ސިންގަޕޫރުގައި ފިރިހެނެއްގެ ކާއެއްޗެހި ދާ ހޮޅީގެ ތެރެއިން ބޯވައެއް ނަގައިފައެވެ.

ސިންގަޕޫރުގެ ޓޭން ޓޮކް ސެންގް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ބޮޑު ހައިރާން ކަމެއް ލިބިގެން ދިޔައީ މީހެއްގެ ކާބޯތަކެތީގެ ހޮޅި ތެރޭގައި ބޯވައެއް ތާށިވެފައި އޮއްވާ ފެނިގެންނެވެ.

އުމުރުން 55 އަހަރުގެ އެ މީހާ ބޯވައެއް އޮތް ކެއުމެއް ކެއި ފަހުން އުނދަގޫވެގެން ޝަކުވާ ކުރިއެވެ.

ނިއު ޔޯކް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑޮކްޓަރުން ސީޓީ ސްކޭނެއް ހެދުމުން އެ މީހާގެ ކާއެއްޗެހިދާ ހޮޅީގައި ބޮޑު އެއްޗެއް ތާށިވެފައި ހުރިކަން އެނގުނެވެ.

އަދި އެސޯފެގޯގަސްޓްރޮޑިއުޑެނޯސްކޮޕީއެއް ހެދުމުން ބަނޑާއި ކާއެއްޗެހި ދާހޮޅިއާ ކައިރިން ބޯވައެއް ތާށިވެފައި ހުރިކަން އެނގުނެވެ.

މިއާއެކު އޭނާގެ ކަރުން ބޯވަ ނެގުމަށް އެތައް ފަހަރަކު މަސައްކަތް ކޮށްފައި ވެއެވެ.

އޭގެ ފަހުން ޑޮކްޓަރުން ވަނީ ފޯސެޕް ބޭނުންކޮށްގެން އޭތި އޭނާގެ ބަނޑުން ނަގައިފައެވެ. އަދި ސާޖަރީ ކުރިތާ ދެ ދުވަސް ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ.

އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނާ ގޮތުގައި ކާބޯތަކެތި ހޮޅި ތާށިވެފައިވާ މައްސަލައަކީ އެންމެ އާންމު މައްސަލަތަކެވެ. އެގޮތުން 10 އިންސައްތައާއި 20 އިންސައްތައާ ދެމެދުގެ އަދަދެއްގެ ވޭދަނަތަކުގައި އެންޑޯސްކޯޕިކް އިންޓަރވެންޝަން ބޭނުންވާއިރު، އޭގެތެރެއިން އެއް އިންސައްތަ މީހުންނަށް ސާޖަރީ އެއް ބޭނުންވާކަމަށް ހޮސްޕިޓަލުން ބުނެއެވެ.