ދޮގުހަދައި އޮޅުވާލުމަކީ ބައެއް މީހުންގެ ކަށީގައި ހިފާފައި ހުންނަ އާދައެކެވެ. މިގޮތުން އޮޅުވާލާ އޮޅުވާލުންތަކުގެ ސަބަބުން ބައެއް ފަހަރަށް އެކަން ރައްދުވާ ފަރާތުން އެތައް ހިތާމައެއް ތަޙައްމަލް ކުރަން ޖެހޭއިރު، ދޮގު ހެދުމުގެ ކުރިން އެކަމާއި މެދު ވިސްނަނީ މަދު ބައެކެވެ. މިއީ އެފަދަ ހާދިސާއެއްގައި މީހެއްގެ ހީލަތްތެރިކަމުން އަންހެނެއްގެ މުޅި ޙަޔާތް ބަދަލުވެގެންދިޔަ ގޮތުގެ ވާހަކައެވެ.

ހޮންގކޮންގަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ ހިޔާންގް (އަސްލުނަމެއް ނޫން) އަކީ އަބަދުވެސް އޭނާ ދެކޭ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށް ކޮންމެ ކަމެއްވެސް ކުރާން ތައްޔާރަށް ހުންނަ މީހެކެވެ. ވެޑިންގް ޕްލޭނަރެއްގެ ގޮތުން ތަމްރީނުވެ އެ ދާއިރާގައި "ޕްރޮފެޝަނަލަކަށް" ވުމަކީ އޭނާ އެންމެ އެންމެ ދެކެން ބޭނުންވާ ދުވަހެވެ. އެހެން ނަމަވެސް އެ ހުރިހައި ކަމެއް ބަދަލުވެގެން ދިޔައީ މީހަކު އޭނާއަށް ދޮގުހަދައި އޮޅުވާލި ހިސާބުންނެވެ.

ހިޔާން އޭނާގެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށްޓަކައި ކިޔެވުން ނިމުމާއި އެކު އައީ އެ ދާއިރާގައި ކުރިއަށް ދިއުމަށް މަގު ކޮށައި އެކަމާއި ގުޅޭ ކޯސްތައް ހަދަމުންނެވެ. އެހެން ނަމަވެސް ވެޑިންގ ޕްލޭނަރެއްގެ ތަމްރީނުދޭ ފަރާތެއްކަމަށް ބުނި މީހަކު އޭނާ ގެންގޮސް މީހަކާއި ކައިވެނިކުރުވީ އެއީ ކޯހުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނެއް ކަމަށް ބުނެއެވެ. އަދި އަސްލު ކައިވެނީގެ ކަންކަން ކުރިއަށްދާގޮތް ދަސްކޮށްދިނުމަށްދޭ އެންމެ ފަހުގެ ފިލާވަޅުކަމަށް ބުނެ ދޮގު ހަދައިގެންނެވެ.

ހިޔާންއަށް އޭނާގެ ޒުވާން އުމުރުގައި ކުރިން ދިމާވެސް ނުވާ ނުދަންނަ މީހަކާއި ކައިވެނި ކުރެވިއްޖެކަން އެނގުނީ އެ ހަފްލާއަށްފަހު ކައިވެނީގެ ރަސްމީ ލިޔުންތައް ހަވާލުކުރި ފަހުންނެވެ. އެއީ ބޮޑު އޮޅުވާލުމެއްކަން އެނގުނުއިރު މާލަސްވެފައި ވުމުން ހިޔާން ފަހުން ވެސް އެ މައްސަލަ ކޯޓަށްވެސް ވައްދާފައެވެ. ނަމަވެސް އެ މައްސަލަ ނިމުނުގޮތެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އަދިވެސް ހިޔާން ހުރީ އޭނާ ކައިވެނިކުރި ނުދަންނަ މީހާގެ އަންބެއްގެ ގޮތުގައެވެ. ނަމަވެސް އެދެމީހުން އުޅެނީ ވަކިން ކަމަށާއި، ހިޔާން މިހާރު ވަރިވުމަށްވެސް ލިއުންތައް ކޯޓަށް ފޮނުވާފައިވާ ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

ހިޔާން ބުނެފައިވަނީ އޭނާއަށް ކުރިމަތިވި އެކަންތަކުގެ ސަބަބުން މުޅި ދިރިއުޅުން ބަދަލުވެފައިވާކަމަށާއި، އޭނާގެ ކިޔެވުން ހުއްޓި ދެކެމުންއައި ހުވަފެންވެސް ހަޤީޤަތަކަށް ހެދުމަށް ހުރަސް އެޅިފައިވާކަމަށެވެ. އަދި އެކަމުން ނަފްސާނީ ގެއްލުން ލިބި އެ ގެއްލުމުން އަރައިނުގަނެވިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު