ދިވެހި ފިލްމު "ނީނާ"ގެ ޕްރޮމޯޝަނަލް ލަވަ "އަލިފާން" ދައްކާލައިފިއެވެ.

މި ލަވަ ކިޔާފައިވަނީ ކުޅަދާނަ ދިވެހި މިއުޒިކް ފަންނާނު އަންދަލާ ހަލީމްއެވެ. އަދި ލަވައިގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ މިސްޓީއެވެ. މި ފިލްމުގެ ޕްރޮޑިއުސާ އިލްޔާސް ވަހީދު (އިއްލެ) ބުނީ މި ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޮގަސްޓް މަހުގެ ހަ ވަނަ ދުވަހުގައި ކަމަށެވެ.

މިއީ "ބަވަތި" ފިލްމަށް ފަހު އިއްލެ ޕްރޮޑިއުސްކޮށްފައިވާ ދެވަނަ ފިލްމެވެ.

މާލެ އާއި ލ. އަތޮޅުގައި ޝޫޓިންގ ކުރިއަށް ގެންގޮސްފައިވާ "ނީނާ" ގެ މަސައްކަތް ފަށާފައިވަނީ މީގެ 2-3 އަހަރު ކުރިންނެވެ. ނަމަވެސް، ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން މި ފިލްމު ސްކްރީން ނުކޮށް މަޑު ޖައްސާލަން ޖެހުނެވެ.

ބަތަލާ ނުޒުހަތު ޝުއައިބު (ނުޒޫ) އާއެކު މިހާރު ގިނަ ދިވެހި ފިލްމުތަކުން މަގްބޫލުކަން ހޯދަމުންދާ ފިލްމީ ތަރި ޝަރަފް އަބްދުﷲ މައިގަނޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ޝަރަފް ކުޅެފައިވާ ފުރަތަމަ ފިލްމުވެސް މެއެވެ. މި ފިލްމުގައި މަރިޔަމް ޝަކީލާއާއި ކުރީގެ ފިލްމީ ތަރި މަރިޔަމް ރަޝީދާ ވެސް ހަރަކާތްތެރިވާނެއެވެ.

މި ފިލްމުގެ ލީޑް ކެރެކްޓާ ނުޒޫ ވަނީ މި ފިލްމް ކުޅުމަށްޓަކައި ޙާއްސަ މާޝަލް އާޓްސް ޓްރެއިނިންގއެއް ދެ މަސް ދުވަހުގެ މުއްދަތަކަށް ފުރިހަމަކޮށްފައެވެ. އޭގެ އިތުރަށްވެސް، އޭނާ މި ފިލްމުގައި ދައްކުވައިދޭ މާޝަލް އާޓިސްޓްގެ ރޯލް ފުރިހަމައަށް ގެނެސްދިނުމަށްޓަކައި ނުޒޫ ވަނީ ޚާއްސަ ނިއުޓްރިޝަނަލް ޑައިޓްއެއްވެސް ކުރިއަށް ގެންގޮސް، އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތައް ގެނެސްފައިއެވެ.

ކިޔުންތެރިންގެ ހިޔާލު