ނިޔަފަތި ކައި އުޅުމަކީ އާއްމު ކަމެކެވެ. އެއީ ހަށިގަނޑަށް ޖަރާސީމްގެ އަސަރު ކުރާކަމެއް ކަމަށް ސިއްހަތާއި ބެހޭ މާހިރުން ބުނެއެވެ. އެހެން ނަމަވެސް އޮސްޓްރޭލިއާގެ ބިސްބްރޭންއަށް ނިސްބަތްވާ ޒުވާނަކަށް މި ވަނީ ނިޔަފަތި ކައިގެން، ބޮޑު ބައްޔަކާއި ކުރިމަތިލާން ޖެހިފައެވެ.

އުމުރުން 20 އަހަރުގެ ވިތޯން ނަމަކަށް ކިޔާ ޒުވާނާ ނިޔަފަތި ކައިގެން ޖެހުނު ބައްޔަކީ ހަންގަނޑަށް ޖެހޭ ކެންސަރުގެ ބައްޔެކެވެ. ވަރަށް މަދުން ފެންނަ އެ ބަލީގެ ސަބަބުން އެ ޒުވާނާގެ އިނގިލި ބުރިކުރަން ޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ވިތޯން ކިޔާދިން ގޮތުގައި، އޭނާ ނިޔަފަތި ކާން ފެށީ 2014 ވަނަ އަހަރުން ފެށިގެން ސްކޫލް ތެރޭގައި އޭނާއަށް ބުލީ ކުރާތީ ސްޓްރެސްވެގެންނެވެ. ސްޓްރެސްވުމުގެ ސަބަބުން ނިޔަފަތި ކައި އުޅުމުގެ ތެރޭގައި އެކަމަށް ދެވިހިފިއެވެ. އަދި އެންމެ ފަހުން ހަންގަނޑާއެކު ކާ ހިސާބަށްގޮސް، ކުއްލިއަކަށް ހުރެފައި އިނގިލީގެ ނިޔަވަފައްޗެއް ކަޅުވާން ފެށިއެވެ.

އެ ކަޅު ނިޔަފަތީގެ ވާހަކަ ވިތޯން އެއްވެސް މީހެއް ކައިރީގައި ނުދައްކައެވެ. ހަތަރު އަހަރު ވަންދެން އެ ނިޔަފައްޗަށްވެފައި އިން ގޮތް ބަލަންވެސް މީހަކަށް ނުދައްކައެވެ. އެހެން ނަމަވެސް އޭގެ ފަހުން އޭނާ އެ ކަޅު ނިޔަފަތް ނައްޓަން ބޭނުންވިއެވެ. އަދި އެކަމަށް ޕާލާސްޓިކް ސާރޖަރީއެއްވެސް ހަދަން ބޭނުންވިއެވެ. އެއިރުން އޭނާގެ އިނގިއްޔާއި ނިޔަފަތި ރީތިވާނެކަމަށް ބަލައެވެ.

އެ އޮޕަރޭޝަން ކުރުމުގެ ކުރިން ޑޮކްޓަރުން އޭނާގެ ބަޔޮޕްސީއެއް ހަދަން ބޭނުންވިއެވެ. އެކަމަށް ހަ ހަފްތާ ނަގާ އިތުރު ޓެސްޓުތައްވެސް ހެދިއެވެ. އެ ޓެސްޓުތަކުގެ ނަތީއްޖާއިން ދައްކަނީ ވަރަށް މަދުން ނޫނީ ނުފެންނަ ހަމުގެ ބައްޔެއް ވިތޯންގެ ހުންނަ ކަމެވެ. "މެލިގްނެޓް މެލަނޯމާ" ނަމަކަށް ކިޔާ އެ ބަލީގެ ސަބަބުން އޭނާ އެތައް ސާޖަރީތަކެއް ހެދިއެވެ.

އަދި އެ އިނގިލީގައި އިން ޓިއުމަރު ނެގިއެވެ. އެހެން ނަމަވެސް، ވިތޯން އެ ބަލިން ސަލާމަތްވީ އިނގިލި ބުރިކުރަން ޖެހޭ ހިސާބަށް ދިޔުމުންނެވެ.

ވިތޯން މިހާރު އެ އުޅެނީ އުފާވެރި ދިރިއުޅުމެއްގައެެވެ. އަދި ބުލީއާ ދެކޮޅަށް އެހެރީ ތެދުވެއެވެ.

ކިޔުންތެރިންގެ ހިޔާލު