން ނަމަ، ސްނޯ ވައިޓް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ 22 ވަނަ ދުވަހުގައިއެވެ.

ގާލް ގެޑޮޓް ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނެރުމަށް ހަމަޖެހިފައިވަނީ ނެޓްފްލިކްސްއަށް ރިލީޒްކުރާ "ހާރޓް އޮފް ސްޓޯން" ފިލްމެވެ.